21 Nov 2010, 04:30
ފުވައްމުލަކުން ތިން މީހުނާ އެކު މިދިޔަ ހުކުރު ދުވަހުގެ ރޭ ފަތިހު ބޮޑު ކަންނެއްޔަށް ނުކުތް ދޯނި ގެއްލިގެން ހޯދަމުންދަނިކޮށް ރޭ ފަތިހު ފެނިއްޖެ އެވެ.
ފުވައްމަލުކު މިލާނޯ ނުއުމާން އަލި ދީދީ ސަން އޮންލައިނަށް މިއަދު މައުލޫމާތު ދެމުން ބުނީ އެ ރަށު ނިއުސަން، މުހައްމަދު ސައީދުގެ ނޫމަސް ދޯނި ފެނިފައި ވަނީ އެ ދޯނި ހޯދަން ނުކުމެ އުޅުނު ދޯންޏަކަށް ރޭ ފަތިހު 4:30 ހާކަންހާއިރު ފުވައްމުލަކާ 84 މޭލު އިރުން ކަމަށެވެ.
އެ ދޯނި ފެނުނުކަން އެމްއެންޑީއެފުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
އަލި ދީދީ ބުނީ އެ ދޯނީގައި ތިބި ތިން މީހުންގެ ހާލުވެސް ރަގަނޅު ކަމަށާއި ދޯނީގައި މުވާސަލާތީ ވަސީލަތްތައް ވެސް ފުރިހަމަޔަށް ހުރި ކަމަށެވެ.
"ނޫމަސް ދޯނީގައި މުވާސަލާތީ ވަސީލަތް ރަގަނޅަށް ހުންނާނެ، އެ ދޯނި ފެނުނީ ވެސް އެ މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް އެ ދޯނީގެ މީހުންނާ ގުޅިގެން،" އޭނާ ބުންޏެވެ.
އަލީ ދީދީ ބުނީ އެ ދޯނި ހޯދި ދޯނީގެ ކަފުޖަހައިގެން ފުވައްމުލަކަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ފުވައްމުލަކަށް ދޯނި ގެނެވޭ ވަރު ވާނެ ކަމަށެވެ.
ނޫމަސް ދޯނި ގެއްލިގެން ހޯދަން ފަށާފައި ވަނީ އިއްޔެ ހެނދުނު އެވެ. އެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑްއަށް ލިބުމާ އެކު ކޯސްޓްގާޑުންނާއި މިފްކޯގެ "ރަންދި 28" އިން ވެސް އެ ދޯނި ހޯދުމުގެ މަސައްކަތް ކުރި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.