02 Sep 2013, 15:18
17 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމަންވެލްތު އޮބްޒާ ގުރޫޕުން ރާއްޖޭގެ ނުވަ ސަރަހައްދެއްގައި ރިޔާސީ އިންތިހާބު އޮބްޒާވްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެގުރޫޕުން ބުނެފި އެވެ.
ކޮމަންވެލްތު އޮބްޒާވާ ގުރޫޕުން މިއަދު ޓްރޭޑާސް ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ގްރޫޕްގެ މިދަތުރަކީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ދައުވަތަކަށް ކޮމަންވެލުތުގެ ސެކެޓްރީ ޖެނެރަލް އެކުލަވާލާފައިވާ ޓީމަކުން ކުރަމުންދާ ދަތުރެއް ކަމަށާއި މިދަތުރުގައި ރާއްޖޭގެ ރިޔާސީ އިންތިހާބު ހިނގަމުންދާ ގޮތް އޮބްޒާވްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
މޯލްޓާގެ ބޭފުޅެއް ކަމަށްވާ ޑރ. ލޯރެންސް ގޯންޒީ ޗެއާކުރައްވާ މިއޮބްޒާވާ ގުރޫޕްގައި ހިމެނޭ 17 މެމްބަރުންނަކީ ކޮމަންވެލްތުގެ އެކި ގައުމުތަކުން ހޮވާލެވިފައިވާ ގުރޫޕެކެވެ. މިގުރޫޕްގެ ތެރޭގައި ކުރީގެ ސިޔާސީ ބޭފުޅުންނާއި ބޭރު ގައުމުތަކުގެ ކުރީގެ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި ކުރީގެ ޑިޕްލޮމެޓުންނާއި މަދަނީ ޖަމިއްޔާތަކަށް ނިސްބަތްވާ ފަރާތްތަށް ހިމެނޭ ކަމަށް މައުލޫމާތު ލިބެ އެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ގޯންޒީ ވިދާޅުވީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ ދުވަހު ރާއްޖޭގެ ނުވަ ސަރަހައްދެއްގައި ކޮމަންވެލްތުގެ އޮބްޒާވަރުން ހަރަކާތްތެރިވާނެ ކަމަށެވެ.
"ވޯޓުލާ ދުވަހު ރާއްޖޭގެ ނުވަ ސަރަހައްދެއްގައި އަޅުގަނޑުމެން ހަރަކާތްތެރިވާ ނަން. މިސަރަހައްދުތައް އަދި ކަނޑައެޅިފައެއް ނުވޭ. އެކަމަކު ސަރަހައްދުތައް އަޅުގަނޑުމެން ކަނޑައަޅާނީ އާބާދީގެ ކުޑަ ބޮޑު މިނަށް ބެލުމަށް ފަހު، ބޮޑެތި އާބާދީތައް ހިމެނޭ ސަރަހައްދުތައް،" ޑރ. ގޯންޒީ ވިދާޅުވި އެވެ.
ގޯންޒީ ވިދާޅުވީ މިހާރު އެ ގްރޫޕުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކޮށްފައިވާ ކަމަށާއި މިއަދާއި މާދަމާ ކެންޑިޑޭޓުންނާ ނުވަތަ އެބޭފުޅުންގެ މަންދޫބުންނާއި އަދި މަދަނީ ޖަމިއްޔާތަކުގެ ވެރިންނާ ބައްދަލުކޮށް އިންތިހާބުގެ ތަފްސީލްތައް ހޯދާނެ ކަމަށެވެ.
ކޮމަންވެލްތުގެ ބަޔާނުގައި ބުނެފައި ވަނީ އެ ޖަމިއްޔާގެ އޮބްޒާވަރުންގެ ގުރޫޕުން މައިގަނޑު ގޮތެއްގައި ހަތް ކަމެއް ބަލަމުންދާނެ ކަމަށެވެ.
"އަޅުގަނޑުމެން ބަލާނީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ބޭނުންވާ މާހައުލު ގާއިމުވެފައިތޯއާއި އިލެކްޝަންސް ކޮމިޝަން މަސައްކަތްކުރަމުން ދަނީ މިނިވަންކަމާއެކުތޯ އާއި ރިޔާސީ އިންތިހާބުގެ ޕްރޮސެސް ހިނގާއިރު ދެފުށް ފެނޭތޯއާއި ކެންޑިޑޭޓުންނަށް މިނިވަންކަމާއެކު ކެމްޕެއިންކުރުމުގެ ފުރުސަތު ލިބުންތޯއާއި ޕަބްލިކް މީޑިއާ މަސައްކަތްކޮށްފައި ވަނީ ވަކިކޮޅަކަށް ނުޖެހިތޯ އާއި ވޯޓުލާ މީހުންނަށް އެމީހުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުރިހަމައަށް ލިބުނުތޯ އަދި ނަތީޖާ އިއުލާންކުރުމުގެ މަރުހަލާ ހިނގަނީ ދެފުށް ފެންނަ ގޮތަކަށް ތޯ." ކޮމަންވެލްތުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ކޮމަންވެލްތުން ބުނީ އެ ޖަމިއްޔާގެ އޮބްޒާވާ ގްރޫޕް ރާއްޖޭގައި ދެހަފުތާގެ މުއްދަތަކަށް ހަރަކާތްތެރިވާނެ ކަމަށެވެ. އަދި އިންތިހާބަށް ފަހު ވަގުތީ ބަޔާނެއް ނެރުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ފަހުން އިންތިހާބާ ގުޅޭ ރިޕޯޓެއް ޝާއިއުކުރާނެ ކަމަށް ކޮމަންވެލްތުން ބުނެ އެވެ.
ކޮމަންވެލްތުގެ 17 މެމްބަރުންގެ އޮބްޒާވާ ޓީމާއެކު ރާއްޖޭގައި އެޖަމިއްޔާގެ ހަ ސަޕޯޓް ސްޓާފެއް މަސައްކަތްކުރަމުންދާނެ އެވެ.