02 Sep 2013, 19:11
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގެ ސަބަބުން ދިހަހާއެއްހާ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އެ މައްސަލަ ކޯޓަށް ހުށަހެޅުއްވި ގާނޫނީ ވަކީލު އަހްމަދު ޒަނީން އާދަމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި ނޫސްވެރީންނާ ވާހަކަދައްވަމުން ޒަނީން ވިދާޅުވީ މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ އެތަށް ބަޔަކު ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައި ހިމަނާފައިނުވާކަން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުން ވެސް އެނގިގެން ދިޔަ ކަމަށާއި އެ ހުކުމްގެ ސަބަބުން އިތުރަށް ރަޖިސްޓްރީ ކުރުމަކާ ނުލައި އެމީހުންނަށް ވޯޓުލެވޭނެ ކަމަށެވެ.
ޒަނީން ވިދާޅުވީ މާލޭ މުނިސިޕަލްޓީގައި ރަޖިސްޓްރީކޮށްފައިވާ ދިހަހާއެއްހާ މީހުން ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައި ހިމަނާފައި ނުވަނީ އިލެކްޝަންސް ކޮމިޝަންގެ އިހުމާލެއް ކަމަށެވެ. އަދި ވިދާޅުވީ އެމީހެއްގެ ނަން ރަށްވެހިވެފައިވާ ރަށުގެ ވޯޓުލާ މީހުންގެ ލިސްޓުގައި ނެތުމަކީ ކޮންމެހެން ޝަކުވާ ހުށަހެޅުމުން އިލެކްޝަނުން އިސްލާހު ކުރަންޖެހޭ ކަމެއް ނޫންކަމަށާއި އެއީ އެ ކޮމިޝަންގެ ޒިންމާއެއްކަން މިއަދުގެ ހުކުމުން އެނގިގެން ދިޔަ ކަމަށެވެ.
އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ އިހުމާލުން ވޯޓުލާ މީހުންގެ ލިސްޓުގައި މީހެއްގެ ނަންހިމެނިފައި ނުވާނަމަ ކުރިން އޮންނަ އުސޫލަކީ ހައިކޯޓަށް މައްސަލަ ހުށަހެޅުން ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމުން ރައްޔިތުންނަށް ލުއިފަސޭހަކަމެއް ލިބިގެން ހިނގައްޖެ ކަމަށެވެ.
"އޮޅުމަކުން އިލެކްޝަންސްގެ ޑޭޓާއަށް އެމީހެއްގެ ނަން ނުލެވެންޏާ ދެން މިދެނީ މުއްދަތެއް އެކަހަލަ ކަމެއް ވެފައި އޮތިއްޔާ ޝަކުވާ ހުށަހެޅުމަށް. އެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަނާޅައިފިނަމަ ދެން އެމީހަކަށް ވޯޓު ނުލެވޭނެ ކަމަށް އިލެކްޝަންސް އިން ވަނީ ބުނެފައި. އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ ދެން މިޖެހެނީ ހައިކޯޓަށް މައްސަލަ ހުށަހަޅަން. ރައްޔިތުން ވަކިވަކި ފަރުދުންގެ ގޮތުގައި ކޮންމެ ފަރުދަކު ވެސް ޖެހެނީ ހައިކޯޓަށް މައްސަލަ ހުށަހަޅަން. ނަމަވެސް މި ހުކުމުގެ ސަބަބުން ލިސްޓުގައި ނަންނެތުމުގެ ސަބަބުން ނުވަތަ އެޑްރެސް ތަފާތު ވުމުގެ ސަބަބުން ވޯޓުލުމަށް އެޅިފައިވާ ހުރަހަށް މިވަނީ ދާއިމީ ހައްލެއް ލިބިފައި،" ޒަނީން ވިދާޅުވި އެވެ.