މެންދުރު ގަޑީގެ ހޫނުކަން ފިލުވާލުމަށް ފިހާރައަކަށް ދަޅެއް ގަންނަން ދިޔައީމެވެ. ނަމަވެސް އެފިހާރާގެ އައިސްއަލަމާރި ހުޅުވާލުމަށް ފަހު ދަޅުނެގި އިރު އެދަޅުހުރީ ފިނިކެނޑިފަ އެވެ. އަހަނަށް ލިބުނީ ހައިރާން ކަމެކެވެ. ސަބަބަކީ އެފިހާރާގައި ކަރަންޓް ހުރި އިރު އައިސް އަލަމާރީގައި ހުރި އެއްވެސް އެއްޗެއްގައި ފިނިކަމެއް ނެތީމަ އެވެ. އެވަގުތު ދެން އަހަރެން ބަލާނީ އެތާކައިރީގައި ކުކުޅާއި އެފަދަ ބައެއް މަހުގެ ބާވަތްތައް ފިނިކުރުމަށް ބަހައްޓަފައި ހުރި އަލަމާރިއަށެވެ. ކަމަކު ދާކަށް ނެތެވެ. އެއަލަމާރިއަކު ވެސް ކަރަންޓެއް ނެތެވެ. އަހަރެން ވަގުތުން އެވަނީ ކިހިނެއްތޯ ފިހާރާގެ ސޭޓްކުރެ އަހާލީމެވެ؟

"އަލަމާރިން ކަރަންޓް ކަނޑާލަނީ ބިލް ބޮޑުކަމުން، އެހެންވެ ކޮންމެ ދުވަހަކު ދެ ތިން ފަހަރު ކަރަންޓް ކަނޑާލަން އެހެރަ އަލަމާރިން (އެކިކަހަލަ ބުއިންތައްހުންނަ) އަދި ރޭގަނޑު ކަނޑާލަނީ މި އަލަމާރިން (އެކިކަހަލަ މަހުގެ ބާވަތްތަކާއި އައިސްކުރީމް ފަދަ ތަކެތި ހުންނަ)" ނޫސްވެރިއެއްކަން ނޭނގޭ ގޮތަށް ސުވާލުކުރުމުން ސޭޓް ބުންޏެވެ.

ލިބުނު މައުލޫމަތާ ގުޅިގެން ސަން އިން ބެލިބެލުމުން ކަރަންޓް ހަރަދު ކުޑަކުރުމަށް މާލޭގެ ގިނަ އަދަދެއްގެ ފިހާރަތަކުން ދޭތެރެދޭތެރެއިން އައިސްއަލަމާރިން ކަރަންޓް ކަނޑަމުންދާކަން ވަނީ އެނގިފަ އެވެ. އެގޮތުން އެކިކަހަލަ ބުއިންތަކާއި އެކިބާވަތްތަކުގެ މަހުގެ ބާވަތްތަކާއި ކެއުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނު ފިނުކުރުމަށް ބަހައްޓާފައި ހުންނަ އަލަމާރިތަކުން ދުވާލަކު ދެތިން ފަހަރު ކަރަންޓް ކަނޑަމުންދާ އިރު އޭގެ ތެރެއިން ގިނަ ފިހާރަތަކުން ރޭގަނޑު އެއްކޮށް ކަރަންޓް ކަނޑާލާފައި ހުންނަކަން ވަނީ ކަށަވަރުވެފަ އެވެ.

އެމައްސަލައާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އައިޝަތު އަނޫނާ "ސަން" އަށް ވިދާޅުވީ ކާބޯތަކެތި ރައްކާތެރިކަމާ އެކު ބަހައްޓަން ބޭނުންވާ ނަމަ ވަކި ޓެމްޕަރޭޗާއެއްގައި ބެހެއްޓުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އަދި ފިހާރަތަކުން އެގޮތަށް އައިސްއަލަމާރިތަކުން ކަރަންޓް ކަނޑާ ނަމަ އެއީ ވަރަށް ނުރައްކާތެރިކަމެއް ކަމަށް އަރުނާ ވިދާޅުވި އެވެ.

"ޓެމްޕަރޭޗާ މަތިވާ ނަމަ ސިއްހަތަށް ގެއްލުންވާ ފަދަ ކަންކަން ދިމާވާނެ. އެގޮތަށް ހެދުމުން ކާބޯތަކެތީގައި ޖަރާސީމް އުފެދި މީހުންނަށް އެލާޖިކުވުން ފަދަ ކަންކަން ދިމާވާނެ،" ޑރ. އަރޫނާ ވިދާޅުވި އެވެ.

ޑރ. އަރުނާ ވިދާޅުވީ އެގޮތަށް ފިހާރަތަކުން އަމަލުކުރުމަކީ ކަނޑައެޅިގެން ގަވައިދާ ހިލާފަށް ކުރާކަމެއް ކަމަށާއި އެފަދަ މައްސަލަތައް އެއިދާރާ އަށް ހުށައެޅުމަށް އާންމުންގެ އަރިހުން އެދޭ ކަމަށެވެ.

އަލަމާރިން ކަރަންޓް ކަނޑާ މައްސަލާގައި ވިޔަފާރިވެރިން ބުނަނީ އެކަންކުރަން މަޖުބޫރުވަނީ މިހާރަކަށް އައިސް ކަރަންޓް ބިލް މާބޮޑުވާތީ ކަމަށެވެ.

"ދެ ތިން މަސްވެއްޖެ އާދަޔާ ހިލާފަށް ކަރަންޓް ބިލް ބޮޑުވާތާ، މީގެ ކުރިން 2000ރ. އަރާއިރު މިހާރު 7000ރ. އަރާ މިއީ ބޮޑުވަރުދޯ،" ވިޔަފާރިވެރިޔަކު ބުންޏެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަރަންޓް ބިލްތަކަށް ޗާޖްކުރާ އެއްވެސް ރޭޓަކަށް ބަދަލުގެނެސްފައިނުވާނެ ކަމަށެވެ. އަދި އެފަދަ ޝަކުވާތައް ލިބެމުންދާ ކަމަށް ވިދާޅުވި އެވެ.