ފުލުހުންގެ ވަޒީފާ އަދާކުރާ 300 ފަރާތަކަށް "ބުލޫޒް ހައުސިން ސުކީމް"ގެ ދަށުން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ރޭ ހަވާލުކޮށްފި އެވެ.

އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ ތެރެއިން ލާންސް ކޯޕްރަލުން ފެށިގެން ކޮމިޝަނަރާ ހަމައަށް އެކި ރޭންކުތަކުން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ހަވާލުކުރި އެވެ.

ފުލުހުންނަށް ފްލެޓް ލިބޭނެ ކަމަށް ރޭ ލިޔުން ހަވާލުކުރި އިރު، އެ އިމާރާތުގެ މަސައްކަތް އަދި ނުފައްޓަ އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވީ ހުޅުމާލޭގައި ހަދާ އިމާރާތުގެ މަސައްކަތް ފެށުމާ އެކު 24 މަސް ދުވަސް ތެރޭގައި އިމާރާތުގެ މަސައްކަތް ނިމި އިމާރާތުގައި އުޅެވޭ ވަރު ވާނެ ކަމަށެވެ.

ރިޔާޒު ވިދާޅުވީ އަލަށް ހަދާ ފްލެޓް އިމާރާތުން ފްލެޓް ހޯދުމަށް 600 އަށް ވުރެ ގިނަ ފުލުހުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

ހުޅުމާލެގެ ހުޅަނގު ދެކުނު ސަރަހައްދުގައި އަޅާ 300 ފްލެޓްގެ ގްރައުންޑް ފްލޯ ބޭނުން ކުރާނީ ކޮމާޝަލް ބޭނުންތަކަށް ކަމަށް ފުލުހުން ބުންޏެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އިތުރު 100 ފްލެޓް އެޅުމުގެ މަޝްރޫއެއް ފަށާ ގޮތަށް މަސައްކަތް ކުރާ ކަމަށް ވެސް ކޮމިޝަނަރު އޮފް ޕޮލިސް ރިޔާޒް ވިދާޅުވި އެވެ.