މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ވާދަވެރި ސްރީ ލަންކާއާ ދެކޮޅަށް މިއަދު ނުކުންނަ އިރު އެންމެ އުފާވެރި އެއް ހަބަރަކީ ޓީމްގައި މިވަގުތު ތިބި ހުރިހާ ކުޅުންތެރިންވެސް ފިޓް ވުން ކަމަށް ގައުމީ ޓީމްގެ ފިޒީޝަން، އަހްމަދު ޝަކީބު ބުނެފި އެވެ.

ޝަކީބު ބުނީ ފިޓްނަސްގެ ސަބަބުން މިފަހަރުގެ މުބާރާތުގައި ބޭނުން ނުހިފޭނެ އެއްވެސް ކުޅުންތެރިއަކު މިހާރު ނުހުންނާނެ ކަމަށެވެ.

"އެއްވެސް ކުޅުންތެރިއަކު މިހަރަކު ނުތިބޭނެ ކޯޗަށް ބޭނުން ނުކުރެވޭ ހާލަތެއްގައި. އިރާދަކުރެއްވިއްޔާ ކޯޗު ބޭނުންވި ކޮންމެ ހާލަތެއްގައި ކޮންމެ ކުޅުންތެރިއަކުވެސް ބޭނުން ކުރެވޭނެ ކަންޑިޝަންގަ ތިބޭނީ. އެހެންވީމާ ފިޓްނަސްގެ އެއްވެސް ބިރުވެރިކަމެއް މިހާރަކު ނެތް،" ޝަކީބު ބުންޏެވެ.

ޝަކީބު ބުނީ، މިފަހަރު ގައުމީ ޓީމުގެ ތައްޔާރީތައް ވަރަށް ފުރިހަމަ ކަމަށާއި، އަދި ނޭޕާލުގެ އުސް މާހައުލުގައި ކުޅެންވެސް ހުރިހާ ކުޅުންތެރިންވެސް ތިބޭނީ ރަނގަޅަށް ތައްޔަރު ކޮށްފައި ކަމަށެވެ.

"މޫސުމުގެވެސް މާބޮޑު މައްސަލަތަކެއް ކުޅުންތެރިންނަށް ދިމަލެއް ނުވޭ. އަޅުގަނޑުމެން ވަރަށް ކުރިއާލައި، މިތާ އުހުގައި ކުޅެން ޖެހޭތީވެ އެކަމަށް ތައްޔާރު ވަމުން މިއައީ. އެހެންވީމާ އެމައްސަލަ ދިމައެއް ނުވާނެ،" ގައުމީ ޓީމުގެ ޑޮކްޓަރު ބުންޏެވެ.

ގައުމީ ޓީމް ނޭޕާލަށް އައިއިރު އަނިޔާގެ ސަބަބުން މުބާރާތުގައި ކުޅެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ނެތް ދެ ކުޅުންތެރިން ކަމަށްވާ ރިލްވާން ވަހީދު (ރިލޭ) އަދި އިސްމާއީލް އީސާ (މެސީ)އާ ގުޅޭ ގޮތުން ޝަކީބު ބުނީ، އެ ދެ ކުޅުންތެރިންވެސް މިހާރު އެތިބީ މިއަދުގެ މެޗަށް ނެރެން ކޯޗު ބޭނުންވިޔަސް ކުޅެވާފަދަ ހާލަތެއް ގައި ކަަމަށެވެ.

"އިރާދަކުރެއްވިއްޔާ މެސީއާ ރިލޭ ވެސް ކޯޗު ބޭނުން ހިފަން ބޭނުންވެއްޖެ ކޮންމެ ހާލަތެއްގައި ބޭނުން ހިފޭނެ. ދެން ކޯޗު ބޭނުން ކުރާނީ ކޮން ވަގުތެއްގެ ކޮން ހާލަތެއްގައި ކަމެއް އަޅުގަނޑަކަށް ބުނެދޭކަށް ނޭނގޭނެ،" ޝަކީބު ބުންޏެވެ. "ކޯޗު ބޭނުން ހިފަން ބޭނުމިއްޔާ ކޮންމެ ހާލަތެއްގައި ވެސް އެކުޅުންތެރިންގެ ވެސް ބޭނުން ހިފޭނެ. ތިޔަ ބޭފުޅުންނަށްވެސް ފެންނާނެ މިއަދުވެސް އެ ދެ ކުޅުންތެރިންވެސް އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ޕްރެކްޓިސްގައި ވެސް ބައިވެރިވަމުން އެދަނީ."

ލަންކާއާ ދެކޮޅަށް ރާއްޖެ މިއަދު ކުޅެން ނުކުންނައިރު ގައުމީޓީމުގެ ހަންގޭރީ ކޯޗު އިސްތަވާން އުރުބާނީ ބުނީ، މެސީއާއި ރިލޭއާ ދެކުޅުންތެރިން އޭނާ ބޭނުން ކުރާނީ، މުބާރާތުގެ ފަހުކޮޅުގައި ކަމަށެވެ.
"ރިލޭއާ މެސީ ވެސް ފިޓް. އެކަމަކު ލަންކާއާ ދެކޮޅަށް ކުޅޭ މެޗަށް އެ ދެކުޅުންތެރިން ބޭނުމެއް ނުކުރާނަން. އެ ކުޅުންތެރިން ބޭނުން ކުރާނީ ތަންކޮޅެއް ފަހުން،" ކުޅުންތެރިންގެ ފިޓްނަސްއާ ބެހޭގޮތުން ކޯޗު ބުންޏެވެ.

ބަންގުލަދޭޝްގެ ވެރިރަށް ޑާކާގައި 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި 5-1 އިން ލަންކާ ބަލިކުރި ކޯޗު މިއަދު ލަންކާއާ ދެކޮޅަށް ނެރޭނެ ފުރަތަމަ 11ގައި ހިމަނާނޭ ކަމަށް ލަފާ ކުރެވޭ ކުޅުންތެރިންނަކީ:

މުހައްމަދު އިމްރާން (އިންމަ)، ޝާފިއު އަޙްމަދު (ޝާފީ) މުހައްމަދު ސިފާން (ކުޑައްޓޭ) އަކްރަމް އަބްދުލްޣަނީ (އަކޫ)، އަޙްމަދު ރަޝީދު (އަންމަޑޭ) އަލީ ފާސިރު (ސެންޓޭ)، މުހައްމަދު އާރިފް (ބަކާ)، މުހައްމަދު ރަޝީދު، އަސަދުﷲ ޢަބްދުﷲ، މުހައްމަދު އުމޭރު އަދި އަލީ އަޝްފާގު (ދަގޭ) އެވެ.

ކަތުމަންޑޫގެ ދަސަރަތު ސްޓޭޑިއަމްގައި ރާއްޖެއާއި ލަންކާ ވާދަކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ، މިއަދު ހަވީރު ރާއްޖޭ ގަޑިން 5:45ގަ އެވެ.