01 Sep 2013, 18:40
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލް ކުރުމަށްޓަކައި ޓާޝަރީ ލޯން ސްކީމްގެ ދަށުން 250 ފުރުސަތު ހުޅުވާލައިފި އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު އަލީ ވިދާޅުވީ މި ފަހަރު ހުޅުވާލާ ފުރުސަތުގައި ނޮން އޯއީސީޑީ ގައުމުތަކާއި އޯއީސީޑީ ގައުމަތައް ހިމެނޭ ކަމަށެވެ. އަދި މި ފަހަރުގެ ފުރުސަތު ތަކަށް 80،000،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދު ވާނެ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
"ޓާޝަރީ ލޯން ސްކީމްގެ ދަށުން އަޅުގަނޑުމެން މި ފަހަރު މި ހުޅުވާލަނީ 250 ފުރުސަތު. އޭގެ ތެރޭގައި ނޮން އޯއީސީޑީ ގައުމުތަކާއި އޯއީސީޑީ ގައުމުތައް ހިމެނޭ. މި ފަހަރުގެ ފުރުސަތު ތަކަށް 80،000،000 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ވާނެ،" ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
ޓާޝަރީ ލޯން ސްކީމްގެ ދަށުން މި ފަހަރު ހުޅުވާލި ފުރުސަތުގައި ރާއްޖޭގައި ތިބެގެން ޑިގްރީ ހާސިލް ކުރުމަށް 75 ފުރުސަތު ހުޅުވާލާފައިވެއެވެ. ނޮން އޯއީސީޑީ ގައުމުތަކަށް ޑިގްރީ ހާސިލް ކުރަން ދިއުމަށް 75 ފުރުސަތު ހުޅުވާލާފައިވާއިރު މެޑިކަލް ދާއިރާއިން ޑިގްރީ ހާސިލް ކުރުމަށް 15 ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ޕައިލެޓް ސްޓަޑީޒް ޑިގްރީ ހާސިލް ކުރުމަށް 10 ފުރުސަތާއި މާސްޓާޒް ހާސިލް ކުރުމަށް 15 ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.
ސްޓޫޑެންޓް ޓާޝަރީ ލޯން ސްކީމްގެ ދަށުން އޯއީސީޑީ ގައުމުތަކުން ޑިގްރީ ހާސިލް ކުރުމަށް 35 ފުރުސަތު ހުޅުވާލާފައިވެއެވެ. އެގޮތުން ޕައިލެޓް ސްޓަޑީޒް އަށް ފަސް ފުރުސަތު ހުޅުވާލާފައި ވެއެވެ. އަދި މާސްޓާޒް ހާސިލް ކުރުމަށް 20 ފުރުސަތު ވަނީ ހުޅުވާާލާފަ އެވެ.
ޓާޝަރީ ލޯން ސްކީމުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމަށް ހުޅުވާލީ ފުރުސަތުތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު އައިމިނަތު އަލީ ވިދާޅުވީ މީގެ ކުރިން ޕައިލެޓް ސްޓަޑީޒް އިން މަތީ ތައުލީމަށް ދިއުމަށް ފުރުސަތު ހުޅުވާލާފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މީގެ ކުރިން އަދި ވޭޔވެދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް ޕައިލެޓް ސްޓަޑީޒް ގެ ދާއިރާއިން މަތީ ތައުލީމަށް ދިއުމަށް މިފަދަ ލޯން ސްކީމެއް ހުޅުވާލާފަ އެއް ނުވާނެ. މިއީ މިފަދަ ފުރުސަތެއް ހުޅުވާލި ފުރަތަމަ ފަހަރު" ސްޓޭޓް މިނިސްތަރު ވިދާޅުވި އެވެ.
އައިންތު ވިދާޅުވީ ޓާޝަރީ ލޯން ސްކީމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހަށްގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ޓާޝަރީ ލޯން ސްކީމަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީގެ ކައުންޓަރުން ލިބޭނެ ކަމަސް ވެސް ވިދާޅުވި އެވެ.