ދިމިޝްޤު (ސެޕްޓެމްބަރ 3): ހުޅަނގުން ސޫރިޔާއަށް އަރައިގެންފި ނަމަ މެދުއިރުމަތީގައި ސަރަހައްދީ ވަރުގަދަ ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު ރައީސް ބައްޝާރުލްއަސަދު ދެއްވައިފި އެވެ.

ފަރަންސޭސިވިލާތުގެ ނޫހެއް ކަމަށްވާ "ލޮފިގަރޯ" އަށް ދެއްވި ބަސްދީގަތުމެއްގައި ބައްޝާރު ވިދާޅުވީ އޭނާގެ ސަރުކާރުން ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމަށް ހުޅަނގުންކުރާ ތުހުމަތުތަކަށް އެއްވެސް ހެއްކެތް އަދި ދަލީލެއް ދެއްކިފައިނުވާ ކަމުގަ އެވެ. "މިއީ ޢިރާޤުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ ހުޅަނގުން ހެދި ދޮގުތަކާ އެއްގޮތް ދޮގުތަކެއް" ލޮފިގަރޯ އަށް ދެއްވި ބަސްދީގަތުމުގައި ބައްޝާރު ވިދާޅުވި އެވެ.

ބައްޝާރުގެ ވާހަކާގައި އޭނާގެ އަނިޔާވެރި ވެރިކަމާ ދެކޮޅަށް ހަނގުރާމަކުރާ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަކީ ޓެރަރިސްޓުން ކަމަށް ސިފަކުރެއްވި އެވެ. ނަމަވެސް މިހާ ބޮޑަށް ސޫރިޔާ ރައްޔިތުންގެ ލޭއޮހޮރޭގޮތަށް ސޫރިޔާގެ މައްސަލަ ގޮސްފައި ވަނީ ރައްޔިތުންގެ ގޮވާލުންތަކާ އެއްގޮތަށް ވެރިކަމުން ފާބައި އެހެން ބޭފުޅަކާ ވެރިކަން ޙަވާލުނުކުރުމުގެ ސަބަބުން ކަމަށް ލޮފިގަރޯގެ މުރާސިލު ދެންނެވި ސުވާލަށް ޖަވާބު، އެކަށީގެންވާ ގޮތެއްގައި ބައްޝާރަށް ދެއްވިފައިނުވާ ކަމަށް އެނޫސް ބުނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އެމެރިކާ ވައިގެ މަގުންނާއި ކްރޫޒް މިސައިލުން ކިތަންމެ ވަރުގަދަ ޙަމަލާތަކެއް ސޫރިޔާ އަށް ދިންނަމަވެސް އެކަމުން ބައްޝާރުގެ ވެރިކަމަށް ނިމުމެއް ނާންނާނެ އެވެ. އެމެރިކާ ސިފައިން އެއްގަމުމަގުން ސޫރިޔާ އަށް އަރައި ވަރުގަދަ ހަނގުރާމައެއް ކޮށްގެންނޫނީ ބައްޝާރުގެ ވެރިކަން ވައްޓާނުލެވޭނެ ކަމަށް ވެސް މިކަމާ ބެހޭ ތަޙްލީލީ ރިޕޯޓްތައް ބުނެ އެވެ.

ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި އަލްޤާއިދާއަށް ނިސްބަތްވާ ނުރައްކާތެރި އަދި އަމިއްލައަށް މަރުވެގެން ޙަމަލާދޭ ގިނަ އަދަދެއްގެ ޕްރޮފެޝަނަލް ހަނގުރާމަވެރިން ތިބެފައި ޢިރާޤު ހުރަސްކޮށް އަލްޤާއިދާގެ އިތުރު ހަނގުރާމަވެރިން ސޫރިޔާ އަށް ވަނުމުގެ ފުރުސަތު އޮތުމުން އެމެރިކާ ސިފައިން ސޫރިޔާ އަށް އެއްގަމުމަގުން އަރައި ހަނގުރާމަކުރުމަކީ އެމެރިކާ ސިފައިން ލޭގެ ކޯރަކަށް ވެއްޓިގެންދާނެ ކަމެއް ކަމަށްވާތީ އޮބާމާގެ ސަރުކާރުން މިގޮތަށް ކަންތައް ނުކުރާނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ.

އަނެއްކޮޅުން ރަޝިޔާގެ މަސްއޫލުވެރިއަކުވަނީ ސޫރިޔާ އަށް އެމެރިކާ ޙަމަލާދީފި ނަމަ ރަޝިޔާ އިން އިތުރު ޒަމާނީ ހަތިޔާރު ސޫރިޔާ އަށް ދީފާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. ނަން ހާމަކުރަންނޭދޭ މިމަސްއޫލުވެރިޔާ އާ ޙަވާލާދީ އިންޓަ ފެކްސް ބުނީ އދ.ގެ ޤަރާރަކާނުލައި އެމެރިކާ ސޫރިޔާއަށް ޙަމަލާދީފި ނަމަ ރަޝިޔާ އިން ބައްޝާރުގެ ސަރުކާރަށް އިތުރު ހަތިޔާރު ފޯރުކޮށްދިނުން ވަރަށް ގާތްކަމުގަ އެވެ. އަނެއްކޮޅުން އީރާނުން ވެސް ޢިރާޤުގެ ސަރަހައްދު ހުރަސްކޮށް ބައްޝާރުގެ ސަރުކާރަށް ހަތިޔާރު ފޮނުވާނެ ކަމަށާ ނަމަވެސް އީރާނުން ސީދާގޮތެއްގައި ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ނުވަންނާނެ ކަމަށް އީރާނުގެ ނޫސްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)