02 Sep 2013, 00:41
ޕީޕީއެމްގެ ސަރުކާރެއްގައި ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ އިގުތިސާދީ ސިޔާސަތުތަކާ އެކު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ ބޮަލަކަށް 12،000 އެމެރިކާ ޑޮލަރަށް އުފުލާލައިދޭނެ ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އަދި ޓީވީއެމްއިން ގުޅިގެން މިރޭ ގެނެސްދިން "ރިޔާސީ ބަހުސް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ޕީޕީއެމްގެ އިގުތިސާދީ މެނިފެސްޓޯގެ އަމާޒަކީ ހަމައެކަނި ވަޒީފާތައް އުފެއްދުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖޭގެ ގުރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) ނުވަތަ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް މިހާރު ހުރި މިންވަރުން 12،000 އެމެރިކާ ޑޮލަރަށް އުފުލާލުމަކީ ޕީޕީއެމް ސަރުކާރެއްގައި ކުރައްވާނެ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އަޅުގަނޑުމެން ހަމައެކަނި 94،000 ވަޒީފާ އުފައްދަނީކީ އެއް ނޫން. އަޅުގަނޑުމެން ބޭނުން ވަނީ ދިވެހި ރާއްޖޭގައި މިހާރު މިއޮތް 4،500 ޑޮލަރު ބޮލަކަށް ޖެހޭ މިންވަރު (ޖީޑީޕީ)، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އިގުތިސާދީ މަޝްރޫއުތައް ކާމިޔާބުވެގެން ގޮސްފި ކަމަށް ވަންޏާ މިއުފުލާލަ ދޭން ބޭނުން ވަނީ 12،000 އެމެރިކާ ޑޮލަރަށް،" ބަހުސުގެ ފަހު މަރުހަލާގައި ޔާމީން ވިދާޅުވި އެވެ.
ތައުލީމް
މިރޭގެ ޕްރޮގްރާމްގައި ކެންޑިޑޭޓުންނާ އެންމެ ފުރަތަމަ ސުވާލުކޮށްފައި ވަނީ ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް ގެންނާނެ ބަދަލުތަކާ ބެހޭ ގޮތުން ނެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގެ ތައުލީމީ ސިޔާސަތު ބިނާވެގެންދާނީ ކޮންމެ ކުއްޖަކީ ވެސް ތައުލީމު ލިބިފައިވާ ކުއްޖަކަށް ހެދުމަށް ކަމަށެވެ.
މިގޮތުން ވޮކޭޝަނަލް، ޓެކްނިކަލް އެޑިއުކޭޝަންގެ ތެރެއިން އިގުތިސާދަށް ބޭނުންވާ ހާއްސަ މާއްދާތައް ތައާރަފްކުރައްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އިގުތިސާދަކީ ޓާޝަރީ ސެކްޓާ (ހިދުމަތް ދިނުމުގެ ދާއިރާ) އަށް ބޭސްވެގެންދާ އިގުތިސާދަކަށް ވާތީ މިކަމަށް ބޭނުންވާ ހާއްސަ ސަބްޖެކްޓްތައް އަޅުގަނޑުމެން ތައާރަފްކުރާނަން. މީގެ ތެރޭގައި ކޮމާސްގެ މާއްދާތަކާއި ކޮމާޝަލް ލޯއާއި މާކެޓިންގް އާއި އޮފްޝޯ ބޭންކިންގް އޮފްޝޯ ފައިނޭންސިންގް ކަހަލަ ސްކިލްތައް އަޅުގަނޑުމެން ތައާރަފްކުރާނަން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ތައުލީމީ ދާއިރާ ރަނގަޅުކުރުމަށް ޓަކައި މުދައްރިސުންގެ ފެންވަރު ރަނގަޅުކުރަން ޖެހޭ ކަމަށާއި އެކަމަށް ޕީޕީއެމް އިން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.
"ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި ޓީޗަރުންނަށް ލިބޭ ރެމިއުނަރޭޝަން (މުސާރަ އަދި އެލަވަންސް) ރަނގަޅުކުރާނަން. އަދި ހަމަ އެހެންމެ ހުރިހާ ޓީޗަރުންނަކީ އެބަޔަކު މަސައްކަތްކުރާ ވަޒަނުގައި ތިބެގެން ގެދޮރުގެ ފަސޭހަކަން ހަމަޖެހޭ ނިޒާމެއްގެ ތެރެއިން އަޅުގަނޑުމެން ޓީޗަރުންނަށް ތައާރަފްކޮށްދޭނަން،" ޔާމީން ވިދާޅުވި އެވެ.
އިގުތިސާދު
އިގުތިސާދީ ދާއިރާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ދެއަހަރު ދުވަހުގެ ތެރޭގައި ބަޖެޓް ޑެފިސިޓް ނުވަތަ ބަޖެޓް ދަރަނި ސުމަކަށް ޖައްސާނެ ކަމަށެވެ.
ޔާމީން ވިދާޅުވީ އެކަން ކުރާނީ ރާއްޖެ އަށް އަންނަ ފޮރިން އިންވެސްޓްމަންޓްތައް އިތުރުކޮށްގެން ކަމަށާއި އެކަން ކުރެވޭނީ ފޮރިން އިންވެސްޓްމަންޓްގެ ގާނޫނަށް ގެންނަ ބަދަލުތަކެއްގެ ތެރެއިން ކަމަށެވެ.
"އިގުތިސާދު ހަމައަކަށް އެޅުވުމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ރާއްޖޭގެ އެގްރިގޭޓް ޑިމާންޑް ކޮންޓްރޯލްކުރުން، ބެލެންސަކަށް ގެނައުން. މީގެ އެންމެ މުހިއްމު ކަމެއް އަދާކޮށް ދެނީ ބަޖެޓުން. ދައުލަތުގެ ބަޖެޓް އަޅުގަނޑުމެންގެ ސަރުކާރެއްގެ ދެ އަހަރުގެ ތެރޭގައި ބަޖެޓް ޒީރޯކުރާނަން ނުވަތަ ޑެފިސިޓް ނައްތާލާނަން. އަދި އެއާއެކު ކުރިއަށް އޮތް ތިން އަހަރަކީ ބަޖެޓް ސާޕްލަސް ވެގެންދާނެ އަހަރު،" ޔާމީން ވިދާޅުވި އެވެ.
އަދި ރާއްޖޭގެ އިގުތިސާދުގެ މައިކަށްޓަށް ވެގެންދާނީ ޓޫރިޒަމް ކަމަށާއި އެދާއިރާއިން އަހަރަކު 10 ރިޒޯޓް އޮޕަރޭޝަނަލް ކެޕޭސިޓީގައި ހުޅުއްވައިދެއްވާނެ ކަމަށެވެ.
އެ ދާއިރާތަކުން 94،000 ވަޒީފާ ހުޅުއްވާލައްވާނެ ކަމަށް ޔާމީން ވިދާޅުވެފައިވާ އިރު، އެމަނިކުފާނު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަށް ވެސް ހާއްސަކޮށްގެން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި އެގޮތުން ރާއްޖޭގެ މަސްވެރިކަމުގެ ފުލީޓް 1،500 އަށް އިތުރުކޮށް "ބެޔަސް ނުބެޔަސް" މަސްވެރިންނަށް ދިރިއުޅުން ހަމަޖައްސާލެވޭނެ އިންޝުއަރަންސް ނިޒާމެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ.
ސިއްހަތާއި އިޖުތިމާއީ ރައްކާތެރިކަން
ސިއްހީ ދާއިރާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަކީ ހަރަދުތައް ބޮޑު ނިޒާމެއް ނަމަވެސް، ދިވެހި ދައުލަތުގެ ތަނަވަސްކަން އިތުރުވެއްޖެއްޔާ ކުރެވޭނެ ކަންތައްތައް ގިނަގުނަ ކަމަށެވެ.
މިގޮތުން ޕީޕީއެމްގެ ފަސް އަހަރެއް ނިމިގެންދާއިރު މާލޭގައި ހުރި އައިޖީއެމްއެޗް ފެންވަރު އިތުރު ހޮސްޕިޓަލެއް ރާއްޖޭގެ ކޮންމެވެސް އާބާދީ ބޮޑު ސަރަހައްދެއްގައި ގާއިމްކުރެވޭނެ ކަމަށާއި އަތޮޅުތަކުގައި ހުރި ހޮސްޕިޓަލުތަކުގައި ދެވޭ ހިދުމަތްތައް ވެސް އިހުމާލެއް ނެތި ދެވޭނެ މިންވަރަށް އެތަންތަން ތަރައްގީކުރައްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
އަދި މާބަނޑު އަންހެނުންނަށް ދިމާވާ ގިނަ މައްސަލަތައް ހައްލުކުރުމަށް ޓަކައި ފޫޅުމައިންގެ ހިދުމަތް އަލުން ފަށާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ރާއްޖޭގައި ސެކަންޑަރީ ލެވަލްގައި ހެދިފައި މިހުރި ބޮޑެތި ހޮސްޕިޓަލުތަކުގައި އަޅުގަނޑުމެން މިހިޔާލުކުރަނީ ސުޕާ ސްޕެޝަލިސްޓުންގެ ހިދުމަތް ލިބޭނެ ގޮތް ގޮތް ހަމަޖެއްސުން. މިކަމަށް ބޭނުންވާ ހުރިހާ ޑައެގްނޯސްޓިކް ފެސިލިޓީސް އާއި އިންފްރާސްޓްރަކްޗާ ގާއިމްކުރެވިފައި ހުރި ހޮސްޕިޓަލުތަކުގައި އެބަހުރި." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ސިއްހީ އަދި އިޖުތިމާއީ ދާއިރާއިން ވެސް ދިމާވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތައް ހައްލުކުރެވޭނީ ފުރިހަމަ ހެލްތު އިންޝުއަރަންސްގެ ނިޒާމެއްގެ ތެރެއިން ކަމަށެވެ.