އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި މުޅި ފުލުހުންގެ މުއައްސަސާގެ ހުރިހާ ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ޤާއިމްކޮށް ދަމަހައްޓައި، ސަލާމަތީ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ވޯޓުލާ ދުވަހަށް ފުލުހުން ތައްޔާރު ކުރުމުގެ ގޮތުން 30 އޮގަސްޓުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ "އޮޕަރޭޝަން ބްލޫ ވޭވްގެ" ފުލްސްކޭލް އެކްސަސައިޒް ނިންމުމަށް ފަހު އެކަމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބުދުﷲ ނަވާޒު ވިދާޅުވީ ވޯޓުލާ ހުރިހާ ރަށެއްގައި ވެސް ފުލުހުން ހަރަކާތްތެރިވާނެ ކަމަށާއި މުޅި ފުލުހުންގެ މުއައްސަސާ އޮތީ އެކަމަށް "އެލާޓް"ވެ ކަމަށެވެ. އަދި އެ ދުވަހު މުޅި ފުލުހުންގެ މުއައްސަސާގެ ހުރިހާ ފުލުހުން ވެސް އިންތިޚާބުގެ ތެރޭ ހަރަކާތްތެރިވާނެ ކަމަށް ނަވާޒު ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ އެދުވަހު ފުލުހުން އިންތިޚާބުގެ ތެރޭ ހަރަކާތްތެރިވި ނަމަވެސް ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތައް ބަރާބަރަށް ދެމުން ގެންދާނެ ކަމަށެވެ.

ކޮންމެ ވޯޓުފޮށްޓަކާއި 100 ފޫޓުގައި ދުރުގައި ފުލުހުން ހަރަކާތްތެރިވާ އިރު، ހަމަނުޖެހުމެއް ހިނގައިފި ނަމަ އިލެކްޝަނުގެ އޮފިޝަލުންނާ އެކު އެސަރަހައްދެއް ކޮންޓްރޯލު ކުރުމުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.

ނަވާޒު އަދި ވިދާޅުވީ އެދުވަހުގެ ހަލާތަށް ބަލައި ފުލުހުން އިތުރަށް ފޮނުވަން ޖެހިއްޖެ ހަލާތެއްގައި އިތުރު ފުލުހުން ވެސް ރަށްރަށަށް ފޮނުވާނެ ކަމަށެވެ. އަދި އިންތިޚާބު އޮންނަ ދުވަހަށް ފުލުހުން ތިބީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށް ނަވާޒު ވިދާޅުވި އެވެ.