02 Sep 2013, 12:44
މުޒާހަރާ ކުރަމުންދިޔަ މީހުން މެރުމަށް ހިތްވަރުދީ، ގޮވާލާފައި ކަމަށް ބުނެ ވެރިކަމުން ވައްޓާލާފައިވާ މިސްރުގެ ރައީސް މުހައްމަދު މޫރުސީގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް ފޮނުވާފައިވާ ކަމަށް އެ ގައުމުގެ ޕްރޮސެކިއުޓަރުން ބުނެފި އެވެ.
މިދައުވާކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެރިރަށް ގާހިރާގައި ހުންނަ މިސްރުގެ ރިޔާސީ ގަނޑުވަރު ކުރިމަތީގައި ކުރި މުޒާހަރާތަކެއް ހޫނުވެ، ހަތް މީހަކު މަރުވި މައްސަލައާ ގުޅުވައިގެން ނެވެ. މިސްރުގެ ޕްރޮސެކިއުޓަރުން ހަވާލާދީ ބީބީސީ އިން ބުނީ މޫރުސީއާ އެކު މިމައްސަލައިގެ ދައުވާ މުސްލިމް ބުރަދާހުޑުގެ 14 މެމްބަރެއްގެ މައްޗަށް ކުރާނެ ކަމަށެވެ.
މި އަހަރުގެ ޖުލައި މަހުގައި މިސްރުގެ އަސްކަރިއްޔާ އެގައުމުގެ ވެރިކަން ވައްޓާލުމަށް ފަހު، ރައީސް މޫރުސީ ހައްޔަރުކޮށް ހިފަހައްޓަމުންދަނީ ސިއްރު ލޮކޭޝަނެއްގަ އެވެ.
މިސްރުގެ އަސްކަރިއްޔާއިން މިހާރު އެގައުމުގައި އެކުލަވާލާފައިވާ އިންތިގާލީ ސަރުކާރުން ދަނީ މޫރުސީގެ މުސްލިމް ބުރަދާހުޑުގެ މެމްބަރުން ހައްޔަރުކޮށް، އެމީހުންނާ ދެކޮޅަށް ތަފާތު ދައުވާތައް ކުރަމުން ނެވެ.
މީގެ އިތުރުން މޫރުސީގެ ވެރިކަން އިއާދަކުރުމަށް ގޮވާލާ މުޒާހަރާކުރަމުން ދިޔަ ކޭމްޕުތަކަށް މިދިޔަ މަހު މިސްރުގެ އަސްކަރިއްޔާއިން ވަދެގަނެ، އެތައް ސަތޭކަ ބަޔަކު މަރާލާފައިވެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މޫރުސީއާ ދެކޮޅަށް މިދައުވާތަކުގެ އިތުރުން އެތައް ދައުވާއެއް ކުރުމަށް މިސްރުގެ ޕްރޮސެކިއުޓަރުން ދަނީ ތައްޔާރުވަމުން ނެވެ.
މިސްރުގެ ސަރުކާރުން ބުނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުރިއަށް ދިޔަ މުޒާހަރާތަކުގައި ހަމަނުޖެހުން އުފެއްދުމަށް މޫރުސީ އޭނާގެ ސަޕޯޓަރުންނަށް އެދުނު ކަމަށާއި އެމުޒާހަރާގައި ހިނގާދިޔަ ހަމަނުޖެހުންތަކަކީ މޫރުސީގެ ރޭވުމެއްގެ މަތިން ކުރެވުނު ކަމެއް ކަމަށެވެ.