02 Sep 2013, 09:17
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތް ކާމިޔާބުކޮށް ދިވެހިންނަށް ދިވެހިންގެ ތަށި އަނބުރާ ގެންގޮސް ދޭނޭ ކަމަށް ގައުމީ ޓީމުގެ ޑިފެންޑަރު އަކްރަމް އަބްދުލްޣަނީ (އަކޫ) ބުނެފި އެވެ.
މިއަދު ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ކަތުމަންޑޫގެ ޕޮލިސް ޓްރެއިނިން ގްރައުންޑްގައި އިއްޔެ ހަވީރު ގައުމީ ޓީމުން ބޭއްވި ފަރިތަކުރުން ނިންމާލުމަށްފަހު އަކޫ ބުނީ، ކުޅުންތެރިން ތިބީ އެ މެޗަށް ވަރަށް ފުރިހަމަ އަށް ތައްޔާރު ވެގެން ކަމަށާއި ސަޕޯޓަރުންގެ ފަރާތުން ބޭނުންވަނީ، ހެޔޮދުއާ ކަމަށެވެ.
"ސަޕޯޓަރުންނަށް ބުނެލަން އޮތީ އަޅުގަނޑުމެންނަށްޓަކައި ހެޔޮ ދުއާ ކޮށްދޭށޭ. އިރާދަކުރެއްވިއްޔާ ދިވެހިން ބޭނުންވާފަދަ މޮޅު ކުޅުމެއް ކުޅެ ދިވެހިންނަށް ދިވެހިންގެ ތަށި އަނބުރައި ގެންގޮސްދޭނަމޭ،" ގައުމީ ޓީމް 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލައިލި އިރު ޓީމުގެ ކެޕްޓަނަަކަށް ހުރި އައްސަދު އަބްދުލްޣަނީގެ ކޮއްކޮ ބުންޏެވެ.
އަކޫބުނީ މިއަދުގެ މެޗުން ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން "ތަފާތު" ކުޅުމެއް ފެނިގެން ދާނެ ކަމަށެވެ.
"ޓީމް މިއޮތީ ވަރަށް ފޯމްގައި. ޓީމްގެ ހުރިހާ ކަމެއްވެސް ދަނީ ވަރަށް ރަނގަޅަށް. އިރާދަކުރެއްވިއްޔާ މާދަމާގެ މެޗަކީ ދިވެހިންގެ ވަރަށް މޮޅު މެޗަކަށް ވެގެން ދާނެ،" އަކޫ ބުންޏެވެ.
ބަންގާޅުގައި 2009 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައިވެސް ރާއްޖޭގެ ޓީމަށް ކުޅުނު އަކޫ ބުނީ، ވާދަވެރި ސްރީ ލަންކާއާ ދެކޮޅަށް މިއަދު ރާއްޖެ ނުކުންނަ އިރު ދެޓީމަށްވެސް ވަނީ ވަރަށް ބޮޑެތި ބަދަލު ތަކެއް އައިސްފައި ކަމަށާއި އެހެން ކަމުން މިއަދުގެ މެޗަކީ ބަލައިލާ ހިތްވަފަދަ ރީތި މެޗަކަށް ވެގެންދާނޭ ކަމަށެވެ.
ކަތުމަންޑޫގެ ދަސަރަތު ސްޓޭޑިއަމްގައި ރާއްޖެއާއި ލަންކާ ވާދަކުރާ މެޗު ފަށާނީ ރާއްޖޭ ގަޑިން ހަވީރު 5:45ގަ އެވެ.