02 Sep 2013, 17:03
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި މިއަދު ބޫޓާން އަތުން 3-0 ލަނޑުން އަފްގާނިސްތާން މޮޅުވެ، މުބާރަތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.
ރާއްޖެ ގަޑިން މިއަދު 2:45 ގައި ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުޅުނު އެ މެޗުގައި އަފްގާނިސްތާންގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ކެޕްޓަން ހާރޫނެވެ.
ދެ ޓީމުގެ ފަރާތުން ވެސް މާކަ ފޯރިގަދަ ކުޅުމެއް ނުފެނުނު އެ މެޗުގައި ދެ ވަނަ ލަނޑު އަފްގާނިސްތާނުން ޓީމަށް ޖަހައި ދިނީ މުސްތަފާ އެވެ. މެޗުގައި އަފްގާނިސްތާނުގެ ތިން ވަނަ ލަނޑު ޖެހީ ހަސްމަތުﷲ އެވެ.
މިއަދުގެ މެޗުގައި ބޫޓާނަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ. އެކަމަކު ބޫޓާން ކުޅުންތެރިޔާ ޖެހި އެޕެނަލްޓީ ވަނީ އަފްގާނިސްތާންގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
މިއަދުގެ މެޗުން އަފްގާނިސްތާން މޮޅުވުމުން އެ ޓީމް އޮތީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕްގެ ދެ ވަނަ މެޗުގައި މިއަދު ހަވީރު ރާއްޖެ ގަޑިން 5:45 ގައި ބައްދަލު ކުރާނީ ރާއްޖެ އާއި ސްރީލަންކާ އެވެ.