ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ފަހު ދުވަހު އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދަށް އެމަނިކުފާނު ގުޅުއްވަން މަސައްކަތް ކުރެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް ވަހީދު ވިދާޅުވަމުން އަންނަނީ ނަޝީދު އެ މަނިކުފާނާ ގުޅުއްވާފައި ނުވާ ކަމަށެވެ. އެ ދެ ބޭފުޅުން ދައްކަވާ އެ ވާހަކައިގެ އަސްލަކީ ކޮބައިކަން ވަނީ ނޭނގި އެވެ.

ވަހީދުގެ ވެރި ކަމަށް އެއް އަހަރާއި ހަތް މަސް ފަހު ދެ ބޭފުޅުން ހަމަލޮލަށް ފެންނުނީ މިރެ އެވެ. ރިޔާސީ ކެންޑިޑޭޓުންގެ ބަހުސަށް މިރޭ ދެ ބޭފުޅުންގެ ދަރުބާރުގެއަށް ވަޑައިގަތުމުން، އެ ގުޅުމަށް ހުރަސް އަޅާނެ އެކަކު ވެސް ނެތެވެ. ނަމަވެސް ނަޝީދު ރައީސް ވަހީދަށް ފުރަގަސްދީ، "ބާޣީ"ގެ ބޯޑު ރައީސް ވަހީދުގެ ކަރުގައި އެޅުވި އެވެ.

މީގެ ފަސް އަހަރު ކުރިން 2008 ވަނަ އަހަރު ރިޔާސީ ބަހުސްގައި ބައިވެރިވި ހަ ކެންޑިޑޭޓުން ފަރާތުން ފެނުނު މަންޒަރެއް މިރޭ ތަކުރާރެއް ނުވި އެވެ. ސިޔާސީ ހަތުރުންނަށް ވިޔަސް، ރައްޔިތުންނަށް ރިވެތި މިސާލެއް ނުދެއްކުނެވެ. ކެންޑިޑޭޓުންނާ ސަލާމް ކުރުމުގައި ނަޝީދު ފަސްޖެހުނެވެ. އެމަނިކުފާނު ފިޔަވައި ދެން ތިއްބެވި ތިން ކެންޑިޑޭޓުން ސަލާމްކޮށް، "ސަކަ" ޖެއްސެވިޔަސް ނަޝީދު އެކަމާ ދެއްކެވީ "ހުތުރު" މޫނެވެ.

ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބުން އެންމެ ފަހުން މިރޭ ދަރުބާރުގެއަށް ވަޑައިގެންނެވީ ނަޝީދެވެ. ކޮންމެ ކެންޑިޑޭޓަކު ވެސް ކެމެރާގެ ކުރިމަށްޗަށް ވަޑައިގަތުމުގެ ކުރިން މޭކަޕުގެ "ފުށް ހޭކި" އެވެ. ބަހުސަށް ތައްޔާރުކޮށްފައިވާ ރަންނަބަނޑޭރި މާލަމަށް ވަޑައިގަތުމަށް ފަހު ސަލާމްގެ އަތް ފުރަތަމަ ދިއްކޮށްލެއްވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނެވެ. ޔާމީނު ނަޝީދުގެ އިތުރަށް އަނެއް ދެ ބޭފުޅުންނާ ވެސް ސަލާމް ކުރެއްވި އެވެ. ނަމަވެސް ނަޝީދު ހަމައެކަނި ހިއްޕެވީ، އެ މަނިކުފާނުގެ ވެރިކަމުގައި ދޫނިދޫގައި "އެކަހެރި ހިމާޔަތް" ދެއްވި ޔާމީންގެ އަތްޕުޅުގައި އެކަންޏެވެ. އެ ދެ ބޭފުޅުން ކެމެރާގެ ކުރިމަތީގައި ސަލާން، ގަލާން ކުރައްވައި ކުޑަ ވާހަކަ ކޮޅެއް ދެއްކެވި އެވެ. އެހެން ކެންޑިޑޭޓަކާ ކައިރިވުމުގެ އެއްވެސް އިޝާރާތެއް ނަޝީދުގެ ކިބަޔަކުން ނުފެނުނެ އެވެ.

ސިޔާސީ ޕުލެޓްފޯމުގައި އެހެން ކެންޑިޑޭޓުންނާ "ކަޅިހަމަކޮށްލަން" ނަޝީދަކަށް ކެރިވަޑއެއް ނުގަތެވެ. ސިޔާސީ ގޮތުން ނަމާނޫ ދައްކަވަން ނަޝީދު މިރޭ ފަސް ޖެހިވަޑައިގެންނެވި އެވެ.

ބަހުސުގެ މަރުހަލާ ނިމުމާ އެކު ނަޝީދު ބެއްލެވީ ވީ އެންމެ އަވަހަކަށް އެތަން ދޫކުރައްވައި ވަޑައިގެންނެވޭތޯ އެވެ. ފޮޓޯ ސެޝަނަށް މަޑުކުރެއްވުމަކާ ވެސް ނުލަ އެވެ. ނަމަވެސް ހަތަރު ކެންޑިޑޭޓުންގެ ގްރޫޕް ފޮޓޯއެއް ނަގަން ތައްޔާރު ވެފައި ވަނިކޮށް، އެތަނުގައި ނަޝީދު ނެތުމުން ނަޝީދު އަނބުރާ ސްޓޭޖަށް ގެންނެވީ ޔާމީނެވެ. ފުރަތަމަ ފޮޓޯ ނެގީ ރިޔާސީ ބަހުސްގެ މޮޑަރޭޓަރު ހީނާ ވަލީދާ އެކު އެވެ. އެ ފޮޓޯ އަށް ފަހު ވެސް ނަޝީދު ވަޑައިގަންނަވަން އުޅުއްވި އެވެ. އެ ފަހަރު ވެސް ޔާމީން ނަޝީދު ހުއްޓުވި އެވެ. ހަތަރު ކެންޑިޑޭޓުންގެ ގްރޫޕް ފޮޓޯ އަށް ފަހު ނަޝީދު އަވަސް އަވަހަށް ސްޓޭޖުން ފައިބައިވަޑައިގަތެވެ. އަދި ހަތަރު ކެންޑިޑޭޓުންނާއި ދައުވަތު ދެއްވާފައިވާ ބޭފުޅުންނަށް ތައްޔާރުކޮށްފައިވާ ބިލަތްމީރުކޮށްލެއްވުމުގައި ބައިވެރިވެވަޑައިނުގެން ނަޝީދު ވަޑައިގަތީ އެވެ.