މއ. ޝެޑޯ އެވެނިއުގޭ ކައިރީގައި ރޭ މީހެއްގެ ގަޔަށް ވަޅިހަރައި ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ރޭ މެންދަމުން އަލިވެ 12.50 އެހާކަށް ހާއިރު މއ. ޝެޑޯ އެވެނިއު ނަމަކަށް ކިޔާ ގޭގެ ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމަށް ރިޕޯޓްކުރި ކަމަށެވެ. އެ ހާދިސާގައި އެމީހާގެ ހަށިގަނޑުގެ ތިން ތަނަކަށް ތޫނު އެއްޗެއް ހަރައި ޒަހަމްކޮށްލާފައިވާ ކަމަށާއި އޭނާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ.

އެ ހާދިސާގައި ތުހުމަތު ކުރެވޭ މީހުން ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ޒަހަމްވީ މީހާއާ ބައްދަލުވި ބައެއް މީހުން ބުނީ އޭނާގެ ގަޔަށް ވަޅި ހެރި މީހާގެ އަތުން ވަޅި އަތުލައި، ރައްދު ހަމަލައެއް ދިން ކަމަށެވެ.

"އެމީހުން ހޯދާ، އެމީހުންގެ ގައިން ވެސް މިގޮތަށް ލޭ ފައިބާނެ،" ޒަހަމް ވީ މީހާ ގޮވަމުން ދިޔަ ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.