މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މުޅި ދުނިޔޭގެ ޓޫރިޒަމް މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާއި ފަސް ޕަސެންޓް ކުރިއަރާފައިވާ ކަމަށް ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ޖަމިއްޔާ، ޔޫއެންޑަބްލިޔުޓޯއޯގެ ތަފާސް ހިސާބްތަކުން ދައްކައިފި އެވެ.

އެޖަމިއްޔާގެ ތަފާސް ހިސާބްތަކަށް ބަލާ އިރު މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ދުނިޔޭގެ އެކިކަންކޮޅުތަކަށް ޓޫރިސްޓުން ޒިޔާރަތްކުރި އަދަދު ވަނީ 494 މިލިއަށް ރުފިޔާއަށް އަރާފަ އެވެ. އެއީ މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާ އިރު 25 މިލިއަން ޓޫރިސްޓުންގެ އަދި ފަސް ޕަސެންޓްގެ ކުރިއެރުމެކެވެ.

އެ ޖަމިއްޔާ އިން ބުނާގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ ހުރިހާ ސަރަހައްދެއްގެ ޓޫރިޒަމް ވެސް ވަނީ ކުރިއަރާފަ އެވެ. އެގޮތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ޕެސިފިކް ސަރަހައްދިން ހަ ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައިވާ އިރު ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ވަނީ 12 ޕަސެންޓް އަދި ރާއްޖެ ނިސްބަތްވާ ދެކުނު އޭޝިއާ ސަރަހައްދުން ވަނީ ހަތް ޕަސެންޓްގެ ކުރިއެރުމެއް ހޯދާފަ އެވެ.

އެތަފާސް ހިސާބުތަކަށް ބަލާ އިރު ޗައިނާގެ ޓޫރިސްޓުން ހަރަދުކުރާ މިންވަރު ވަނީ 31 ޕަސެންޓް އިތުރުވެފައިވާ އިރު ރަޝިޔާގެ ޓޫރިސްޓްއިން ހަރަދުކުރާ މިންވަރު ވަނީ 22 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފަ އެވެ. އަދި އެންމެ ގިނައިން ހަރަދުކުރާ ޓުރިސްޓުންއިން ހިމެނޭ އިތުރު ގައުމުތަކުގެ ތެރޭގައި ހިމެނެނީ ކެނެޑާ އާއި ފުރާންސް އާއި އެމެރިކާގެ އިތުރުން ޖާމަނީއާއި އިނގިރޭސިވިލާތާއި ޖަޕާންގެ އިތުރުން އޮސްޓުރޭލިއާއާއި އިޓަލީ އެވެ.

މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެ އަށް އައިސްފައި ވަނީ 627,639 ޓުރިސްޓުންނެވެ. އެއީ މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާ އިރު 17 ޕަސެންޓް އިތުރުވުމެކެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން 36,551 ޓޫރިސްޓުން އައިސްފައިވެ އެވެ.