ރާއްޖޭގެ ނުވަ ރަށެއްގައި ނަރުދަމާގެ ނިޒާމް ގާއިމުކުރުމަށް 491 މިލިއަން ރުފިޔާ އަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީއާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަރަންމަންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު ދީދީ އެވެ.

ސަންއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ނަރުދަމާ ނިޒާމް ގާއިމުކުރާ ނުވަ ރަށުގެ މަސައްކަތް ކުރިޔަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

"އެމްޑަބްލިއުއެސްސީން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ފްލެކްސިބިލިޓީއެއް ދީފައި އެބައޮތް. އެހެންވެ އެ ކުންފުންޏާ ހަވާލުކުރަން ނިންމީ. އަޅުގަނޑު އުއްމީދުކުރަނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް،" ޝަކީލާ ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ދަށުން ނަރުދަމާގެ ނިޒާމް ގާއިމުކުރުމަށް ހަމަޖެހިފައި ވަނީ ހއ. ކެލާ، އިހަވަންދޫ، ހޯރަފުށި، ހދ. ނޮޅިވަރަމް، ށ. ކަނޑިތީމް، ނ. ހޮޅުދޫ އަދި ރ. މަޑުއްވަރީ މީދު އާއި އަލިފުއްޓެވެ.

މިނިސްޓަރު ވިދާޅުވީ އެ ރަށްތަކުގެ އިތުރުން އޭޑީބީގެ 50 މިލިއަން ޑޮލަރުގެ ލޯނު އެހީއެއްގައި ނަރުދަމާ ގާއިމުކުރާ ފަސް ރަށެއްގެ މަސައްކަތް ވަރަށް އަވަހަށް އެމްޓީސީސީއާ ހަވާލުކުރާނެ ކަމަށެވެ.