ހަ ހާސް ރުފިޔާ އަށް ގަތް ޕްރޮޖެކްޓަރެއް 20،000 ރުފިޔާ އަށް ވިއްކި މައްސަލައަކާ ގުޅިގެން ދ. އަތޮޅުގެ ކުރީގެ ކައުންސިލަރެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި އެވެ.

ދ. އަތޮޅުގެ ކައުންސިލަރަކަށް 2010 ވަނަ އަހަރު ހުރި އެ ރަށު ބޯގަންވިލާ ޝާތިރު އަބުދުއްރަހުމާން ބެންކޮކުން ގެނައި 6،000ރ.ގެ މަލްޓިމީޑިއާ ޕްރޮޖެކްޓަރެއް ދ. އަތޮޅު އޮފީހުގެ ބަޖެޓާ ހަވާލުވެ ހުރި ދ. އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާ ދޮންމަނިކާ ގުޅިގެން އެ ޕްރޮޖެކްޓަރު އަތޮޅު އޮފީހަށް 20،000ރ. އަށް ވިއްކާފައިވާ މައްސަލަ އެކޮމިޝަނުން ތަހުގީގު ކުރުމަށްފަހު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، މަލްޓިމީޑިއާ ޕްރޮޖެކްޓަރެއް 2010 ވަނަ އަހަރު ދ. އަތޮޅު، އަތޮޅު އޮފީހަށް ވިއްކާފައިވާ ކަމަށް އޭރު ދ. އަތޮޅު، އަތޮޅު ކައުންސިލަރު އަދި އަތޮޅު އޮފީހުގެ އެންމެ އިސްފަރާތް ކަމަށްވާ ޝާތިރު އަބުދުއްރަހުމާން އިންކާރުކޮށްފައިވީ ނަމަވެސް، ދ. އަތޮޅު، އަތޮޅު އޮފީހަށް ޕްރޮޖެކްޓަރެއް ގަތުމާބެހޭ ގޮތުން އެ އޮފީހުގެ އެޑްމިނިސްޓްރޭޓިވް އޮފިސާ ޖާދުﷲ ހަމީދު، ޝާތިރު އަބުދުއްރަހުމާނާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި ޝާތިރު އަބުދުއްރަހުމާން ރާއްޖެ އިން ބޭރުން އައިސް ނޯޓުކޮޅެއް ދީފައި އޭގައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް ޕްރޮޖެކްޓަރެއް ހޯދުމަށް ރިކުއެސްޓް ކުރުމަށް ބުނެފައިވާ ކަމަށް ތަހުގީގަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.

އޭސީސީން ބުނީ ޕްރޮޖެކްޓަރު ގަތް ކަމަށް ލިޔެކިޔުންތަކުން ދައްކާ "އަވަސްތަރި" ފިހާރައިގައި އެދުވަސްވަރު ޕްރޮޖެކްޓަރު ވިއްކަން ނުހުންނަކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އަވަސްތަރި ފިހާރައިގެ ފަރާތުން ވެސް އަތޮޅު އޮފީހުން ފޮނުވާފައިވާ ކޯޓޭޝަންގައި ސޮއިކޮށްފައިވީ ނަމަވެސް އެ ފިހާރައިގައި އެއްވެސް ދުވަސް ވަރެއްގައި ޕްރޮޖެކްޓަރު ވިއްކަން ނުހުންނާނެ ކަމަށާއި އިލެކްޓްރޯނިކް އެއްވެސް އެއްޗެސް ވިއްކާފައިނުވާ ކަމަށް އޭސީސީގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އެކޮމިޝަނުން އަދި ބުނީ ޕްރޮޖެކްޓަރު ގަތުމަށް ފައިސާ ޚަރަދުކޮށްފައި ވަނީ ޝާތިރު އަބުދުއްރަހުމާން ކަމަށާއި 2010 ވަނަ އަހަރު ދ. އަތޮޅު އަތޮޅު އޮފީހުން ޕްރޮޖެކްޓަރު ގަނެފައިވާ ޕްރޮޖެކްޓަރު ގަތްކަމަށް ދައްކާ އަވަސްތަރި ފިހާރައިން ނޫން ކަމުން އެއީ ޝަތިރު އަބުދުއްރަހުމާން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ޕްރޮޖެކްޓާގެ އަގަށްވާ ފައިސާ ހޯދުމަށް ނުވަތަ އެހެން ފަރާތްތަކަށް އެފައިދާ ހޯދައިދނުމަށް ކޮށްފައިވާ ކަމެއްކަން ތަހުގީގަށް ފެންނާތީ ދައުވާ ކުރަން ފޮނުވީ ކަމަށެވެ.