02 Sep 2013, 20:37
ސިފައިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ތަރައްގީކުރަން ހަމަޖެހިފައިވާ 300 ހައުސިން ޔުނިޓުގެ ބިންގާ މިއަދު އަޅައިފި އެވެ.
ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ހައުސިން ޔުނިޓްގެ ބިންގާ އަޅުއްވައި ދެއްވީ ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސުލް ޖުމްހޫރިއްޔާ ޑރ. މަހައްމަދު ވަހީދާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ. އެ ދެ ބޭފުޅުންނާއެކު ސިފައިންގެ އިސްވެރިން ވެސް ހައުސިން ޔުނިޓްގެ ބިންގާ އެޅުމުގައި ބައިވެރިވި އެވެ.
ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް އިމާރާތް ކުރާ 300 ހައުސިން ޔުނިޓްގެ
މަޝްރޫއަކީ ހުޅުމާލެ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ނޫމަޑީ ރިޒޯޓްސް އެންޑް ރެޒިޑެންސް އަދި ސިފައިންގެ ސިފްކޯއާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އެމްއެންޑީއެފް އިން ބުނީ ސިފައިންނަށް ފުލެޓް ދޫކުރާއިރު، އަންހެން ސިފައިންނަށް ފުލެޓް ލިބިފައި ނުވާތީ މިފަހަރު އަޅާ ހައުސިން ޔުނިޓުން އަންހެން ސިފައިންނަށް ވެސް ފުލެޓް ދޭނެ ކަމަށެވެ. އަދި އަސްކަރިއްޔާއިން ރިޓަޔާކޮށްފައި ތިބި ޝަރުތު ހަމަވާ ފަރާތްތަކަށް ވެސް ފްލެޓް ދޭނެ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ސިފައިންނަކީ ރާއްޖެއަށް ބޭރުން ދިމާވާ ކަންކަން ބެލުމަށް އަބަދު ވެސް ތައްޔާރަށް ތިބެންޖެހޭ ބައެއް ކަމަށާއި އެކަން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ ސިފައިނަށް ބޭނުންވާ ހިދުމަތްތަށް ސިފައިންނަށް ފޯރުކޮށްދީގެން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެފަދަ އިތުރު މަޝްރޫއުތައް ހުޅުވިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސިފައިނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ދިނުމަށް 300 ފްލެޓްގެ ބިންގާ މިއަދު އެޅިއިރު، ހުސްވިމަހު 15 ގައި ވެސް ވަނީ 50 ފްލެޓް ސިފައިންނަށް ހަވާލުކޮށްފައިވެ އެވެ.