އަށްވަނަ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް އޭގެ ދެވަނަ މެޗުގައި ޕާކިސްތާން އަތުން އިންޑިއާ މޮޅުވީ އެ ޓީމުގެ ނަސީބު ރަނގަޅު ކަމުން ކަމަށް އިންޑިއާގެ ކޯޗު ވިމް ކޮއެވަމަންސް ބުނެފި އެވެ.

ޕާކިސްތާން އަތުން އެންމެ ފަހުގެ ޗެމްޕިއަން 1-0 އިން މޮޅުވި މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު މެޗުގެ ސާދަ ވަނަ މިނިޓުގައި ޕާކިސްތާންގެ ގޯލަށް ވަނީ، ދިފާއުކުރަން އުޅުމުގެ ތެރޭގައި ޕާކިސްތާން ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށެވެ.

"އަހަރެން އެއްގޮތަކަށްވެސް ކުޅުމާ ދޭތެރޭގައި ހިތްހަމަ ނުޖެހޭ. އަހަރެމެންނަށް ލަނޑެއް ކާމިޔާބު ކުރެވުނީވެސް ނަސީބު ރަނގަޅުކަމުން،" އިންޑިއާގެ ކޯޗު ބުންޏެވެ.

ކޮއެވަމަންސް ބުނީ، މެޗު ފެށިގެން ކުޑަ އިރުކޮޅެއް ވަންދެން އޭނާގެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، އިންޑިއާއަށް ލަނޑެއް ކާމިޔާބު ކުރެވުނު ފަހުން ޕާކިސްތާނުގެ ކުޅުންރަނގަޅު ކޮށް އިންޑިއާ ޕްރެޝަރަށް ދުއްވާލި ކަމަށެވެ.

މެޗުގެ ފަހުހާފުގައި އިންޑިއާ ޓީމުން ބަދަލު ތަކެއް ގެނެސް ކުޅުން އިތުރަށް ވަރުގަދަ ކުރިނަމަވެސް ޕާކިސްތާން ޓީމުންވަނީ، އިންޑިއާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ.

"ދެވަނަ ހާފްގައި އަހަރެމެން ޓީމަށް ބައެއް ބަދަލުތައް ގެނައިން. އަދި ކުޅުން ރަނގަޅުވެގެން ދިޔަތަންވެސް ފެނުނު. އެހެން ނަމަވެސް ހީކުރި ގޮތާ ހިލާފަށް ޕާކިސްތާން ޓީމުންވަނީ، އަހަރެމެން ކޮޅަށް ނުރަށްކާ ކޮށްފައި،" އިންޑިއާ ޓީމުގެ ހޮލެންޑް ކޯޗު ބުންޏެވެ.

މުބާރާތް ފެށުމުގެ ކުރިންވެސް މި މުބާރާތުގައި އިންޑިއާ ކުޅޭ ކޮންމެ މެޗަކީ ފައިނަލެއްކަމަށް ބުނެ އެބަސް ތަކުރާރު ކުރަމުން ކޮއެވަމަންސް ބުނީ، މިހާރު މި ކުޅެވުނީ އެއް ފައިނަލް ކަމަށާއި އަދި މިއީ އެންމެ ވަރުގަދަ އެއް ފައިނަލް ކަމަށެވެ.

"ޕާކިސްތާން ޓީމަކީ ގްރޫޕްގައި ހިމެނޭ އެންމެ ވަރުގަދަ އެއް ޓީމު. ދެން އޮތީ ބަންގުލަދޭޝް އެއީވެސް ހަމަ އެހާ ވަރުގަދަ ޓީމެއް،" އިންޑިއާ ކޯޗު ބުންޏެވެ. "އަހަރެން ކުރިންވެސް ބުނިހެން އިންޑިއާ އަކީ މުބާރާުގެ އެންމެ ފަހުގެ ޗެމްޕިއަން ކަމަށް ވުމުން އެ ކާމިޔާބު ދިފާއު ކުރުމަށްޓަކައި، ކުޅެންޖެހޭ ފަސް ފައިނަލްގެ ތެރެއިން މި ކުޅެވުނީ ފުރަތަމަ ފައިނަލް."

މުބާރާތުގައި އިންޑިއާ ވާދަކުރާ ދެވަނަ މެޗުގައި އެޓީމު ނުކުންނާނީ ވާދަވެރި ބަންގުލަދޭޝް ޓީމާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންގާރަ ދުވަހު މެންދުރު ފަހު އެވެ.