ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގައި ރާއްޖެކުޅޭ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ލަންކާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، އެންމެ ފަހުން މި ދެޓީމް ބައްދަކު ކުރި މެޗުގެ ނަތީޖާ ތަކުރާރު ކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ގައުމީ ޓީމްގެ ކޯޗު އިސްތަވާން އުރުބާނީ ބުނެފި އެވެ.

ރާއްޖެއާ ލަންކާ އެންމެ ފަހުން ވާދަކޮށްފައި ވަނީ، ބަންގުލަދޭޝްގައި 2009 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގަ އެވެ. އެފަހަރު ރާއްޖެ ވަނީ 5-1 އިން ލަންކާ ބަލިކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފަ އެވެ.

"ލަންކާއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ އަބަދުވެސް މުހިއްމު މެޗުތަކެއް. އަހަރެން އެންމެ ފަހުން ސީނިއާ ޓީމާއެކު ލަންކާއާ ވާދަކުރީ، 2009 ވަނަ އަހަރުގެ ސާފް ޗެމަޕިއަންޝިޕްގެ ސެމީ ފައިނަލްގައި. އެމެޗަކީ އުނދަގޫ އެކަމަ ވަރަށް ރަނގަޅަށް ކުޅެ ރަނގަޅު ނަތީޖާއެއް ނެރެވުނު މެޗެއް. އަހަރެން އުންމީދު ކުރަން ރަނގަޅު ގޭމެއް ކުޅެ، އެމެޗުގެ ނަތީޖާ ތަކުރާރު ކުރަން،" ގައުމީ ޓީމުގެ ކޯޗު ބުންޏެވެ.

ކޯޗު ބުނީ، މުބާރާތުގައި ކުރިއަށް ދިއުމަށްޓަކައި ފުރަތަމަ މެޗު ކާމިޔާބު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެހެން ކަމުން ޓީމުގެ ހުރިހާ ވިސްނުމެއްވެސް ހުރީ މާދަމާގެ މެޗުން މޮޅުވާން ކަމަށެވެ.

ރާއްޖެއާއި ލަންކާގެ ސީނިއަ ޓީމު މިހާތަަނަށް 16 ފަހަރެއްގެ މަތިން ބައްދަލު ކޮށްފައިވާއިރު އޭގެ ތެރެއިން ހަފަހަރު ރާއްޖެ ކުރި ހޯދާފައިވާ އިރު ލަންކާއަށް ރާއްޖެ އަތުން މޮޅުވެވިފައި ވަނީ އެންމެ ހަތަރު ފަހަރު އެވެ. އަނެއް ހަތަރު ކުރިމަތިލުން ނިމުނީ އެއްވަރު ވެގެންނެވެ.

ސާކް ސަރަހައްދުގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި މި ދެޓީމު ވާދަ ކުރި މެޗުތަކަށް ބަލާއިރު ރާއްޖެ ވަނީ އެމުބާރާތުގައި ލަންކާއާ ދެކޮޅަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފަ އެވެ. އަނެއް މެޗު ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމް އެއްވަރު ވެގެންނެވެ.

މީގެ 16 އަހަރު ކުރިން ނޭޕާލްގެ ދަސަރަތު ސްޓޭޑިއަމްގައި ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅުނު ފުރަތަމަ ސާފް ޗެމްޕިއަންޝިޕްގެ ސެމީފައިނަލްގައި އޭރު ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ޓީމުކަމަށްވާ ލަންކާ 2-1 އިން ބަލިކޮށް ރާއްޖެ ވަނީ އެފަހަރު މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފަ އެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ހަންގޭރީ ކޯޗު ބުނީ، ލަންކާއާ ދެކޮޅަށް މާދަމާ ޓީމު ނުކުންނަ އިރު ހުރިހާ ކުޅުންތެރިންވެސް ތިބީ ރަނގަޅަށް ތައްޔާރު ވެގެން ކަމަށާއި، އެހެން ކަމުން އެ މެޗުން ރާއްޖެއަށް ރަނގަޅު ނަތީޖާއެއް ނެރެވޭނޭ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

މާދަމާގެ މެޗަށް ނުކުންނަ އިރު ދެޓީމުގައިވެސް ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންތަކެއް ހިމެނޭއިރު އޭގެ ތެރޭގައި ހުސްވި އަހަރު ލަންކާގައި ބޭއްވި ރާޖަޕަކްސަ 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ގިނަ ކުޅުންތެރިން ތަކެއް ހިމެނެ އެވެ.

ދަސަރަތު ސްޓޭޑިއަމްގައި ރާއްޖެއާއި ސްރީލަންކާ ބައްދަލު ކުރާމެޗު ފަށާނީ މާދަމާ ހަވީރު ރާއްޖޭ ގަޑިން 5:4ގަ އެވެ.