ޕްރައިވެޓައިޒޭޝަން ބޯޑުން ތަހުގީގުކުރަމުން އަންނަ ތިލަފުށި ކޯޕަރޭޝަނާ ބެހޭ ގިނަ މައުލޫމާތުތަކެއް ހޯދަން ހުށަހަޅައިފި އެވެ.

އެ ބޯޑުގެ ނައިބު ރައީސް މުހައްމަދު ޔާސިރު ސޮއިކުރައްވައި ޓީސީއެލްގެ މެނޭޖިން ޑިރެކްޓަރު އިލްހާމް އިދުރީސް އަށް މިދިޔަ މިމަހުގެ 28 ވަނަ ދުވަހު ފޮނުވި ސިޓީއެއްގައި ވަނީ އެ ބޯޑުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ މައްސަލަ އިތުރަށް ރިވިއު ކުރުމަށްޓަކައި އެ ސިޓީއާ އެކު އެޓޭޗްކޮށްފައިވާ ޝީޓްގައިވާ މައުލޫމާތުތައް އަންނަ މަހުގެ ދެވަނަ ދުވަހުގެ ކުރިން ފޮނުވުމަށެވެ.

"އަދި ދަންނަވަމެވެ، މި ބޯޑުގެ ފަރާތުން ތިޔަ ކުންފުންޏަށް ވަޑައިގަންނަވަން ޖެހިއްޖެ ނަމަ މި ބޯޑުގެ ފަރާތުން ވަޑައިގަންނަވާ ބޭފުޅުންނަށް އެ ބޭފުޅުން ބައްލަވަން ބޭނުންވާ ލިޔުންތަކާއި މަސައްކަތަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދެއްވުމުގައި ތިޔަ ކުންފުނިން އެއްބާރުލުން ދެއްވުން އެދި ދަންނަވަމެވެ،" އެ ސިޓީގައި ބުނެފައިވެ އެވެ.

އެ ސިޓީއާ އެކު ފޮނުވި ޝީޓްގައި އެދިފައި ވަނީ ތިލަފުށި ކޯޕަރޭޝަންގެ އެޗްއާރު ޕޮލިސީ، ޕްރޮކިއުމަންޓް ޕޮލިސީ، އެނޫން ވެސް ކުންފުނީގައި އަމަލުކުރަމުން އަންނަ އެންމެހައި ޕޮލިސީތަކާއި މުނިސިޕަލްޓީގެ ލޭބަރުންނަށް ހާއްސަކޮށް އެ ބޭފުޅުން ތިލަފުށީގައި އެކޮމަޑޭޓްކުރުމަށް ތިލަފުށީގައި އިމާރާތެއް އެޅުމަށް ކުންފުނީގެ ބޯޑުން ބޭއްވި ބައްދަލުވުންތަކުގެ ޔައުމިއްޔާ އާއި އެ ޕްރޮޖެކްޓްގެ ޓެންޑާ ޕްރޮސެސް އާއި ކޮންޓްރެކްޓްކުރުމާއި ގުޅުން ހުރި ލިޔުންތައް އަދި އެ ކުންފުނީގެ ވޭތުވެދިޔަ 12 މަހުގެ މުސާރަ ޝީޓް ހިމެނެ އެވެ.

އެ ޝީޓްގައި އެ ކުންފުންޏަށް ފާއިތުވެ ދިޔަ 12 މަސް ދުވަހުގެ ތެރޭގައި ވަކިކުރެވުނު މުވައްޒަފުންގެ ވަކިކުރިކަމުގެ ލިޔުމާއި ސަސްޕެންޝަން ނުވަތަ އިންޒާރެއް ދެވިފައިވާ ނަމަ އެކަމާ ގުޅޭ ލިޔުންތަކާއި ކުންފުނީގެ އެޗްއާރު އަދި އެޑްމިންގެ ހެޑްގެ ވަޒީފާ އަށް ކުރެވެނު އިއުލާނާއި މި މަގާމަށް ބޭފުޅަކު ހޮވުމަށް ޓަކައި ބޭނުންކުރެވުނު ޕޮލިސީ އާއި މިންގަނޑުތަކާއި ހުށަހަޅާފައިވާ ވަނަވަރުތައް އަދި ކުންފުނިން 12 މަސް ދުވަހުގެ ތެރޭގައި ހެދިފައިވާ އެމްއޯޔޫތަކާއި ކޮންޓްރެކްޓް އަދި ޖޮއިންޓްވެންޗާ އެގްރިމަންޓްތަކާއި ލިޔުންތައް އަދި އެކަމާ ގުޅޭ ޔައުމިއްޔާ ވެސް ފޮނުމަށް އެދިފައިވެ އެވެ.

އޭގެ އިތުރުން 20،000 ޑޮލަރުގެ ކްރެޑިޓް ފެސިލީޓީގެ ކްރެޑިޓް ކާޑެއް ހެދުމާ ގުޅޭ ގޮތުން ކުންފުނީގެ ބޯޑުން ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާ އާއި އެކަމާ ގުޅޭ ލިޔުންތަކާއި ވޭވް ގާޑް ސިސްޓަމާއި ތިލަފުށީގެ ހިއްކާފައިވާ ސަރަހައްދުގައި އެކި ކަހަލަ މަސައްކަތްތައް ހަވާލުކުރުމާ މެދު ބޯޑުގެ ބައްދަލުވުމުގެ ޔައުމިއްޔާ އާއި އެ މަޝްރޫއާ ގުޅޭ ލިޔުންތަކާއި ތިލަފުއްޓަށް ބޭނުންވާ ވެހިކަލް ގަތުމަށް ނީލަމުގައި ބައިވެރިވުމަށް ބޯޑުގެ ބައްދަލުވު ޔައުމިއްޔާ އާއި އެ މަޝްރޫއާ ގުޅޭ ލިޔުންތައް އަދި ތިލަފުށީގެ ބިމުކުލި ބަދަލުކުރުމަށް ބޭއްވުނު ބޯޑުގެ ބައްދަލުވުމުގެ ޔައުމިއްޔާ އާއި މަޝްރޫއާ ގުޅުން ހުރި ލިޔުންތައް ވެސް ފޮނުވުމަށް އެދިފައިވެ އެވެ.

ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައެއް ބަލަން ފަށާފައިވަނީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ޕްރައިވެޓައިޒޭޝަން ބޯޑުގެ ހުއްދަ ނެތި އެއްވެސް ކެޕިޓަލް ހަރަދެއް އަދި މުވައްޒަފުން ވަކިކޮށް މަގާމަށް އައްޔަން ނުކުރަން އޮގަސްޓް ހަތަރު ވަނަ ދުވަހު އެ ކުންފުންޏަށް އަންގާފައިވެ އެވެ.

މިދިޔަ ޖެނުއަރީ 17 ވަނަ ދުވަހު ތަސްދީގުކުރި ގާނޫނުގެ ދަށުން އުފައްދާފައިވާ ޕްރައިވެޓައިޒޭޝަން ބޯޑުގެ މަސައްކަތްތަކުގެ ތެރޭގައި ވިޔަފާރީގައި ވާދަވެރި މާހައުލެއް އުފެއްދުމާއި ވަކި ބައެއްގެ ބާރުގެ ދަށަށް ސިނާއަތްތައް ދިއުން ހުއްޓުވުމާއި މިނިވަން ވިޔަފާރީގެ ސިޔާސަތުތައް ތަންފީޒުކުރުން ހިމެނެ އެވެ. އަދި ކުންފުނިތަކުގެ ބޯޑުތަކަށް ސަރުކާރުގެ ފަރާތުން މީހުން އައްޔަންކުރުމުގެ ބާރާއި ޕްރައިވެޓައިޒޭޝަންގެ ދަށުން މީގެ ކުރިން ހިންގާފައިވާ މަޝްރޫއުތަކާ ގުޅޭ ކަންކަން ތަހުގީގުކުރުމުގެ ބާރު ވެސް އެ ބޯޑަށް ލިބިދެ އެވެ.