21 Nov 2010, 06:57
ކޮޕް ފިފްޓީން ސަމިޓުގައި މޫސުމަށް އަންނަ ބަދަލުތަކަށް ކުދި ގައުމުތައް އަހުލުވެރި ކުރުވަން ދޭން ނިންމާފައިވާ އެހީގެ ފައިސާއިން ނާޖާއިޒު ފައިދާ ގައުމުތަކުން ނަގައިފާނެ ކަމަށް ސަމާލުވުމަށް ދިވެހިރާއްޖެއިން ގޮވާލައިފި އެވެ.
ރާއްޖެއިން އދ. ގެ އިދާރާތަކަށާއި ޑަބްލިއުޓީއޯ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އިރުތިޝާމް އާދަމް ވިދާޅުވީ އެ ފައިސާ ޤައުމުތަކަށް ބަހާއިރު، ކޮރަޕްޝަނަށް މަގު ފަހި ނުވާނެފަދަ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދިޔުން ބުއްދިވެރި ކަމަށެވެ. ބޮޑެތި ގައުމުތަކުން ކުދި ގައުމުތަކަށް ފައިސާގެ އެހީ ދޭންވާނީ އެ ފައިސާ ހެޔޮ ގޮތުގައި ބޭނުންކުރާނެ ކަމުގެ ޔަގީންކަން އޮންނަ ގައުމުތަކަށް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނަނީ މިދިއަ ބުދަ ދުވަހު ތައިލެންޑްގެ ބޭއްވި 14 ވަނަ އިންޓަނޭޝަނަލް އެންޓި ކޮރަޕްޝަން ކޮންފަރަންސްގައި، ފައިސާ ދިނުން ބިނާވެފައި ވަނީ އިތުބާރާއި ހެޔޮ ވެރިކަމުގެ މައްޗަށް ކަމަށް އިރުތިޝާމް ވިދާޅުވެފައިވާ ކަމަށެވެ. އަދި ގައުމުތަކަށް ފައިސާގެ އެހީތެރިކަން ދޭއިރު ކޮރަޕްޝަނަށް މަގުފަހި ނުވާނޭ ގޮތަށް އެހީގެ ކަންކަން ކުރިއަށް ގެން ދިޔުމަށް ގައުމުތަކަށް އިރުތިޝާމް ގޮވާލެއްވެވި ކަމަށް ވެސް ބަޔާނުގައި ވެއެވެ.
މިދިޔަ އަހަރު ކޯޕަންހޭގަންގައި ބޭއްވި ކޮޕް ފިފްޓީން ބައްދަލުވުމުގައި ތަރައްޤީވެފައިވާ ޤައުމުތަކުން ، މޫސުމަށް އަންނަ ބަދަލުތަކަށް ކުދި ޤައުމުތައް އަހުލުވެރިކުރުވުމަށް އެހީވެދިނުމުގެ ގޮތުން، 2010 ން 2012އަށް، އަހަރަކު 30 ބިލިޔަން ރުފިޔާ ދިނުމަށް އެއްބަސްވެފަ އެވެ.
މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުމަށާއި ބަދަލުތައް ކުޑަ ކުރަން ގޮތެއް ނިންމުމަށް، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މެކްސިކޯގެ ކަންކުންގައި ޤައުމުތަކުގެ އިސް ވެރިން ބައްދަލުކުރާނެ އެވެ.