02 Sep 2013, 18:40
ތ. ތިމަރަފުށީގައި އަލަށް ހަދާފައިވާ ޑޮމެސްޓިކް އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި އެވެ.
ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް ވިދާޅުވީ ޓެސްޓް ފުލައިޓް ވަރަށް ކާމިޔާބުކަމާ އެކު މިއަދު ހަވީރު 3:27ގައި ތިމަރަފުށީ އެއާޕޯޓްގައި ޖައްސާފައިވާ ކަމަށެވެ.
ތިމަރަފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓް މިއަދު ހަވީރު ޖައްސާފައިވާ އިރު އެ ރަށު ގިނަ އަދަދެއްގެ މީހުން ވަނީ އެ މަންޒަރު ބަލަން އެއްވެ އަދި އެކަމާ އުފާފާޅުކޮށްފަ އެވެ.
ތިމަރަފުށީގައި ތަރައްގީކޮށްފައިވާ އެ އެއާޕޯޓަކީ ތ. އަތޮޅުގެ ރައްޔިތުންގެ އުންމީދުތަކަކާ އަދި ތަރައްގީއާ ގުޅިފައިވާ އެއާޕޯޓެވެ. އެ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނެވެ. އެ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައި ދެއްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
ތިމަރަފުށީ އެއާޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ފުރަތަމަ ފަށާފައި ވަނީ ރައީސް ނަޝީދުގެ ސަރުކާރުގަ އެވެ. އެ އެއާޕޯޓްގެ މަސައްކަތް، އެއާޕޯޓްސް ކޮމްޕެނީން ހަވާލުކޮށްގެން އެމްޓީސީސީ އިން ފެއްޓީ މި އަހަރުގެ ކުރީކޮޅު އެވެ.