އަންނަ ހޮނިހިރު ބާއްވާ ރިޔާސީ އިންތިޚާބަކީ އިންސާފުވެރި އަދި ނަޒާހާތްތެރި އިންތިޚާބަކަށް ހެދުމަށް ހަމަޖައްސަން ޖެހޭ ހުރިހާ އިންތިޒާމްތަކެއް ހަމަޖެއްސުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި އެވެ.

ސުޕްރީމް ކޯޓުން އެފަދަ އަމުރެއް ކޮށްފައި ވަނީ ރިޔާސީ އިންތިޚާބުގެ ކަންތައްތަކުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް ގާނޫނީ ވަކީލު އަހްމަދު ޒަނީން އާދަމްގެ ފަރާތުން އެ ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރި ހުކުމް ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން އެކުލަވާލާފައިވާ ވޯޓުލާ މީހުންގެ ލިސްޓުގައި މަރުވެފައިވާ މީހުންގެ ނަންތައް ވެސް ހިމަނާފައިވާ ކަމަށެވެ. އަދި އެ ލިސްޓުގައި ހުރި މީހުންގެ ނަމާއި އެޑްރެސް ދިމާނުވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ފާހަގަކޮށްފަ އެވެ.

އެ ހުކުމްގައި ބުނެފައި ވަނީ 2009 ވަނަ އަހަރުން ފެށިގެން 2012 އަހަރާ ހަމައަށް މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ފުރިހަމަ މައުލޫމާތުތައް އިލެކްޝަންސް ކޮމިޝަންގެ ޑޭޓާބޭސްގައި ހިމެނިފައި ނުވާ ކަމަށެވެ.

އަށާރަ އަހަރުން މަތީގެ މީހުން ވޯޓުލާ މީހުންގެ ލިސްޓަށް އިތުރު ކުރުމާއި މަރުވާ މީހުން ލިސްޓުން އުނިކުރުމަކީ އިލެކްޝަންސް ކޮމިޝަނުން ކުރަން ޖެހޭ ކަމެއް ކަމަށާއި އެ މަސްއޫލިއްޔަތު އިލެކްޝަންސް ކޮމިޝަނުން އަދާކުރަން ޖެހޭނީ ރައްޔިތުން ޝަކުވާ ހުށަހެޅުމުން ނޫން ކަމަށް ވެސް އެ ހުކުމްގައި ވަނީ ފާހަގަކޮށްފަ އެވެ.

ވޯޓުލާ ކޮންމެ މީހަކީ 18 އަހަރު ފުރިފައިވާ މީހެއްކަން އިލެކްޝަންސް ކޮމިޝަނުން ކަށަވަރު ކުރަންޖެހޭނެ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އަހްމަދު ޒަނީން އާދަމް ހުށަހެޅުއްވި މައްސަލައިގައި ވޯޓުލާ މީހުންގެ ލިސްޓުގައި ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން ސޮއިކޮށް، އެލިސްޓުގެ ކޮޕީއެއް ކޮންމެ ކެންޑިޑޭޓެއްގެ މަންދޫބަކަށް ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިފައި އޮތް ނަމަވެސް އެފަދަ އަމުރެއް ސުޕްރީމް ކޯޓުން ނެރެފައެއް ނުވެ އެވެ.

އިންތިޚާބަށް ނުފޫޒު ފޯރުވިޔަ ނުދިނުން ކަށަވަރު ކުރުމަކީ ގާނޫނު އަސާސީގެ ދަށުން ސަލާމަތީ ޚިދުމަތްތަކުގެ މަސްއޫލިއްޔަތެއް ކަމަށާއި އެހެންކަމުން އެކަން ކަށަވަރު ކުރުމަށް ސަލާމަތީ ބާރުތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދުނު ނަމަވެސް އެފަދަ އަމުރެއް ވެސް ސުޕްރީމް ކޯޓުން ނެރެފައެއް ނުވެއެވެ.

މިއަދު އެ ހުކުމްކޮށްފައި ވަނީ ފަނޑިޔާރު، އަބްދުﷲ ސައީދާއި އާދަމް މުހައްމަދާއި އަލީ ހަމީދާއި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އަބްދުﷲ އަރީފުގެ ރައުޔުއަށެވެ. ރައުޔު ތަފާތުވި ދެ ބޭފުޅުންނަކީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި ފަނޑިޔާރު އަހުމަދު މުއުތަސިމު އަދުނާނެވެ.