03 Sep 2013, 09:41
ތ. ތިމަރަފުށީ އެއާޕޯޓް ކުލަ ގަދަ ރަސްމިއްޔާތަކާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެންމެ ހުޅުވައިދެއްވައިފި އެވެ.
އެ މަނިކުފާނު އެއާޕޯޓް ހުޅުވައި ދެއްވުމުން ތ. އަތޮޅުގެ ރައްޔިތުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. ތިމަރަފުށީގައި ތަރައްގީކޮށްފައިވާ އެ އެއާޕޯޓަކީ ތ. އަތޮޅުގެ ރައްޔިތުންގެ އުންމީދުތަކަކާ އަދި ތަރައްގީއާ ގުޅިފައިވާ އެއާޕޯޓެވެ. އަދި އެއެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.
އެއާޕޯޓް ހުޅުވުމަށް ފަހު ވާހަކަ ދައްކަވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ ތިމަރަފުށީ އެއާޕޯޓްގައި ވަރަށް އަވަހަށް ބައްތި ހަރުކުރެވި ރޭގަނޑު ވެސް ފުލައިޓް ޖެއްސޭނެ ކަމަށެވެ. އަދި ދެ ދުވަހެއްގެ ތެރޭގައި އެއެއާޕޯޓްގެ ޓާމިނަލް ހެދުމުގެ މަސައްކަތް ހަވާލުކުރެވިގެންދާނެ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ ވޭތުވެ ދިދަ ދޮޅު އަހަރެއްގެ ތެރޭގައި ރާއްޖެ އަށް ބޮޑެތި ތަރައްގީތަކެއް ގެނެވިފައިވާ ކަމަށާއި އެގޮތުން ވޭތުވެ ދިޔަ ދޮޅު އަހަރުތެރޭގައި 1000 ހައުސިން ފުލެޓް ނިންމައި އިތުރު ފްލެޓްތަކުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ދެ އެއާޕޯޓެއް ނިންމާ ތިން އެއާޕޯޓެއްގެ މަސައްކަތް ކުރަމުންދާ ކަމަށާއި 52 ރަށުގެ ބަނދަރުގެ މަސައްކަތް މިހާރު ކުރަމުންދާ އިރު 44 ރަށުގައި ނަރުދަމާގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިއަދުގެ އެ ރަސްމިއްޔާތުގައި ވަނީ އެ އެއާޕޯޓް ހިންގުން އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފަ އެވެ. އަދި އެއާޕޯޓް ހިންގުމުގެ ލައިސެންސް ސަރުކާރުގެ ފަރާތުން އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައިވެ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވީ ތިމަރަފުށީ އެއާޕޯޓްގެ ޓާމިނަލް ނިމޭ އިރު އެ ޓާމިނަލް ވެގެންދާނީ މިހާރު ރާއްޖޭގެ ޑޮމެސްޓިކް އެއަޕޯޓެއްގައި ހުންނަ އެންމެ ފުރިހަމަ ޓާމިނަލް ކަމަށެވެ. އަދި އެ އެއާޕޯޓް ހަދާފައި ވަނީ ބޭނުންވާ އިރެއްގައި ބޮޑުކުރެވޭ ގޮތަށް ކަމަށާއި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ވަރަށް އަވަހަށް އެމްޓީސީސީއާ ހަވާލުކުރާނެ ކަމަށެވެ.