އިންޑިއާ އަތުން 1-0 އިން ބަލިވިނަމަވެސް މެޗުގައި ޕާކިސްތާން ޓީމުން ދެއްކި ކުޅުމާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށް އެ ޓީމުގެ އެސިސްޓެންޓް ކޯޗު ޝާހްޒާދު އަންވަރު ބުނެފި އެވެ.

ޝާހްޒާދު ބުނީ ރަނގަޅަށް ކުޅެ ލަނޑު ޖަހާނޭ ގިނަ ފުރުސަތުތަކެއް ލިބި، އިންޑިއާ އަތުން މޮޅު ނުވެވުނީ ޓީމުގެ ނަސީބު ދެރަކަމުންނޭ ބުނެވިދާނެ ކަމަށެއެވެ.

"އިންޑިއާ ޓީމަށް ވަރަށް ބޮޑަށް މަރުހަބާ. މިއަދުގެ މެޗުން އިންޑިއާ މޮޅުވީ ނަސީބު ރަނގަޅު ކަމުން،" ޝާހްޒާދު ބުންޏެވެ. "މެޗުގައި އަހަރެމެން ޓީމުންވެސް ވަރަށް ރަނގަޅަށް ކުޅެ ލަނޑު ޖަހާނޭ ފުރުސަތުތަކެއް ތަނަވަސް ކުރި. ހާއްސަކޮށް ފުރަތަމަ ހާފުގައި. އެއްފަހަރު ގޯލްގެ ދަނޑީގައިވެސް ޖެހުނު. އަދި އިންޑިއާގެ ކީޕަރުވަނީ، ގިނަ ހަމަލާތަކެއް ދިފާއު ކޮށްފައި. ބުނެވިދާނެ ނަތީޖާ ނުނެރެވުނީ ނަސީބު ދެރަކަމުންނޭ."

އިންޑިއާއަށް މެޗުގެ ކުރި ލިބުނު ފަހުން ޕާކިސްތާނު ޓީމުންވަނީ ކުޅުން ރަނގަޅުކޮށް ކުރިއަށް ޖެހި އިންޑިއާގެ ޑިފެންޑަރުންނަށް ޕްރެޝަރު ކުރިމަތި ކުރުވާފަ އެވެ.

"އަހަރެމެން ޓީމު މެޗުގެ ފުރަތަމަ ހާފްގައި ވަރަށް ރަނގަޅަށް ކުޅެ މެޗު ކޮންޓްރޯލްވެސް ކުރި. އަދި ދެވަނަ ހާފްގައިވެސް ވަރަށް ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި. އެހެން ނަމަވެސް އަހަރެމެންގެ ކުޅުންތެރިންނަށް ފުރުސަތުތަކުގެ ބޭނުން ނުކުރެވުނީ" ޝާހްޒާދު ބުންޏެވެ.

އިއްޔެގެ މެޗުން އިންޑިއާއަށް މޮޅުވެވުނީ، މެޗުގެ ކުރީކޮޅުގައި ޕާކިސްތާނުގެ ޑިފެންޑަރު ސަމަރު އިސްހާގު އަތުން ބައިކޮޅަށް ލަނޑެއް ވަނުމުގެ ސަބަބުންނެވެ. ޕާކިސްތާން ޓީމުގެ އެސިސްޓެންޓް ކޯޗު ބުނީ، އެ ލަނޑަކީ "ޑިފެންސިވް އެރާ"އެއްގެ ސަބަބުން ވަން ލަނޑެއް ކަމަށާއި އެލަނޑު ނުވަން ނަމަ އިންޑިއާ އަތުން މޮޅުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"ފަހަތް ބަލަހައްޓަން ތިބި ދެކުޅުންތެރިންނަށް ހެދުނު ގޯހަކުން އެ ލަނޑު ބައިކޮޅަށް ވަނީ. އަދި އެލަނޑު ނުވަން ނަމަ އިންޑިއާ އަތުން މޮޅުވުމުގެ ފުރުސަތު ވަރަށް ބޮޑު،" ޝާހުޒާދު ބުންޏެވެ.

ޝަހްޒާދު އިތުރަށް ބުނީ، އިންޑިއާ މެޗުން ބަލިވި ނަމަވެސް ކުރިއަށް ހުރި މެޗުތަކުން ޕާކިސްތާން ޓީމް ރަނގަޅު ނަތީޖާތަކެއް ނެރޭނެ ކަމަށެވެ.