ބަރަހާނާ ހާލުގައި ގ. މަހުމާގޭ މަތިން މިދިޔަ ހުކުރު ދުވަހުގެރޭ ވެއްޓުނު އަންހެން މީހާ އަށް އައިޖީއެމްއެޗުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ.

އައިޖީއެމްއެޗުން ވެސް މިކަން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އާއިލާ އިން ބޭނުންނުވާތީ އެކަމުގެ ތަފްސީލް އައިޖީއެމްއެޗުން ނުދެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާއަށް ފަހު އެ އަންހެން މީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރު އެނާގެ ހޭ ހުއްޓެވެ. އެ ހާދިސާގައި އަންހެން މީހާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނެތް ނަމަވެސް ކާރު މައްޗަށް ޖެހުނު ވަގުތު ނުވަތަ ކާރުމަތިން މަގު މައްޗަށް ވެއްޓިގެން އެނާގެ ނިތްކުރި ވަނީ ފަޅައިގެން ގޮސްފަ އެވެ. އެ ހާދިސާގައި އޭނާ އަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

http://www.sun.mv/uploads/l_33711215.jpg *އަންހެން މީހާ ވެއްޓުނު ގ. މަހުމާގޭގެ ތިން ވަނަ ބުރީގެ ކުޑަދޮރު ރަތް ބޮޅުން ފާހަގަކޮށްފައި-- ސަން ފައިލް ފޮޓޯ

ސަން އަށް ލިބިފައިވާ، އެ ހާދިސާގެ ރެކޯޑްކުރެވިފައިވާ ވީޑީއޯ ފޫޓޭޖުން ފެންނަ ގޮތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 1:16 އެހާކަންހާއިރު އެ އަންހެން މީހާ އެގޭގެ ތިން ވަނަ ބުރިން ވެއްޓި ޖެހެނީ އެގޭގެ ތިރީގައި، ފާޝަނާކިލޭގެ މަގުގައި ޕާކުކޮށްފައި އޮންނަ ކާރެއްގެ މައްޗަށެވެ. ބަންޑުން ކަހަލަގޮތަށް އައިސް އެ އަންހެން މީހާ ކުއްލިއަކަށް ކާރުގެ މައްޗަށް ވެއްޓިޖެހުމާ އެކު ކާރު ވަރަށް ބޮޑަށް ބަޑިވެ އެވެ. އެއަށް ފަހު އަންހެން މީހާ މަގުމައްޗަށް ވެއްޓިޖެހޭ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ. އެވަގުތު އަންހެން މީހާ ކޮންމެ ވެސް ވަރަކަށް ހަރަކާތް ކުރާތަން ވެސް ފެނެ އެވެ.

އަންހެން މީހާ ވެއްޓިފައި އޮންނަތާ އިރުކޮޅެއްގެ ފަހުން، މަގު މައްޗަށް ހިމަ ސިޑިއަކުން އެ ގެ އިން ފޭބި ފިރިހެނަކު ދުވެފައި ކަހަލަގޮތަށް ޖީންސެއް ލައިގެން ހުސްގަޔާ އައިސް އަންހެން މީހާ ނެގޭތޯ މަސައްކަތް ކުރެ އެވެ. އެއަށް ފަހު އެގޭގެ މައްޗަށް ދިމާލަށް ބަލާފައި ބަޔަކަށް ގޮވާ ކަހަލަ މަންޒަރެއް ވެސް ފެނެ އެވެ.

އެ އަންހެން މީހާ ނަގަނީ އެސަރަހައްދަށް އެވަގުތު ސައިކަލްތަކެއްގައި އަންނަ ބައެއްގެ އެހީތެރިކަމާ އެކުގައި ކަމަށް ވީޑިއޯއިން ފެނެ އެވެ. އެމީހުންގެ އެހީތެރިކަމާ އެކު އަންހެން މީހާ ހިއްލައިލައިގެން މަގުގެ އެއްފަރާތަކަށް ގެންދާތަނުން އެގޭ ތެރެއިން ނުކުމެގެން އަންނަ އިތުރު އަންހެން ކުއްޖަކު އެ އަންހެންމީހާ ނެގުމުގައި އެމީހުންނަށް އެހީވާ މަންޒަރު ފެނެ އެވެ.
http://www.sun.mv/albums/l_19584.jpg *ގ. މަހުމާގޭގެ ތިން ވަނަ ބުރީގެ ސިޑި ގޮޅި: އަންހެން މީހާ ވެއްޓުނު ކުޑަދޮރު ވެސް ހުންނަނީ ފޮޓޯގައިވާ ކުޑަ ދޮރު ހުންނަ ގޮަތަށް -- ސަން ފޮޓޯ: ފަޔާޒު މޫސާ

ނަމަވެސް އެވަގުތު އެ އަންހެން ކުއްޖާގެ ފަހަތުން ކަހަލަ ގޮތަކަށް އެގޭތެރެއިން ކަޅު ޖީންސަކާއި ކަޅު ޓީޝާޓެއް ލައިގެން ނުކުތް ފިރިހެނަކު އެ ދިމާލަށް އެއް ފަހަރު ބަލާލައިފައި އެތަނުގައި މަޑުވެސް ނުކޮށް، ވަރަށް ހަމަޖެހިލައިގެން ހުރެ އެސަރަހައްދުންދާތަން އެ އެވީޑިއޯ އިން ފެނެ އެވެ.

އެ އަންހެންް މީހާ އައިޖީއެމްއެޗަށް ގެންދިއުމަށް ޓަކައި އެވަގުތު އެސަރަހައްދަށް އައި ކާރެއް މަޑުކުރުވާތަން ވީޑިއޯ އިން ފެނެ އެވެ. ނަމަވެސް އެއީ އެމީހުން ގުޅައިގެން އައި ކާރެއް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.

http://www.youtube.com/watch?v=i24ubHnTDuE

އެމައްސަލައިގެ ތުހުމަތުގައި މިހާތަނަށް ދެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށާއި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަަލަމުން އަންނަ ކަމަށެވެ.