02 Sep 2013, 12:02
ފުކުޝިމާގެ ރޭޑިއޭޝަން މިންވަރު ހުރީ ކުރިން ލަފާކުރެވުނު ވަރަށް ވުރެ 18 ގުނަ މަތީގައި ކަމަށް ޖަޕާނުގެ ކަމާ ބެހޭ އިދާރާތަކުން ބުނެފި އެވެ.
މިދިޔަ ހަފުތާގައި ފުކުޝިމާގައި ހުންނަ ނިއުކްލިއާ ޕުލާންޓުތައް ހިންގަމުން އަންނަ ކުންފުނިން ބުނީ ފުކުޝިމާގައި ހުރި ރޭޑިއޭޝަން ފެން ރައްކާކުރާ ޓޭންކަކުން ބިމުގެ ތެރެއަށް ރޭޑިއޭޝަންގެ ސަބަބުން ވިހަވެފައިވާ ފެން ލީކުވެފައިވާ ކަމަށެވެ.
އެންމެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ފުކުޝިމާގައި ލީކުވަމުންދާ ޓޭންކު ކައިރިން ނެނގި ސާމްޕަލްތަކުން ދައްކާ ގޮތުގައި ރޭޑިއޭޝަން މިންވަރު ހުރީ ކުރިން ލަފާކުރެވުނު މިންވަރަށް ވުރެއް 18 ގުނަ މަތީގަ އެވެ. އެމިންވަރުގެ ރޭޑިއޭޝަނަކަށް މީހަކު އެކްސްޕޯސް ވެއްޖެ ނަމަ، ހަތަރު ގަޑިއިރުގެ ތެރޭގައި ފުރާނައަށް ނުރައްކާވާ މިންވަރަށް ރޭޑިއޭޝަން ވިހަވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ފުކުޝިމާ ޕުލާންޓު ހިންގަމުން އަންނަ ޓޯކިޔޯ އިލެކްޓްރިކް ޕަވާ ކޮމްޕެނީއިން ބުނީ ޕްލާންޓުގެ ރޭޑިއޭޝަން ކުރިން ޓެސްޓްކުރި އިރު، ހުރީ 100 މިލިސާވަންޓްސްގައި ކަމަށެވެ. ނަމަވެސް އޭރު ބޭނުންކުރި އިކުއިޕްމަންޓުތަކުން އެންމެ މައްޗަށް ނަގާދޭ ރީޑިންގް އަކީ 100 މިލިސާވަންޓް ކަމަށް ޓެޕްކޯއިން ބުނެ އެވެ.
ކުރިއަށް ވުރެ ސެންސިޓިވް އިކުއިޕްމަންޓް ބޭނުންކޮށްގެން ނަގާފައިވާ ރީޑިންގްއިން ދައްކާ ގޮތުގައި ރޭޑިއޭޝަން މިންވަރު ހުރީ 1،800 މިލިސާވަންޓުގަ އެވެ.
ފުކުޝިމާ ނިއުކްލިއާ ޕްލާންޓަށް ގެއްލުން ލިބިފައި ވަނީ 2011 ވަނަ އަހަރު ޖަޕާނަށް ކުރިމަތިވި ނުރައްކާތެރި ބިންހެލުމާއި ސުނާމީގެ ސަބަބުން ޕްލާންޓުގެ ކޫލިންގް ސިސްޓަމް ހަލާކުވެ، ޕްލާންޓްގެ ރިއެކްޓަރުތަކުގެ ކޯ ވިރިގެންދިއުމުގެ ސަބަބުން ނެވެ.
މިއާއެކު، ރިއެކްޓަރުތައް ފިނިކުރުމުގެ ޖަޕާނުން ވަނީ އެތައް ހާސް ކިއުބިކް ޓަނެއްގެ ފެން ރިއެކްޓަރުގެ ތެރެއަށް ދުއްވާފަ އެވެ.
މިހާރު ދިމާވެފައިވާ މައްސަލައަކީ ރިއެކްޓަރު ފިނިކުރަން ބޭނުންކުރާ ފެން ރޭޑިއޭޝަން ވިހަވުމުގެ ސަބަބުން މިފެން ނައްތާލާނެ ގޮތެއް ނެތުމުގެ މައްސަލަ އެވެ. މިހާތަނަށް ޖަޕާނުން އަންނަނީ ފުކުޝިމާ ޕުލާންޓުގެ ކައިރީގައި ހުރި ސްޓޯރޭޖް ޓޭންކުތަކެއްގައި މިފެންތައް ރައްކާކުރަމުން ނެވެ.