02 Sep 2013, 11:30
ޓޮޓެންހަމް ހޮޓްސްޕާސްގެ ވޭލްސް މިޑްފީލްޑަރު ގެރެތު ބޭލް 86 މިލިއަން ޕައުންޑަށް ރެއާލް މެޑްރިޑަށް ބަދަލުވެއްޖެ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބޭލް ރެއާލަށް ބަދަލުވެފައި ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިއާގެ ގޮތުގައި ކަމަށާއި ބޭލް ރެއާލް އާއި އެކު ހަދާފައިވާ ކޮންޓްރެކްޓަކީ ހަ އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބޭލް ރެއާލްއަށް ބަދަލުވީ ރެކޯޑް އަގެއް ގައި ކަމަށް ބުނެ މީޑިއާގައި މިއަދު ޝާއިއު ކޮށްފައިވާ ހަބަރުތަކަށް ދުނިޔޭގެ މަޝްހޫރު ކޯޗުންނާއި ބައެއް ކުޅުންތެރިން އަންނަނީ ފާޑު ކިޔަމުންނެވެ. އަދި ބޭލް ރެއާލްއަށް ބަދަލުވީ އަގަކީ ސައްހަ އަގެއް ނޫން ކަމށް ވެސް ސްޕެއިންގެ މީޑިއާތަކުން ދަނީ ބުނަމުންނެވެ.
ރެއާލް މެޑްރިޑުގެ ތަރުޖަމާން ބުނީ، އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ބޭލް ރަސްމީކޮށް ދައްކާލަނީ އޭނަގެ މެޑިކަލްގެ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު މިއަދުގެ ވަގުތެއްގައި ކަމަށެވެ.
ބޭލް ބުނީ، ރެއާލް ކަހަލަ މޮޅު ޓީމަކަށް ބަދަލުވުމުން އުފާވާ ކަމަށާއި މިއީ ފުޓްބޯޅައިގެ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ އުފާވެރި އެއްދުވަސް ކަމަށެވެ.