21 Nov 2010, 05:19
ތ. ގުރައިދޫން 70 މީހުންނާ އެކު ފުރައިގެން މާލެ އަންނަނިކޮށް އިއްޔެ ހެނދުނު ފަރަށް އެރި ބޯޓު އަދިވެސް ފުން ނުކުރެވޭ ކަމަށް ކޯސްޓްގާޑުން ބުނެފި އެވެ.
އެމްއެންޑީއެފްގެ ލެފްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވީ ގުރައިދޫން ފުރައިގެން މާލެ އަށް ދަތުރު ކުރަނިކޮށް އިއްޔެ ހެނދުނު 7:30 ހާއިރު މ. އަތޮޅު ފަޅުރަށެއް ކަމަށްވާ ރާބަނޑޭރި ހުރާގެ ފަރަށް އެރި ގުރައިދޫ "ފެނޭބާ" ބޯޓް ފުންކުރުމުގެ މަސައްކަތް އިއްޔެ ވެސް ކޮށްފައިވާ ކަމަށެވެ.
އެގޮތުން އިއްޔެ ކޮށްފައިވާ މަސައްކަތްތަކަކީ ދޯނީގެ ވަތުތެރޭގައި ޖަހާފައި ހުރި ގިނަ އަދަދެއްގެ ހިކި މަހާއި އެހެނިހެން ބައެއް ސާމާނު ހުސްކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް އެއްކޮށް ނިންމާލެވުނީ ރޭ ވަރަށް ލަސްވި ފަހުން ކަމަށް ވެސް އަބްދުﷲ އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޮޑަށް ބެލެވެނީ ދޯނީގެ ފަށަނުން ތަނެއް ބިންދައިގެން ގޮސް ދިޔަވަމުންދާ ކަމަށާއި އަދި މިހާރު އެތަން ބެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ތ. ގުރައިދޫ/ އައްސޭރި، އިބްރާހިމް މަނިކު ދޮންމަނިކުގެ އެ ބޯޓު ފަރަށް އެރި އިރު ދޯނީގައި ތިބި މީހުން އިއްޔެ ވަނީ މ. ދިއްގަރަށް ގެންގޮސްފަ އެވެ. އުރުނު ބޯޓުގައި 17 ކުޑަކުދިން ވެސް ތިއްބެވެ.
ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި "ފެނޭބާ" ފަރަށް އަރާފައި ވަނީ އެހެން މީހެއްގެ އަތަށް ހުންގާނު ދިނުމަށް ފަހު ކެޕްޓަން ނިދާފައި އޮއްވަ އެވެ.