03 Sep 2013, 11:14
ގައުމީ ޔުނިވަސިޓީ އާއި ޓީވީ މޯލްޑިވްސް ގުޅިގެން ކުރީ ރޭ ގެނެސްދިން "ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް"ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޑރ. ވަހީދުގެ ސަރުކާރުގައި އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ ދެއްކި ވާހަކަ އަށް ގައުމައިގެން ކުރިއަށް ކޯލިޝަނުން ރައްދުދީފި އެވެ.
އިއްޔެ ރާވެރިޔާ ރެސްޓޯރަންޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑީއާރުޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު އަދި ނޮޅިވަރަމް ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެމްބަރު މުހަންމަދު ނަޝީދު (ކާނަލް) ވިދާޅުވީ ކުރީ ރޭގެ ބަހުސްގައި ބައިވެރިވި ކެންޑިޑޭޓުން، ގައުމައިގެން ކުރިއަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ތަކުރާރުކޮށް ރައްދު ދެއްވި ނަމަވެސް ބަހުސްގައި ޑރ. ވަހީދު ރައްދު ނުދެއްވީ އެކަމަށް ފުރުސަތު ނެތުމުން ކަމަށް ވެސް ކާނަލް ވިދާޅުވި އެވެ.
ޑރ. ވަހީދުގެ ދެ އަހަރުގެ ސަރުކާރުގައި އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ކާނަލް ވިދާޅުވީ ޑރ. ވަހީދުގެ ސަރުކާރުން ނަރުދަމާއި އާއި ބަނދަރާއި ކުނިނައްތާލުމަށާއި ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ގިނަ މަޝްރޫއުތަކެއް ހިންގަވާފައިވާ ކަމަށެވެ.
ކާނަލް ވިދާޅުވީ ޑރ. ވަހީދުގެ ސަރުކާރުގެ ދެ އަހަރު ތެރޭގައި 46 ރަށެއްގެ ނަރުދަމާގެ މަސައްކަތް ފައްޓައިގެން ކުރިއަށްދާ ކަމަށާއި ކުރީގެ ނަޝީދުގެ ތިން އަހަރު ތެރޭގައި 17 ރަށެއްގެ ނަރުދަމާގެ މަސައްކަތް ކަމަށެވެ.
"ހަމައެކަނި ނަރުދަމާގެ ހާލަތަށް ބައްލަވާލެއްވިއަސް ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި މިހާރު ދެ ނަރުދަމާއެއް ގާއިމުކުރެވި އެ ދެ ނަރުދަމާ މިހާރު ބޭނުންކުރެވެން ފެށިފަ މިވަނީ. މީގެ އިތުރުން 31 ނަރުދަމާއެއް އަޅުނގަޑުމެން ދައުލަތުގެ ބަޖެޓުން އެ ނަރުދަމާގެ މަސައްކަތްތަށް ފެށިފައި މިވަނީ. ޖުމްލަ މިހެން ދަންނަވާ ކަމަށް ވަންޏާ 46 ނަރުދަމާއެއްގެ މަސައްކަތް އަޅުނގަޑުމެންނަށް މިހާތަނަށް ފެށިފައި މިވަނީ. ވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ހެދިފަ ވަނީ 17 ނަރުދަމާއެއް މުޅިން ކޮމްޕްލީޓް ކޮށް ނިމިފަ ވަނީ،" ކާނަލް ވިދާޅުވި އެވެ.
ސާފު ބޯފެނުގެ ނިޒާމާއި ކުނި ނައްތާލުމުގެ ނިޒާމަށް އަލިއަޅުއްވާލައްވަމުން ކާނަލް ވިދާޅުވީ ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް 10 ރަށެއްގައި މަސައްކަތް ފަށާފައިވާ ކަމަށާއި ވޭތުވެ ދިޔަ ތިން އަހަރު ރައްކާތެރި ބޯފެން ފޯރުކޮށްދެވިފައި ވަނީ އެންމެ ތިން ރަށުގައި ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ޓަޓްވާ ފަދަ ކުންފުނިތަކާ އެކު ހަދާފައި ހުންނަ "ފެންނުހިފާ" އެއްބަސްވުންތަކެއް ކަމަށް ކާނަލް ވިދާޅުވި އެވެ. ކާނަލް ވިދާޅުވީ މިހާރު މާލޭގެ ކުނީގެ މައްސަލަތަށް ހޯދުމަށް މަސައްކަތް ކުރާ އިރު ފަސް ރަށެއްގައި މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ކާނަލް ވިދާޅުވީ ރައީސް ވަހީދުގެ ވެރިކަމުގެ 18 މަސް ދުވަހުގެ ތެރޭގައި ހަތް ބަނދަރު ހަދައި ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. އަދި 13 ބަނދަރެއްގެ މަސައްކަތް ފަށާފައިވާ ކަމަށް ކާނަލް ވިދާޅުވި އެވެ.