02 Sep 2013, 12:40
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާ އަތުން 1-0 އިން އާސެނަލް މޮޅުވެއްޖެ އެވެ.
ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެމެޗުގެ ހަމަ އެކަނި ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި އާސެނަލްއަށް ކާމިޔާބު ކޮށްދިނީ ފްރާންސް ފޯވަޑް އޮލިވާ ޖިރޫއެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މެޗަށް ފަހު އެޓީމުގެ ކޯޗު އާސެން ވެންގާ ބުނީ، ލީގުގައި ކުޅޭ ކޮންމެ މެޗަކީ ވެސް މުހިންމު މެޗެއް ކަމަށާއި ޓޮޓެންހަމް އަތުން މޮޅުވެ ލީގް ތާވަލްގެ ހަތަރު ވަނައަށް އެރުމަކީ ވެސް ކުރިއެރުމެއް ކަމަށެވެ.
"އަހަރެންގެ ޓީމުގެ ކުޅުން ރަނގަޅު. ބޮޑު އަގުގައި ކުޅުންތެރިން ގަތުބުގެ ބޭނުމެއް ނެތް. އާސެނަލް އަބަދު ވެސް މަސައްކަތް ކުރާނީ ކުޅޭ ކޮންމެ މެޗަކުން މޮޅުވާން" ކޯޗު އާސެން ވެންގާ ބުންޏެވެ.
ރޭގެ މޮޅާއެކު ލީގް ތާވަލްގައި އާސެނަލް އޮތީ ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނަ މަގާމް ގައެވެ. އަދި މެޗުން ބަލިވި ޓޮޓެންހަމް އޮތީ ހަ ޕޮއިންޓާއެކު ހަވަނަ މަގާމްގައެވެ. އާސެނަލްއަށް ތާވަލްގެ ކުރި ލިބެނީ ގޯލުގެ ތަފާތުން ނެވެ.