ޕީޕީއެމްގެ ވެރިކަމެއްގައި ގެންގުޅޭނެ މައިގަނޑު ތިން ސިޔާސަތުގެ މައްޗަށް އެކުލެވޭ ރިޔާސީ މެނިފެސްޓޯ މިއަދު އާއްމުކޮށްފި އެވެ.

އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި އަންހެނުން ގޮފީގެ ރައީސާ ދުންޔާ މައުމޫން ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި ކުރަން ކަނޑައަޅާފައިވާ ކަންތައްތައް ހިމެނޭ މެނިފެސްޓޯގެ ޗާޕުކުރި ކޮޕީތައް މިހާރު ލިބެން ހުންނާނެ ކަމަށެވެ. އަދި އޮންލައިންކޮށް ވެސް އެ މެނިފެސްޓޯ ޑައުންލޯޑްކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ މެނިފެސްޓޯގައި ހިމެނޭ މައިގަނޑު ތިން ސިޔާސަތަކީ ހުރިހާ ދާއިރާތަކެއް ހިމެނޭ "ޔަގީން މެނިފެސްޓޯ" އާއި ކުޅިވަރުގެ ދާއިރާ އަށް ހާއްސަކޮށްފައިވާ މެނިފެސްޓޯ އަދި ޒުވާނުންގެ މެނިފެސްޓޯ" އެވެ.

ޔަގީން މެނިފެސްޓޯގައި ހިމެނޭ ދާއިރާތަކަކީ ތައުލީމާއި ހުނަރު އަދި ސިއްހަތު، މަސްވެރިކަން، ދަނޑުވެރިކަން، އަންހެނުން، ގެދޮރުވެރިކަން އަދި އުމްރާނީ ތަރައްގީ އާއި ލާމަރުކަޒީ ހިންގުން ހިމަނާފައިވެ އެވެ. އޭގެ އިތުރުން ރައްޔިތުންގެ ވެރިކަމާއި ދަތުރު ޔަގީން، ހަކަތަ، ގައުމީ ހިމާޔަތްތެރިކަން، އިސްލާމްދީނާއި ގައުމިއްޔަތު ހިފެހެއްޓުން ފަދަ ސިޔާސަތުތައް ތަންފީޒުކުރާނެ ގޮތް ވަރަށް ތަފުސީލްކޮށް ހިމަނާފައިވެ އެވެ.