02 Sep 2013, 09:31
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ތަށި ހިފައިގެން ރާއްޖެއަށް ދިއުމަށް ޓީމް އޮތީ ފުރިހަމައަށް ތައްޔާރު ވެފައި ކަމަށް ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބުނެފި އެވެ.
ރާއްޖެ އެންމެ ފަހުން ލަންކާއަތުން މޮޅުވި އިރުވެސް ކެޕްޓަން ބޭންޑް އަޅައިގެން ހުރެ އެމެޗުގައި ލަންކާ ކޮޅަށް ލަނޑެއްވެސް ކާމިޔާބުކުރި ސަރަހައްދުގެ ޓީމުތައް އެކުޅުންތެރިއަކު ދެކެ އަބަދުވެސް ޖެހިލުންވާ، ގައުމީ ޓީމްގެ ފޯވަޑް ބުނީ، ކުރިން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައި އޮތުމަކީ މިއަދުގެ މެޗަށް ނުކުންނައިރު ލިބޭ ވަރަށް ބޮޑު އިތުބާރެއް ކަމަށެވެ.
"އޭރު 5-1 އިން މޮޅުވެފަ އޮތީމަ، ލިބޭނެ ވަރަށް ބޮޑު ކޮންފިޑެންސް އެއް އެއީ. މިހާރު މިކުޅޭ ކުޅުމާއި ގޭމް ސްޓައިލަށް ބަލާއިރު އިރާދަ ކުރެއްވިއްޔާ ހަމަ ރަނގަޅު ނަތީޖާ އަކަށް އުންމީދު ކުރަން،" ދަގޭ ބުންޏެވެ.
މިފަހަރުގެ މުބާރާތައް ގައުމީޓީމުގެ ތައްޔާރީތަކަށް ބަލާއިރު ދަގޭ ބުނީ މީގެ ކުރިން ދުވަހަކުވެސް ނުވާހާ ރަނގަޅަށް މިފަހަރުގެ މުބާރާތަށް ގައުމީ ޓީމް ތައްޔާރުވެފައި ވާކަމަށާއި އެހެން ކަމުން ރަނގަޅު ކާމިޔާބަކަށް އުންމީދު ކުރެވޭ ކަމަށެވެ.
"ހުރިހާ ގޮތަކުންވެސް މިފަހަރުގެ ތައްޔާރީތައް ތަފާތު. އެއީ ހުރިހާ ކުޅުންތެރިންވެސް މުބާރާތައް ތައްޔާރުވެފައި ހުރިލެއް ވިސްނުމާ ހުރިހާ ކަމެއްވެސް ތަފާތު،" ގައުމީ ޓީމްގެ ކެޕްޓަން ބުންޏެވެ. "އެންމެ ބޮޑު ކަމަކަށް ފާހަގަ ކުރެވޭ ތަފާތަކީ އެ ކުޅޭ ކުޅުން."
ގައުމީ ޓީމްގެ ކެޕްޓަން ބުނީ، މުބާރާތުގައި ކުޅޭ އެއްވެސް މެޗެއް ފަސޭހަ މެޗެއްގެ ގޮތުގައި ނުދެކޭނެ ކަމަށާއި އަދި ލަންކާ ވީތީއޭ ކިޔާފަ "އޯވަ ކޮންފިޑެންސް" ނުވާނޭ ކަމަށެވެ.
"އެއްވެސް މެޗެއް ފަސޭހަކޮށް ނުނަގާނަން. ލަންކާ މެޗުން ފެށިގެން ހަމަ ފަހަރަކު މެޗެއް، ފަހަރަކު މެޗެއް ހަމަ މޮޅުވޭތޯ އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނީ،" ދަގަނޑޭ ބުންޏެވެ.
އެއްޓީމަކަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ގައުމީ ޓީމްގައި ހިމެނޭ އިރު ދަގަނޑޭއާ އެކު ކުރިއަށް ކުޅޭ މުހައްމަދު އުމޭރު އާއި އަލީ ފާސިރު (ސެންޓޭ)ގެ "ޕާޓްނާޝިޕް"އަށް ބަލާއިރު އޭނާ ބުނީ، އެއީ ނުބުންޏަސް ފެންނަން އޮތް ކަމެއް ކަމަށެވެ.
"ޕާޓްނާޝިޕްގެ ވާހަކަ ނުޖެހޭނެ ކަންނޭގެ އިރުތުރަށް ދައްކާކަށް. މިދިއަ ދެއަހަރު އެކަން އޮންނާނީ އެކަން ފެނިފައި،" ވޭތުވެ ދިޔަ ދެއަހަރު ދިވެހި ލީގު ކާމިޔާބު ކުރި ޓީމްގެ ފޯވާޑް ބުންޏެވެ.
ދަގަނޑޭ ބުނީ، ރާއްޖޭގެ ގައުމީ ޓީމް މިފަހަރު އޮތީ ތަށި ހިފައިގެން އެނބުރި ގައުމަށް ދާން ތައްޔާރަށް ކަމަށާއި، އެހެން ކަމުން ޓީމާއެކު ޓީމުގެ ފަހަތުގައި 12 ވަނަ ކުޅުންތެރިޔާގެ ގޮތުގައި ސަޕޯޓަރުން ތިބުން އެދޭ ކަމަށެވެ.