އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު ހިނގާ ގޮތް ބެއްލެވުމަށް އިންޑިއާގެ ޗީފް އިލެކްޝަންސް ކޮމިޝަނަރްކަން ކުރައްވާފައިވާ ތިން ބޭފުޅުން ހިމެނޭ ވަފުދެއް ރާއްޖެ ވަޑައިގެންފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ އިއްޔެ ރާއްޖެ ވަޑައިގެންނެވި އެގައުމުގެ މަތީ ފެންވަރުގެ ވަފުދުގައި، ކުރިން ޗީފް އިލެކްޝަންސް ކޮމިޝަނަރު ކަން ކުރައްވާފައިވާ ތިން ބޭފުޅުންނާއި އިންޑިއާ ހައިކޮމިޝަނަރެއްގެ ގޮތުގައި ރާއްޖޭގައި ކުރިން ހުންނެވި ބޭފުޅަކު ހިމެނިވަޑައިގަންނަވާ ކަމަށެވެ.

އިންތިހާބު ހިނގާ ގޮތް ބެއްލެވުމަށް ރާއްޖެވަޑައި ގެންނެވި އިންޑިއާގެ ކުރީގެ ޗީފް އިލެކްޝަންސް ކޮމިޝަނަރުންނަކީ ޖޭ އެމް ލިންގްޑޯ އާއި ބީބީ. ޓަންޑަން އާއި އެން. ގޯޕާލް ސުވާމީ އެވެ. ވަފުދުގައި ދެން ހިމެނިވަޑައިގަންނަވަނީ އިންޑިއާގެ ހައިކޮމިޝަނަރެއްގެ ގޮތުގައި ރާއްޖޭގައި ކުރިން ހުންނަވާފައިވާ އެސްއެމް ގާވީ އެވެ.

އެބޭފުޅުން ރާއްޖެ ވަޑައިގެންނެވީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ ދައުވަތަކަށް ކަމަށް ހައިކޮމިޝަނުން ބުންޏެވެ.
ވޯޓްލާ މަރުކަޒު ތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަރުކަޒު ތަކަކަށް އިންޑިއާ ވަފުދުގެ ބޭފުޅުން ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭ ވަނީ ވަފުދުގެ ބޭފުޅުންގެ ޝަރަފުގައި ހާއްސަ ހަފުލާއެއް ބާއްވަވާފަ އެވެ. އެހަފުލާ އަށް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ބައިވެރިވަޑައިގެންނެވި ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

ރާއްޖޭގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބަދަލުވީ ފަހުން އިންޑިއާއިން އަންނަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ކައިރިން ބަލަމުންނެވެ. އަދި ރާއްޖޭގައި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް އެގައުމުން ވަނީ ހާއްސަ ސަމާލުކަމެއް ދީފަ އެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހަތަރު ކެންޑިޑޭޓުންނާ ވެސް އިންޑިއާ ސަރުކާރުން އަންނަނީ މުއާމަލާތްކުރަމުންނެވެ.