ސްޕެއިންގެ ރެއާލް މެޑްރިޑުން 56 މިލިއަން ޕައުންޑަށް ގަތް ކުރީގެ އޭސީ މިލާންގެ ތަރި ކަކާ އަނެއްކާ ވެސް އެސީ މިލާނާ ގުޅިއްޖެ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކަކާ އޭސީ މިލާނަށް ބަދަލުވެފައި ވަނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ފްރީ ޓްރާސްފާއަކަށެވެ. އަދި ކަކާ ރެއާލް މެޑްރިޑް ދޫކޮށްލާފައި ވަނީ ޓޮޓެންހަމް ހޮޓްސްޕާގެ ވޭލްސް މިޑްފީލްޑަރު ގެރެތު ބޭލް 86 މިލިއަން ޕައުންޑަށް ރެއާލް މެޑްރިޑަށް ބަދަލުވުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެ އެވެ.

މިލާންއިން ބުނެފައި ވަނީ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއި އޭސީ މިލާންގެ ނައިބް ރައީސް އެޑްރިއާނޯ ގަލިއާނީ އާއި ދެމެދު މަޝްވަރާތަކެއް ރޭގެ ވަގުތެއްގައި ކުރެވި ކަކާގެ ޓްރާސްފާއާ ގުޅިގެން ގޮތެއް ނިންމާފައިވާ ކަމަށެވެ.

ބްރެޒިލަށް 87 މެޗު ކުޅެ، 29 ގޯލް ކާމިޔާބު ކޮށްދީފައިވާ ފީފާއިން ދޭ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2007 ވަނަ އަހަރު ހޯދި ކަކާ ވަނީ އޭސީ މިލާންގައި ހޭދަކުރި ހަ އަހަރުގެ ތެރޭގައި ޗެމްޕިއަންސް ލީގާއި އިޓަލިއަން ފުޓްބޯލް ޗެމްޕިއަންޝިޕް އޭސީ މިލާނަށް ކާމިޔާބު ކޮށްދީފަ އެވެ. އަދި ރެއާލް މެޑްރިޑަށް ކަކާ ވަނީ ޕްރިމެރާ ޑިވިޝަން ޓްރޮފީއާއި ކޮޕާ ޑެލް ރޭގެ އިތުރުން ސްޕެނިޝް ސުޕާ ކަޕް ކާމިޔާބު ކޮށްދިނުމުގައި އިސް ދައުރެއް އަދާ ކޮށްފަ އެވެ.