އައިޖީއެމްއެޗްގައި އާ މިސްކިތެއް އެޅުމަށް، އެ ހޮސްޕިޓަލްގައި ބަހައްޓާފައި ހުރި ފަންޑުފޮށި ފައިސާއިން ފުރިފައި ހުއްޓާ ވަގަށް ނަގައިފި އެވެ. ފަންޑު ފޮށި ވަގަން ނެގިކަން އައިޖީއެމްއެޗަށް އެނގުނީ އެ ވައްކަން ކުރިތާ ދެ ދުވަސްފަހުން، މިއަދު އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ފަންޑު ފޮށި ވަގަން ނެގި މަންޒަރު އައިޖީއެމްއެޗްގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާ ފޫޓޭޖުތަކަށް އަރާފައިވެ އެވެ. ވީޑިއޯއިން ފެންނަ ގޮތުން، އެ ވައްކަންކޮށްފައި ވަނީ އައިޖީއެމްއެޗްގެ މުވައްޒަފުންނަށް ހެދިގެން ތިބި ބަޔެކެވެ.

ވީޑިއޯ ބެލި މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި "އެއްވެސް ހާސް ކަމެއް ނެތި، ވަރަށް 'ކޫލްކޮށް'،" ތިބި ބަޔަކު ފަންޑު ފޮށި ނަގައިގެން، އެ ހޮސްޕިޓަލުގެ ފާހާނާއަކަށް ގެންދެ އެވެ. ދިގު މިނުގައި ތިން ފޫޓް، ފުޅާމިނުގައި ފޫޓެއް ހުންނަ އެ ފޮށި ކަޅު ކޮތަޅަކަށް ލައިގެން، އެ މީހުން ފިލާ 'ކަމަށް ވީޑިއޯ ބެލި މީހަކު ކިޔައިދިނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ އެ ހޮސްޕިޓަލުގައި މިސްކިތެއް އެޅުމަށް މީގެ ފަސް މަސް ކުރިން ހުޅުވި ފަންޑު ފޮށި ގެއްލުނުކަން އެނގުނީ މިއަދު ކަމަށާއި އެ ފަންޑު ފޮށި ވަގަން ނެގި އިރު ފުދޭވަރަށް ފައިސާ އެ ފޮށީގައި ހުންނާނެ ކަމަށެވެ.

"ގާތްގަނޑަކަށް [ފައިސާއިން] ފުރިފައި ހުންނާނީ. ނަމަވެސް ކަނޑައެޅިގެން ކިހާ އަދަދެއްގެ ފައިސާއެކޭ ދަންނަވަން ދަތި،" އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ އައިޖީއެމްއެޗްގެ ފަންޑު ފޮށި ވަގަށް ނެގި މައްސަލަ ހުށަހެޅީ މިއަދު އިރުއޮއްސި 6:25 ގައި ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.