ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދާއިރާގެ ދާއިރާގެ މެންބަރު އިންތިޔާޒް ފަހުމީ ( އިންތި) ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.

އިންތި ކޯޓަށް ހާޒިރު ވުމަށް އަންގައި ޖިނާއީ ކޯޓުން ފޮނުވި ޗިޓާއި ބެހޭ ގޮތުން "ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ ކޯޓަށް ހާޒިރު ކުރަނީ ދައުލަތުން އޭނާގެ މައްޗަށް އުފަލާފައިވާ އަމުރަށް ނުކިޔަންމަންތެރި ވުމުގެ ދައުވާ ގުޅިގެން ކަމަށެވެ.

"އަޅުގަނޑަށް ކޯޓުން ޗިޓް ލިބިފައި ވަނީ އިއްޔެ. އެއީ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހު ކޯޓަށް ހާޒިރުވުމަށް އަންގާގައި ފޮނުވާފައިވާ ޗިޓެއް. ކޯޓުން އަޅުގަނޑަށް ފޮނުވި ޗިޓުގައި މި އޮންނަނީ ދައުލަތުން ދައުވާ ކުރާ އަމުރަށް ނުކިޔަންމަންތެރި ވުމުގެ މައްސަލައެއްގައި ކޯޓަށް ހާޒިރުވުމަށް،" އިންތި ވިދާޅުވި އެވެ.

ކޯޓަށް ހާޒިރުކުރާ މައްސަލައާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވީ އޭނާ ކޯޓަށް ހާޒިރު ކުރަނީ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ ސުޕްރީމް ކޯޓުން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށް އެނގިފައިވާ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މި މައްސަލައަކީ މި ދައުވާއަކީ މީގެ ކުރީގައި އަޅުގަނޑު ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ ސުޕްރީމް ކޯޓުން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލައެއް ޕީޖީ އޮފީހުން އެ މައްސަލަ ޕޮލިހަށް ހުށަހަޅައިގެން މިހާރު އަލުން އަނެއްކާ ވެސް ކޯޓަށް މި މައްސަލަ ވައްދާފައި މި ވަނީ،" އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯޓަށް ފާޑު ކިޔައިހެން ކޯޓުގެ ހުރުމަތްކަނޑާލި ކަމަށް ބުނެ ދައުވާ ކުރުމަކީ ތަރައްގީ ވަމުން އަންނަ ޑިމޮކުރެސީތަކުގައި ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ތިން ބާރު ވަކިކުރެވިފައިވާ ތަހުޒީބީ މުޖުތަމަޢުތަކުގައި ނުވަތަ ނިޒާމްތަކުގައި ކޯޓުތަކަށް ވެސް ފާޑު ކިޔޭނެ ކަމަށާއި އެކަމަކީ ކޯޓުގެ ހުރުމަތް ކަނޑާލު ކަމަށް ދައުވާ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެ ކަމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކުރަމުން އަންނަ ކަމެއް ނޫން ކަމަށެވެ.

އިންތި އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބު މިހައި ގާތްވެފައި ވަނިކޮށް ކޯޓުން ޗިޓް ފޮނުވުމުގެ މަގުސަދަކީ ބިރުދެއްކުން ކަމަށާއި އެކަމުގެ ސަބަބުން އެއް ވެސް ގޮތަކަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.