01 Sep 2013, 22:35
ތިން އަހަރަށް ފަހު ސްރީލަންކާގެ ގައުމީ ޓީމް ރާއްޖެއާ ދެކޮޅަށް ކުޅެން ނުކުންނައިރު އެޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރު ވެފައި ކަމަށް ލަންކާގެ ބްރެޒިލް ކޯޗް ކްލައުޑިއޯ ރޮބާޓޯ ބުނެފި އެވެ.
ރާއްޖެއާ ލަނކާ އެންމެ ފަހުން ވާދަކޮށްފައިވަނީ، 2009 ވަނަ އަހަރު ބަނގުލަދޭޝްގައި ބޭއްވި ފަސްވަނަ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގަ އެވެ. އެމެޗުން ރާއްޖެ އަތުން ލަންކާ ބަލިވީ 5-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ނެވެ.
"އަހަރެން ރާއްޖެ ކުޅުނު މެޗު ތަކުގެ ވީޑިއޯ ބެލިން. އަދި ރާއްޖޭގެ ޓީމް ތައިލެންޑްގައި ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ އިރު ތައިލެންޑްގެ ޓީމަކާއެކު ކުޅުނު މެޗެއް އަހަރެން ބެލިން. އަހަންނަށް ރާއްޖޭގެ ކުޅުން މިހާރު އެނގޭ. އަދި އަހަރެމެން މިތިބީ ރާއްޖެއާ ކުރިމަތިލުމަށް ތައްޔާރުވެގެން،" ލަންކާ ކޯޗު ބުންޏެވެ.
ސަރަހައްދީ ފުޓްބޯޅައިގައި ޒަމާނުއްސުރެ ރާއްޖެއާ އެންމެ ވާދަވެރިކަން އޮންނަ ސްރީލަންކާ، އަހަރު ތަކަކަށް ފަހު އަނެއްކާވެސް ރާއްޖެއާ ވާދަކުރަން ފުރިހަމައަށް ތައްޔާރުވެފައި ވާއިރު އެޓީމްގެ ކޯޗު ބުނީ، މުބާރާތެއް ކާމިޔާބު ކުރުމަށްޓަކައި ފުރަތަމަ ކުޅޭ މެޗުން މޮޅުުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ދުނިޔޭގެ ފުޓްބޯޅައަށް މަޝްހޫރު ބްރެޒިލްގެ ކޯޗެއްގެ އިރުޝާދުގެ ދަށުން އެހެން އަހަރު ތަކާ ހިލާފަށް މިފަހަރުގެ މުބާރާތަށް ވަރަށް ރަނގަޅަށް ލަންކާ ތައްޔާރު ވެފައިވާއިރު އެޓީމުން ބްރެޒިލް ސްޓައިލްގެ ފުޓްބޯޅަ ކުޅުމެއް ފެނިދާނެތޯ ސުވާލުކުރުމުން ރޮބާޓޯ ބުނީ މާދަމާގެ މެޗު ބެލުމުން އެޓީމް ކުޅޭ ސްޓައިލް ފެންނާނެ ކަމަށެވެ.
"މި ޓީމްގައި ތަފާތު ސްޓައިލަށް ކުޅޭ ކުޅުންތެރިން އެބަތިބި. އަހަރެން ޓީމް އެކުލަވާލާފައި ވާނީ، އެ ކުޅުންތެރިންގެ ކެރެކްޓާއާއި ކުޅޭ ސްޓައިލަށް ބަލައިގެން. އެހެންވީމާ އަހަރެމެން ކުޅޭ ސްޓައިލް ފުރަތަމަ މެޗުން ފެނިގެންދާނެ،" ލަންކާގެ ބްރެޒިލް ކޯޗު ބުންޏެވެ. "އަހަރެމެން ކުޅެނީ ބްރެޒިލް ސްޓައިލް ފުޓްބޯޅަތޯ ނުވަތަ ލަންކާ ސްޓައިލް ފުޓްބޯޅަތޯ ފެނިގެން ދާނެ."
ލަންކާ ޓީމުގެ ކެޕްޓަން ޗަތުރަ ގުނަރަތުނެ ބުނީ، ލަންކާ ޓީމް މިފަހަރުގެ މުބާރާތަށް ތައްޔާރުވެފައިވާ ވަރަށް ބަލާއިރު އެ ޓީމަށް މިފަހަރުގެ މުބާރާތް ކާމިޔާބު ކުރެވިދާނެ ކަމަށެވެ.
"އަހަރެމެން ޓީމުގައި މިހާރު ތިބީ ސީނިއާ ހަތަރު ކުޅުންތެރިން. ދެން ތިބީ ވަރަށް ޒުވާން ކުޅުންތެރިން. އަދި މިފަހަރު އަހަރެމެންގެ ބްރެޒިލް ކޯޗް ޓީމު ބައްޓަން ކޮށްފައި ވަނީ ވެސް ތަފާތު ޕެޓާން އަކަށް. އެހެން ކަމުން ރަނގަޅު ކުޅުމެއް ފެނިގެން ދާނެ،" ގުނަރަތުނެ ބުންޏެވެ.
ރާއްޖެއާއި ލަންކާގެ ސީނިއަ ޓީމު މިހާތަަނަށް 16 ފަހަރެއްގެ މަތިން ބައްދަލު ކޮށްފައިވާއިރު އޭގެ ތެރެއިން ހަފަހަރު ރާއްޖެ ކުރި ހޯދާފައިވާ އިރު ލަންކާއަށް ރާއްޖެ އަތުން މޮޅުވެވިފައި ވަނީ އެންމެ ހަތަރު ފަހަރު އެވެ. އަނެއް ހަތަރު ކުރިމަތިލުން ނިމުނީ އެއްވަރު ވެގެންނެވެ.
މީގެ 16 އަހަރު ކުރިން ނޭޕާލްގެ ދަސަރަތު ސްޓޭޑިއަމްގައި ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅުނު ފުރަތަމަ ސާފް ޗެމްޕިއަންޝިޕްގެ ސެމީފައިނަލްގައި އޭރު ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ޓީމުކަމަށްވާ ލަންކާ ރާއްޖެ އަތުން ބަލިވީ 2-1 ލަނޑުންނެވެ.
ކަތުމަންޑޫގެ ދަސަރަތު ސްޓޭޑިއަމްގައި ރާއްޖެއާއި ސްރީލަންކާ ބައްދަލު ކުރާމެޗު ފަށާނީ މާދަމާ ހަވީރު ރާއްޖޭ ގަޑިން 5:4ގަ އެވެ.