20 Nov 2010, 13:59
އަމީނީ މަގުން މާފަންނު ވިލީފުލުސް ކުރިމަތިން ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހި ދެ މީހަކު ވަރަށް ބޮޑަށް ޒަހަމް ވެއްޖެ އެވެ.
މި އެކްސިޑެންޓް ހިގާފައި ވަނީ އަމީނީމަގުން މާފަންނު ވިލީ ފުލުސް ކުރިމަތިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހިގެނެވެ. އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 6:45 އެހާ ކަންހާއިރު އެވެ.
މަންޒަރު ދުއް ބައެއް މީހުން ބުނީ އެކްސިޑެންޓްގައި އެއް ސައިކަލްގެ ފަހަތުގައި އިން އަންހެނެއްގެ އުނަގަނޑު ޕާކު ކޮށްފައި އޮތް ލޮރީއެއްގައި ޖެހުނު މަންޒަރު ފެނުނު ކަމަށާއި އެ އަންހެން މީހާއަށް ވެސް އަނިޔާތައް ލިބުނު ކަމަށެވެ. އެ މީހުން ބުނީ އެކްސިޑެންޓްގައި ބޮޑަށް އަނިޔާވެފައި ވަނީ ފިރިހެން މީހާއަށް ކަމަށެވެ. އެމީހާގެ ހަށިގަނޑުގެ ބައެއް ތަންތަން ޒަހަމްވެ ވަރަށް ގިނަ ލޭ މަގުމައްޗަށް އެޅިފައި ހުރި ކަމަށް ވެސް ބުންނެވެ.
އެކްސީޓެންޓް ހިގި ސަރަހައްދަށް ދިޔަ ސަން އޮންލައިންގެ ނޫސްވެރިންނަށް އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ހުއްޓާ ފެނިފައި ވެއެވެ.
އެކްސިޑެންޓަށް ފަހު މި ދެ މީހުން ވެސް ވަނީ ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.
ހޮސްޕިޓަލުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ ދެ މީހަކަށް އެކި ވަރުގެ އަނިޔާތަކެއް ލިބިގެން ގެނައުމުން ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމާއި އެ މީހުންނަށް ލިބިފައިވާ އަނިޔާތަކާ ގުޅޭ އިތުރު ތަފްސީލެއް ނުދިނެވެ. ފުލުހުން ވެސް ބުނީ މި އެކްސިޑެންޓާ ގުޅޭ އިތުރު ތަފުސީލު ދެވެން ނެތް ކަމަށާއި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މާފަންނު ވިލީ ފުލުސް ކައިރިން މި އެކްސިޑެންޓް ހިނގީ ސައިކަލަކާ އެމްބިއުލާންސެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހެއްގެ ބޯފެޅި ސީރިއަސް އަނިޔާތަކެއް ވިތާ 12 ގަޑިއރު ވެސް ނުވަނީހެވެ.