ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ޕާކިސްތާން ކުޅުންތެރިއަކު ބައިކޮޅަށް ޖެހުނު ލަނޑުން 1-0އިން ޗެމްޕިއަން އިންޑިޔާ ހަނި ގޮތަކަށް މޮޅުވެއްޖެ އެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ދަސަރަތު ސްޓޭޑިއަމްގައި މިއަދު ހަވީރު ރާއްޖެ ގަޑިން 5:45 ގައި ކުޅުނު އެ މެޗުގެ ލަނޑު ޕާކިސްތާނު ކޮޅަށް އިންޑިއާއިން ޖެހީ މެޗުގެ 15 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ޕާކިސްތާން ކޮޅަށް ވަނީ އިންޑިއާ ކުޅުންތެރިއަކު ނެގި ހުރަހަކުން ޕާކިސްތާން ޓީމުގެ ޑިފެންޑަރު ސަމަރު އިސްސާގުގެ އަތުން ބައިކޮޅަށެވެ.

މިއަދު މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާއިން ރަނގަޅު ކުޅުމެއް ދެއްކި ކަމަކު، ދެ ވަނަ ހާފުގައި އިންޑިއާގެ މޮޅު ކުޅުމެއް ފެނިގެން ނުދެ އެވެ. އަދި މެޗުގެ ދެ ވަނަ ހާފުގައި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީއަށް ލަނޑު ޖަހަން ލިބުނު ރަނުގެ ދެ ފުރުސަތު ވެސް ދިޔައީ ބޭކާރު ވެގެން ނެވެ.

މިއަދުގެ މެޗުން އިންޑިއާ މޮޅުވުމުން ގްރޫޕް އޭގައި އެ ޓީމް އޮތީ ދެވަނަ މަގާމުގަ އެވެ. އެ ގްރޫޕްގެ އެއްވަނާގައި އޮތީ އިއްޔެ ބަންގްލަދޭޝް އަތުން 2-0 މޮޅުވި ނޭޕާލެވެ. މި ގްރޫޕުގެ މެޗެއް ދެން ކުޅޭނީ އަންގާރަ ދުވަހު އެވެ. އެ ދުވަހުގެ ފުރަތަމަ މެޗުގައި ކުޅޭނީ މިއަދުގެ މެޗުން މޮޅިވި އިންޑިއާއި ނޭޕާލެވެ. ދެ ވަނަ މެޗްގައި ކުޅޭނީ ޕާކިސްތާނާއި ބަނގްލަދޭޝް އެވެ.

މުބާރަތުގައި މާދަމާ ކުޅޭނީ ގްރޫޕް ބީ މެޗުތަކެވެ. އެގޮތުން މާދަމާގެ ފުރަތަމަ މެޗުގައި ރާއްޖެ ގަޑިން 2:45 ގައި ބޫޓާން އާއި އަފްގާނިސްތާން ބައްދަލުކުރާއި މާދަމާގެ ދެ ވަނަ މެޗުގައި ބައްދަލު ކުރާނީ ރާއްޖެ އާއި ސްރީލަންކާ އެވެ. މިމެޗް ކުލޭނީ މާދަމާ ރާއްޖެ ގަޑިން 5:45 ގައެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ލަންކާ އާއި ރާއްޖޭގެ އިތުރުން ގްރޫޕް ބީގައި ދެން ހިމެނެނީ ބޫޓާނާއި އަފްގާނިސްތާނެވެ. އަދި މުބާރާތް ބާއްވާ ނޭޕާލް، އަދި ޕާކިސްތާނާއި ބަންގުލާދޭޝް ލައްވައިލީ ގްރޫޕް އޭގަ އެވެ. އެހެން ކަމުން މިފަހަރުގެ "ގްރޫޕް އޮފް ޑެތު" ނުވަނަތަ މަރުގެ ގްރޫޕަކީ ގްރޫޕް އޭ އެވެ.

ސާކް ސަރަހައްދުގެ އަށް ގައުމު ބައިވެރިވާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 50،000 ޑޮލަރުގެ ފައިސާގެ އިނާމް ހުށަހެޅިފައިވާ އިރު މުބާރާތުގެ ރަނަރަޕް ޓީމަށް 25000 ޑޮލަރު ލިބޭނެ އެވެ. އަދި ހަމަ އެހެންމެ މުބާރާތުގެ ތިންވަނަ އާއި ހަތަރު ވަނައަށްދާ ދެ ޓީމަށް 10،000 ޑޮލަރު ލިބޭނެ އެވެ.