ދިވެހި ސަރުކާރުގެ މާލީ މައްސަލަތައް ހައްލުކޮށްފައި ނުވާތީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް[އައިއެމްއެފް] އިން ރާއްޖެ އަށް ދިނުމަށް ކަނޑައެޅި 92.5 މިލިއަން ޑޮލަރުގެ ތެރެއިން ބޮޑު ބައެއް ނުދީ ފަސްކޮށްފައިވާ ކަމަށް އައިއެމުއެފުން ބުނެފި އެވެ.


އައިއެމްއެފްގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް ކޮޝީ މަތާއި އާ ހަވާލާދީ ޕާކިސްތާނުގެ ޑެއިލީ ޓައިމްސްގެ މިއަދުގެ އަދަދުގައި ބުނެފައި ވަނީ މި އަހަރުގެ ފަހުކޮޅު ދިނުމަށް ކަނޑައަޅާފައިވާ ފަހު ޕޭމަންޓް ދިވެހި ސަރުކާރުގެ "މާލީ މައްސަލަތަކާ ހުރެ، ފަސްކޮށްފައި"ވާ ކަމަށެވެ.


މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އައިއެމްއެފްގެ ލޯން ހުއްދަ ކުރި ފަހުން ދެ ފަހަރެއްގެ މަތީން ރާއްޖެ އަށް ވަނީ 15 މިލިއަން ޑޮލަރު ދީފަ  އެވެ.


އައިއެމްއެފުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ދައުލަތުގެ މުސާރަތައް ކުޑަނުކުރެވި، އަދި ޓެކްސް ބިލް ފާސްކުރެވިފައި ނުވާ ކަމަށެވެ.


އައިއެމްއެފްގެ އެހީ އަށް ދިވެހި ސަރުކާރުން މިދިޔަ އަހަރުގެ ފަހުކޮޅު އެދުނީ، ދުނިޔޭގެ އިގްތިސާދަށް ކުރި ނޭދެވޭ އަސަރުތަކެއްގައި ޓޫރިޒްމާއި މަސްވެރިކަން ދައްވެ، އިގްތިސާދަށް ލޮޅުންތަކެއް އަރުމާ ގުޅިގެންނެވެ.


މިދިޔަ މަހު 27 އިން މި މަހު 8 އަށް އެއިއެމްއެފްގެ ވަފުދު ރާއްޖެ އަށް ކުރި ދަތުރު ނިންމާލުމަށް ފަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދައުލަތުގައި މުވައްޒަފުން އިތުރުވުމާއި މުވައްޒަފުންގެ މުސާރަ ވަރަށް ބޮޑުތަން އިތުރުވުމުގެ ސަބަބުން މުސާރަ އަށް ކުރާ ހޭދަ 2007 އިން 2009 ވަނަ އަހަރާ ދެމެދު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ. އަދި ދައުލަތުގެ ޑެފިސިޓް ވަރަށް ބޮޑަށް އިތުރުވެ، ޖީޑީޕީގެ ނިސްބަތުން ]ދަރަނި] 26.5 އިން ސައްތައަށް 2009 ވަނަ އަހަރު ނިމުނު އިރު އަރާފައިވާ ކަމަށެވެ.


އައިއެމްއެފްގެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖެ އަކީ އެހެން ގައުމުތަކާ އަޅާބަލާ އިރު ޑެފިސިޓް އެންމެ މަތީ އެއްގައުމު ކަމަށެވެ. އަދި ބުނެފައި ވަނީ ޑެފިސިޓަށް ފައިނޭންސް ކުރުމަށް ދަރަނި ހޯދުމުގެ ސަބަބުން ބޭންކްތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރަން ހުންނަ ފައިސާ މަދުވެ، އިންޓަރެސްޓް ރޭޓް މައްޗަށް ދިއުމަށް މަގުފަހިވާ ކަމަށެވެ.


"އަދި ޑެފިސިޓް އިތުރުވުމުގެ ސަބަބުން އިމްޕޯޓް އިތުރުވެ، ޑޮލަރު ބޭނުންވާ މިންވަރު އިތުރުވެ، ޑޮލަރު ގަނެ ވިއްކާ ރޭޓަށް ބާރުބޮޑުވެގެން ދެ އެވެ،" އައިއެމްއެފްގެ ބަޔާނުގައިވެ އެވެ. "އަދި މީގެ އިތުރުން ސަރުކާރުގެ ދަރަނި ވަރަށް ބޮޑުތަން އިތުރުވެފައިވީ ހިނދު، ޑެފިސިޓް ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅިއްޖެ ނަމަ ސަރުކާރުގެ ދަރަނި ދެމެހެއްޓެނިވި ނޫން ގޮތަކަށް އިތުރުވެގެން ދާނެ އެވެ،"


އިގްތިސާދު ހަރުދަނާ ކުރުމަށް ހުސްވި އަހަރު ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އެޅި ކަމަށާއި އޭގެ ތެރޭގައި ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން އެޅި ފިޔަވަޅު ހިމެނޭ ކަމަށާއި އެހެން ނަމަވެސް އެ މައްސަލަ މިހާރު ވަނީ ކޯޓުގައި ކަމަށް އައިއެމްއެފުގެ ވަފުދުން ބުނެފައިވެ އެވެ.  


"މީގެ އިތުރުން ސަރުކާރުގެ މުވައްޒަފުންގެ އަދަދު މަދު ކުރުމަށް ޓަކައި ޕްލޭންތަކެއް އެކަށައެޅިފައިވީ ކަމުގައި ވިއަސް، މިކަމުގައި ލިބިފައި ވަނީ ވަރަށް ކުޑަ ކުރިއެރުމެކެވެ." އަދި " އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ސަބަބުން މުސާރަ އަށް ކުރާ ހޭދަ އިތުރުވެންދާނޭ ކަމަށް ލަފާކުރެވެ އެވެ."


އައިއެމްއެފުން ބުނީ މިދިޔަ އަހަރު ޓޫރިޒަމް ދަށަށް ގޮސް އިގުތިސާދު ކުރި އަރާވަރު ވެސް ތިން ޕަސެންޓަށް ދަށަށް ދިޔަ ކަމަށާއި ނަމަވެސް މި އަހަރު އިގްތިސާދު ކުރިއަރާ ނިސްބަތް ފަހަކާއި ހަ ޕަސެންޓްގައި ކުރި އަރާނެ ކަމަށް ލަފާކުރާ ކަމަށެވެ.