ދ. ކުޑަހުވަދޫގައި ފުލުހެއްގެ ސައިކަލެއްގައި އިއްޔެރޭ ދަންވަރު ރޯކޮށްލި މައްސަލައާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރު ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއްގެ އިތުރުން 20 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެއް ކަމަށެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރި 28 އަހަރުގެ މީހާއަކީ ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި މާރާމާރީ މައްސަލަތުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ. ހައްޔަރުކުރި 22 އަހަރުގެ މީހާއަކީ ފުލުހުންނަށް މަރުގެ އިންޒާރުދީ ތަފާތު އެކި ފަހަރު މަތިން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި އަދި 20 އަހަރުގެ މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހަތަރު މީހުންގެ ތެރޭ ހިމެނޭ 22 އަހަރުގެ މީހާ އާއި 20 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހެނދުނު ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ވަދެ ހަމަނުޖެހުން ހިންގުމަށް މަސައްކަތްކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މައްސަލައާ ގުޅިގެން ކަމަށެވެ.

ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހެއްގެ ގޯތިތެރޭގައި ހުއްޓައި ސައިކަލް ރޯކޮށްލުމުގެ ސަބަބުން ސައިކަލް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު އެގެއަށް ވެސް އަލިފާނުގެ އަސަރުކޮށް އެކިވަރުގެ ގެއްލުން ލިބިފައިވެ އެވެ.

ފުލުސް މީހާގެ ސައިކަލުގައި ރޯކޮށްލާފައި ވަނީ އޭނާއަށް ގްރޫޕަކުން އިންޒާރު ދިނުމަށްފަހު އޭގެ ދެ ދުވަސް ފަހުން ކަމަށް ފުލުހުން ބުނެ އެވެ.