ކެންބެރާ (ސެޕްޓެމްބަރ 2): އަންނަ ހުކުރު ދުވަހު އޮސްޓްރޭލިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާންމު އިންތިޚާބުގައި ބޮޑު ބައްޔަކުން ސަލާމަތް ވުމަށްޓަކައި ރައްޔިތުންގެ ވިންދާ ކުޅެލުމުގެ ގޮތުން އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ކެވިން ރުޑް، ކޭންޕޭންގެ އެންމެ ފަހުގެ ވަޢުދުތައް ވަމުން އެބަގެންދަވަ އެވެ.

ރުޑް އަށް ތާއީދުކުރާ އެތައް ހާސް ބައެއްގެ އެއްވުމެއްގައި ވާހަކަ ދައްކަވަމުން އެންމެ ފަހުގެ ވަޢްދުތަކެއްގެ ގޮތުގައި އޭނާ ވަޢްދުވެވަޑައިގެންނެވީ ރައްޔިތުންގެ އަތުން ޓެކްސް ނަގާމިންވަރު ކުޑަކުރުމާއި ދެކުނު ކޮރެޔާފަދަ ގައުމުތަކުގައި ތަޢާރަފްކޮށްފައިވާ ފަންނީ ޓެކްނޮލޮޖީ އަދި އުފެއްދުންތެރިކަމާއި އައު އީޖާދުގެ ތަޢްލީމުގެ ޕްރޮގްރާމްތައް މިހާރަށް ވުރެ ބޮޑަށް އޮސްޓްރޭލިޔާގައި ތަޢާރަފްކޮށް އޮސްޓްރޭލިޔާގެ ޒުވާނުންނަކީ އައު އީޖާދުތަކަށް އަހުލުވެރި ބައަކަށް ހެދުމުގެ ވަޢުދެވެ.

މިމޭ ރުމުން ވާހަކަ ދައްކަވަމުން ހަލުއިކަމާ އެކު ކުރިއަރަމުންދާ އަދުގެ ދުނިޔޭގައި އުފެއްދުންތެރި އައު އީޖާދުތަކަށް އަހުލުވެރިނުވާ ގައުމުތައް ކުރިއަރައިގެން ނުދާނެ ކަމަށާ އޮސްޓްރޭލިޔާގެ އިޤްތިސާދު މަޑުޖެހިފައިވުމުގެ މައިގަނޑު މައްސަލައަކީ އެގައުމުގެ ތަޢްލީމީ ނިޒާމު ޒަމާނީ އުފެއްދުންތެރިކަމާއެއް ގޮތަށް ތަރައްޤީކުރެވޭ މިންވަރު ކުޑަވުން ކަމަށް ރުޑް ވިދާޅުވި އެވެ.

ރުޑް އަށް ތާއީދުކުރާ އެތައް ހާސް ބައަކާ މުޚާތަބު ކުރައްވައި އޭނާ ވިދާޅުވީ "މިއިންތިޚާބުގައި އަހަރެމެން ހަނގުރާމަ މިކުރަނީ އަހަރެމެންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ޙަޔާތް ބާއްޖަވެރި ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމަށް" ކަމުގަ އެވެ. އަދި "އޮސްޓްރޭލިޔާގެ ރައްޔިތުންގެ ތަރައްޤީއާއި ކުރިއެރުމަށް ކުރާހަނގުރާމައިގާ ތިޔަބޭފުޅުންގެ ބޮޑުވަޒީރެއްގެ ހައިސިއްޔަތުން އަހަރެންގެ ފެންވަރާއި ފަންވަރާ މެދު ޝައްކުކޮށްގެންނުވާނެ، މިޝައްކު ނޯންނަވަރަށް އަހަރެން ވާނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގައުމަށް ކާމިޔާބު ހޯދައިދީފައި" ރުޑް ވިދާޅުވި އެވެ.

މީގެ ދެތިން މަސްކުރިން ބޮޑުވަޒީރު ކަމާ ޙަވާލުވެވަޑައިގެންނެވި ރުޑް އަކީ އޭނާ ނިސްބަތްވާ ލޭބަރ ޕާޓީގެ ވެރިކަމުގައި މީގެކުރިން ވެސް ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެޕާޓީގެ ވެރިކަމުގައި ރުޑް އަށް ވެރިކަން ގެއްލިވަޑައިގަތީ ޖޫލިޔާ ގިލާޑް އޭނާ އަށް ގޮންޖައްސަވައި 2010 ވަނަ އަހަރު ޕާޓީގެ ތެރެއިން ބޮޑުވަޒީރުކަން ހޯއްދެވުމުންނެވެ. މި ދެ ބޭފުޅުން ވެސް ނިސްބަތްވެ ވަޑައިގަންނަ ވަނީ އޮސްޓްރޭލިޔާގައި މިހާރު ވެރިކަންކުރާ ލޭބަރ ޕާޓީއަށެވެ.

ރުޑްއަކީ މިފަހަކަށް އައިސް އޮސްޓްރޭލިޔާގައި ވެރިކަންކުރާ ބައިމަދު ސަރުކާރުގެ ބޮޑުވަޒީރެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާ ދައްކާގޮތުން އިދިކޮޅު ކޮންޒަވެޓިވް ޕާޓީގެ ލީޑަރ ޓޯނީ އަބޫޓްގެ ތާއީދު ވަނީ ރުޑްއަށްވުރެ މަތީގައެވެ. މިގޮތުން ރުޑްއަށް 47 އިންސައްތައިގެ ތާއީދެއް އޮތްއިރު އަބޫޓް އަށް 53 އިންސައްތައިގެ ތާއީދެއްއޮތްކަން ރޮބަޓް މަރްދޫޚްގެ މީޑިޔާ އިންވަނީ ކަށަވަރުކޮށްދީފަ އެވެ. ރުޑްގެ މިވަޢުދުތަކަކީ ކުރިޔަށްއޮތް އިންތިޚާބުގައި ބޮޑު ބައްޔަކުން އޭނާ ބަލިވެވަޑައިގަތުމުގެ ފުރްސަތު ބޮޑުކަމުން އެކަމުން ސަލާމަތްވާނެ ގޮތެއް ހޯދުމުގެ ވަޢްދެއް ކަމަށް މުރާސިލުން ސިފަކުރެ އެވެ. (ނޫސްއެޖެންސީތައް)