އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)އިން ވިއްކާ މަތިންދާބޯޓަށް އަޅާ ތެޔޮ ނުވަތަ ޖެޓްފިއުލްގެ އަގު ލިޓަރަކުން ގާތްގަނޑަކަށް 10 ލާރި ބޮޑުކޮށްފި އެވެ.

އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިދިޔަ މަހުގެ 29 ވަނަ ދުވަހު ނެރުނު ސާކިއުލާއެއްގައި ވަނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް މަތިންދާބޯޓަށް އަޅާ ޖެޓް ފިއުލް ލިޓަރެއް އިންޓަނޭޝަނަލް އޮޕަރޭޝަން ފްލައިޓްތަކަށް ވިއްކާނީ 1.111495 ޑޮލަރަށް ކަމަށެވެ. މީގެ ކުރިން އިންޓަނޭޝަނަލް އޮޕަރޭޝަން ފްލައިޓްތަކަށް ލިޓަރެއް ވިއްކާފައި ވަނީ 1.10 ޑޮލަރަށެވެ. އެ ކުންފުނިން ގެނައި ބަދަލާ ގުޅިގެން އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް އޮޕަރޭޝަންތަކުގެ ފްލައިޓްތަކަށް ވިއްކާ ތެލުގެ އަގު ލިޓަރަކުން ވަނީ ގާތްގަނޑަކަށް 10 ލާރި ބޮޑުވެފަ އެވެ.

އެމްއޭސީއެލްގެ ސާކިއުލާގައިވާ ގޮތުން ޑޮމެސްޓިކް އޮޕަރޭޝަން ފްލައިޓްތަކަށް އޮގަސްޓް އެއްވަނަ ދުވަހުން ފެށިގެން ޖެޓް ފިއުލް ލިޓަރެއް ވިއްކާނީ 1.09944 ޑޮލަރަށެވެ. މީގެ ކުރިން ޑޮމެސްޓިކް އޮޕަރޭޝަން ފްލައިޓްތަކަށް ޖެޓް ފިއުލް ލިޓަރެއް ވިއްކާފައި ވަނީ 1.09 ޑޮލަރަށެވެ.

އެ ސާކިއުލާގައި ވަނީ އަލަށް ނެރުނު އަގުގައި ތެޔޮ ވިއްކާނީ ހަމައެކަނި ވަގުތުން ފައިސާ ދައްކާ ފަރާތްތަކަށް ކަމަށެވެ. އަދި ޖީއެސްޓީ ހިމަނައިގެން ތެޔޮ ވިއްކާ އަގު ކަމަށް ވެސް އެމްއޭސީއެލްގެ ސާކިއުލާގައި ބުނެފައިވެ އެވެ.

އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވީ އިންޓަނޭޝަނަލް އަށް ވުރެ ޑޮމެސްޓިކް ފްލައިޓްތަކަށް ތެޔޮ ވިއްކާއަގު ހެޔޮވާނެ ކަމަށެވެ. ނަމަވެސް އަގަށް ބަދަލު ގެންނަނީ ދެ އޮޕަރޭޝަނަށް ވެސް އެއްވަރަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކުންފުނިން ވިއްކާ ތެލުގެ އަގު ފާއިތުވި ތިން މަހު ވެސް ވަނީ ބޮޑުކޮށްފަ އެވެ.