03 Sep 2013, 00:09
ސާފް ޗެމްޕިއަންޝިޕް 2013ގެ ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުުޅުނު ފުރަތަމަ މެޗުގައި މިއަދު ހަވީރު ވާދަވެރި ސްރީލަންކާ 10-0ގެ ބޮޑު ތަފާތަކުން ބަލިކުރި މެޗުގައި ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)ގެ ފަރާތުން ފެނިގެން ދިޔައީ އާދަޔާ ހިލާފް މޮޅު ކުޅުމެއް ކަމަށް ގައުމީ ޓީމްގެ ކޯޗް އިސްތަވާން އުރުބާނީ ބުނެފި އެވެ.
މިއަދުގެ މެޗުގައި ރާއްޖެ ކާމިޔާބު ކުރި 10 ލަނޑުގެ ތެރެއިން ހަ ލަނޑު ކާމިޔާބުކޮށްދިނީ ދަަގަނޑޭ އެވެ. އަނެއް ހަތަރު ލަނޑު ކާމިޔާބު ކުރި އަސަދުﷲ އަބްދުﷲއާއި، އަލީ ފާސިރު (ސެންޓޭ)އާއި، ހަސަން އަދުހަމް (ސަޑޭ)ގެ އިތުރުން ތަޖުރިބާކާރު ފޯވަޑް ޢަލީ އުމަރު އެވެ.
"މިއަދު އަޝްފާގު ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައި. އަދި އޭނާ ވަނީ ގިނަ ލަނޑުތަކެއް ޖަހާފައި،" ގައުމީ ޓީމުގެ ހަންގޭރީ ކޯޗު ބުންޏެވެ. "އެކަމަކު އޭނައަކީ ޓީމުގެ މެންބަރެއް އަދި ޓީމުގެ ލީޑަރު. އަހަރެން އޭނާގެ އެ ކުޅުމަށް ތައުރީފު ކުރަން. ޖުމުލަކޮށް ބުނާނަމަ މިއީ މުޅި ޓީމުގެ މަސައްކަތް."
ކޯޗު ބުނީ، މިއަދުގެ މެޗުގައި ހަ ލަނޑު ދަގަނޑޭ ޖަހާފައިވާއިރު ބައެއް ކުޅުންތެރިންނަށް ލަނޑު ނުޖެހުމުން މޫނުމަތިން މާޔޫސްކަން ފެނިގެން ދިޔަ ކަމަށާއި އެހެން ނަމަވެސް އެ ކުޅުންތެރިންނަށް ލަނޑުޖަހަން ކުރިއަށް އަދި މެޗުތައް އެބަ ހުރި ކަމަށެވެ.
"ބައެއް ކުޅުންތެރިންނަށް ލަނޑު ޖަހަން ފުރުސަތު ލިބި ކާމިޔާބު ނުކުރެވުމުން ދެރަވެފައި ތިބި މަންޒަރު އަހަންނަށް ފެނުނު. އެކަމަކު މިއީ އަދި ފުރަތަމަ މެޗު. އެހެންވީމާ ކުރިއަށް އޮތްތާނގައި އެކަން ރަނގަޅުވާނެ ކަމުގެ ޔަގީންކަން އޮތުމަކީ ވަރަށް މުހިއްމު ކަމެއް،" އުރުބާނީ ބުންޏެވެ.
މެޗުގެ 20 ވަނަ މިނިޓުގައި ލަންކާގެ ގޯލް ކީޕަރު މުހައްމަދު އިމްރާން ދަނގަޑޭއަށް ކުރި ފައުލަކާ ގުޅިގެން ރަތްކާޑެއް ދައްކައި ފޮނުވާލުމުން 10 މީހުންނާއެކު ކުޅެމުން އައި ލަންކާ ޓީމުގެ ކޮޅަށް 10 ލަނޑަށްވުރެ އިތުރަށް ވެސް ލަނޑު ޖަހަން ބޭނުންވި ކަމަށް ކޯޗު ބުންޏެވެ.
"ޓީމުގެ ކުޅުމާ ދޭތެރޭ އަހަރެން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ. އަދި އަހަރެން ބޭނުންވި މިއަދުގެ މެޗުގައި އިތުރު ލަނޑުތަކެއް ކާމިޔާބުކުރަން. އެ ޓީމުގެ ގޯލްކީޕަރަށް ރަތްކާޑު ދެއްކިފަހުން އަހަރެމެންނަށް ނަތީޖާ ފުޅާކުރާނޭ ގިނަ ފުރުސަތުތަކެއް ލިބުނު،" އުރުބާނީ ބުންޏެވެ.
ތައިލެންޑުގައި ގައުމީ ޓީމު ފަރިތަކުރުންތައް ގެންދިޔަ އިރު ލަންކާ ޓީމުވެސް ވަނީ އެތަނުގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ.
"ނަސީބުވެސް ވަރަށް ރަނގަޅަށް ދިމާވީ. ތައިލެންޑުގައި އަހަރެމެން ފަރިތަކުރުންތައް ގެންދިޔައިރު ލަންކާޓީމުވެސް އެތަނުގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުން އެޓީމުގެ ކުޅުން ކޮންމެވެސް ވަރަކަށް ފެނުނު. އެހެންކަމުން އަހަންނަށް ވަރަށް ފަސޭހަވި އެޓީމާ ދެކޮޅަށް ޓީމު ރާވައިލަން،" އުރުބާނީ ބުންޏެވެ.
އުރުބާނީ ބުނީ، މިއަދުގެ މެޗުން ބޮޑު ތަފާތަކުން މޮޅުވި ކަމުގައި ވީނަމަވެސް އަދިވެސް ޓީމުގައި ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންތައް އެބަހުރި ކަމަށާއި ކުރިއަށް ހުރި މެޗުތަކަށް ފުރިހަމައަށް ތައްޔާރު ވާނޭ ކަމަށެވެ.
"މިއީ އަދި ފުރަތަމަ މެޗު. އަހަރެމެންނަށް ރަނގަޅު ގޭމެއް ކުޅެވުނު. މިހާރުވެސް އަހަންނަށް ފާހަގަ ކުރެވިއްޖެ ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް،" އުރުބާނީ ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭްގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ސަރަހައްދުގެ ފުލުގައި އޮތް ބޫޓާނާ ވާދަކުރަންޖެހޭ އިރު، ކޯޗު ބުނީ ބޫޓާން އަކީވެސް ވަރުގަދަ ޓީމެއް ކަމަށާއި އެހެން ކަމުން އެމެޗަށްވެސް ރަނގަޅަށް ތައްޔާރުވާން ޖެހޭނެ ކަމަށެވެ.
ރާއްޖެއާ ބޫޓާން ވާދަކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ، ބުދަ ދުވަހު ހަވީރު މާލޭ ގަޑިން 5:45ގަ އެވެ.