ޕެރިސް (ސެޕްޓެމްބަރު 1): ފަރަންސޭސިވިލާތް އެކަހެރި ގޮތެއްގައި ސޫރިޔާ އަށް ޙަމަލާ ނުދޭނެކަމަށް އެގައުމުގެ ދާޚިލީ ވަޒީރު މަނުއެލް ވާލްޒް ވިދާޅުވެއްޖެ އެވެ.

ރޭޑިޔޯ ޔޫރަޕް ވަން އަށް ދެއްވި ބަސްދީގަތުމެއްގައި ވާލްޒް ވިދާޅުވީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރަށް އަދަބު ދޭން ޖެހޭ ކަމަށާ ބައްޝާރުގެ ސަރުކާރުން ވިހަގޭސްތައް ބޭނުންކޮށްގެން ސޫރިޔާގެ ކުށެއްނެތް ރައްޔިތުން ޑަޒަންޑަޒަނަށް މަރަމުން ގެންދާކަމުގަ އެވެ. ވާލްޒް ވިދާޅުވީ ސޫރިޔާ އަށް ޙަމަލާދިނުމާ އިނގިރޭސި ޕާލަމެންޓުން ދެކޮޅުހަދާތީ ފަރަންސޭސިވިލާތް ކަންބޮޑުވާ ކަމަށާ އަދި މިމައްސަލާގައި އެމެރިކާގެ ކޮންގްރެސް އިން ނިންމާ ނިންމުމެއްގެ އިންތިޒާރުގައި ފަރަންސޭސި ސަރުކާރު އޮތްކަމުގަ އެވެ.

ފަރަންސޭސި ދާޚިލީ ވަޒީރު މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ސޫރިޔާ އަށް ޙަމަލާދިނުމާ މެދު ފަރަންސޭސި ޕަލަމެންޓުން ދެކޭގޮތް ބެލުމަށް އެގައުމުގެ ބައެއްފަރާތްތަކުން ރައީސް ފްރާންސްވާ އޮލާންދް އަށް ގޮވާލަމުންދާ ވަގުތެއްގަ އެވެ. މިގޮވާލުންތަކާ ގުޅިގެން ފަރަންސޭސި ބޮޑުވަޒީރު މާކް އީރޫ ވަނީ ޕާލަމެންޓްގެ ދެ ގޭގެ މަޝްވަރާ އާއި އިދިކޮޅު ޕާޓީގެ ޚިޔާލު މިކަމުގައި ހޯއްދާވާނެ ކަމަށް ވިދާޅުވެފަ އެވެ.

ފަރަންސޭސި ޚާރިޖީވަޒީރު ލޮރަންސް ފެބިއޮސް ވަނީ ސޫރިޔާ އަށް ޙަމަލާދިނުމާ އިނގިރޭސި ޕާލަމެންޓް ދެކޮޅު ހެދި ނަމަވެސް އަދި ސޫރިޔާއަށް ދޭ ޙަމަލާއެއްގައި އިނގިރޭސި ސިފައިން ބައިވެރިނުވި ނަމަވެސް އެކަމުގެ އަސަރު ފަރަންސޭސިވިލާތަށް ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ސޫރިޔާ އަށް އިސްވެ ޙަމަލާ ދިނުމުގެ މައްސަލާގައި ފަރަންސޭސިވިލާތުގެ ރައްޔިތުން ދެކޭގޮތް ބެލުމަށް ނަގާފައިވާ ޚިޔާލު ހޯދުމުގެ ސާވޭތަކުގެ ނަތީޖާ ދައްކާގޮތުން ފަރަންސޭސި ރައްޔިތުންގެ ގިނަ ބަޔަކު ސޫރިޔާއަށް އިސްވެ ޙަމަލާދިނުމަށް ދެކޮޅު ހަދަ އެވެ. (ރޮއިޓާސް)