ދެކުނު އެފްރިކާގެ މިނިވަންކަމުގެ ބާނީ އަދި ކުރީގެ ރައީސް ނެލްސަން މަންޑޭލާ ހޮސްޕިޓަލުން ގެކޮޅައަށް ބަދަލުކުރި ނަމަވެސް، އެމަނިކުފާނުގެ ހާލުކޮޅު އަދިވެސް ރަނގަޅުނޫން ކަމަށް އެގައުމުން ބުނެފި އެވެ.

ދެކުނު އެފްރިކާގެ ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުގައި ބުނެފައި ވަނީ ގެކޮޅުގައިވެސް މަންޑޭލާއަށް ހާއްސަ ފަރުވާ ދެމުންދާ ކަމަށާއި، ހާޅުކޮޅު ގޯސް ނަމަވެސް، މިހާރު "ސްޓޭބަލް" ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

ފުއްޕާމެއަށް ޖެހިވަޑައިގެން އާލާސްކަންފުޅަކާ ގުޅިގެން މަންޑޭލާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ މިދިޔަ ޖޫން މަހު އެވެ.

ދެކުނު އެފްރިކާގެ ބަޔާނުގައި ވަނީ ޖުހެނަސްބާގުގެ ހިއުޓަންގައި ހުންނަ މަންޑޭލާގެ ގެކޮޅުގައި އެމަނިކުފާނަށް ފަރުވާ ދެއްވަން ބޭނުންވާ ހުރިހާ އާލާތްތައް މިހާރު ބަހައްޓާފައިވާ ކަމަށެވެ. ގެކޮޅުގައި ވެސް މަންޑޭލާއަށް ފަރުވާ ދެއްވާނީ ޕްރެޓޯރިއާ ހޮސްޕިޓަލުގައިވެސް މަންޑޭލާއަށް ފަރުވާ ދެއްވި ޓީމުން ކަމަށް އެބަޔާނުގައި ވެއެވެ.

ކުރިން ނަސްލީ ވެރިކަމެއް ކުރަމުން އައިދެކުނު އެފްރިކާގައި ދޮން މީހުންގެ މައްޗަށް ކާމިޔާބު ހޯއްދަވައި، ހުރިހާ ނަސްލެއްގެ މީހުންނަށްވެސް ސުލްހަވެރިކަމާއެކު ދެކުނު އެފްރިކާގައި އުޅެވޭނެ ގޮތް ފަހިކޮށްދެއްވި ލީޑަރަކީ މަންޑޭލާއެވެ. ދުނިޔޭގެ ގިނަ ބައެއްގެ އިހްތިރާމް ހޯއްދަވާފައިވާ މަންޑޭލާއަކީ ނޮބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

މަންޑޭލާއަށް ޖެހިވަޑައިގެންފައިވާ ފުއްޕާމޭގެ އިންފެކްޝަނަކީ ޖަލުގައި މަންޑޭލާ ހޭދަކުރެއްވި 27 އަހަރުގެ ތެރޭގައި މަންޑޭލާއަށް ޖެހިވަޑައިގެންފައިވާ އާލާސްކަންފުޅެއް ކަމަށް ބެލެވެ އެވެ.