01 Sep 2013, 18:29
(29 އޯގަސްޓްގެ އަދަދާއި ގުޅޭ)
ހެނދުނު ހޭލައިފައި މިއާ އޮތީ ތެދުވާ ހިތް ނުވެފައެވެ. ނިދިން ހޭލެވުމުން ފުރަތަމަވެސް ހަނދާނަށް އައީ ރޭ އިޔަން ނިދީ އޭނާދެކެ ހިތްހަމަ ނުޖެހިފައި ހުރެގެން ކަމެވެ. މައްސަލަ އަކީ އިޔަން ދެކުނު ގޮތެވެ. އެއީ އޭނާ ޒޯހާއަށް ވާންވެގެން ޒޯހާގެ މަޤާމު އަމިއްލަ ކުރަންވެގެން ކުރި ކަމެއް ކަމަށެވެ. ތެދެކެވެ. އޭނާ ޒޯހާ ފަދައިން އިޔަންގެ ލޯބި ބޭނުމެވެ. އިޔަންގެ ހިތުން ޒޯހާއަށް ލިބުނު ފަދަ ހާއްސަކަމެއް އެދެވެއެވެ. އެކަމަކު އެކަންކަން އޭނާ ހާސިލް ކުރަން ބޭނުމީ ޒޯހާއަށް ވެގެނެއް ނޫނެވެ. އެކަމަކު އޭނާގެ އަމިއްލަ ގޮތުގައި ހުރެގެންނެވެ.
ރޭ އޭނާ ހިތުގަ ޖެހި ޖެހިފައި ރުއެވެ. ކަރުނަ އަޅައި ބާލީސް ފޯވިއެވެ. ނިދޭންދެން ގިސްލިއެވެ. އެކަމަކު އެކަން ދަންނާނީ ކާކު ހެއްޔެވެ؟ އެކަރުނަ ތަކުގެ އަގު އިޔަން އަކަށް ވަޒަނެއް ނުކުރެވޭނެއެވެ. ކުރާނެ ކަމެއް ނެތެވެ. ލޯއްބަކީ ދުނިޔޭން އެންމެންނަށް ލިބޭ އެއްޗެއް ނޫނެވެ. ނަސީބު ރަނގަޅު ކަމުން އޭނާއަށް އަދި ލޯބިވެރިޔާގެ އަންބެއްގެ މަޤާމުގައި، ފެންނަ ހިސާބުގައި އެބަ ހުރެވޭތާއެވެ.
ވިސްނަން އޮތްވައި މިއާއަށް ހިޔާލެއް އައެވެ. މިއާ ނިދާ ހެދުން ބާލައި އަތްދިގު ޓީޝާޓަކާއި ހަރުވާޅެއް ލައިގެން ބަދިގެއަށް ވަނީ އިސްތަށިގަނޑު އަތަށް އޮޅަމުންނެވެ. އެއިސްތަށިގަނޑުގައި ހުޅިއެއް ޖަހާލައިފައި ފުރަތަމަވެސް ފްރިޖް ޗެކް ކޮށްލިއެވެ. ބޭނުންވާ ހުރިހާ އެއްޗެއް އެބަ ހުއްޓެވެ. މިއާ ފޯނުން ލަވައެއް ޖަހާފައި މޭޒުމަތީ ބާއްވައިގެން ހެނދުނުގެ ނާސްތާ ތައްޔާރު ކުރަން އުޅުނީ ނިކަން ގަޔާވެގެންނެވެ. އޭނާގެ މަޤްސަދަކީ އިޔަން ރުއްސުމެވެ. ހެނދުނު ހެނދުނާ އިޔަން އަށް އެންމެ ކަމުދާ ނާސްތާއިން މަރުހަބާ ކިޔައިގެން އެތުންފަތަށް ހިނިތުންވުން ގެނައުމެވެ.
ކާމިޔާބީގެ ކޮޅުމަތި ފެންނަން މިނިޓް ކޮޅެއްވެސް ނުނަގައެވެ. މިއާ ޕޭން ކޭކް ހަދާފައި ތަށްޓަށް އަޅައި މޭޒު މަތި ތައްޔާރު ކުރަން އުޅެނިކޮށް އިޔަން ލޯ އުނގުޅަމުން ނިކުމެގެން އައީ ނިދަން ލީ ހަރުވާޅުގައި މަތިން ޓީޝާޓެއްވެސް ނުލައެވެ. އެވަގުތު މޭޒުމަތީ އަތުރާފައިވާ ޕޭން ކޭކް ތައްޓާއި ރީތި ކުލަ ތަކުން އެކުވެފައިވާ ފުރުޓް ސެލެޑް ތަށީގެ ކައިރީ މިއާ ބެހެއްޓި އޭނާގެ ހާއްސަ ކޮފީ ތައްޓެވެ. ޕޭން ކޭކުގެ ވަހާއި ކޮފީ ވަސް އެކުވެގެން އިޔަން ގަދަކަމުން ހުޅުވާފައިވާ ދެލޮލުން ނިދި އުދުއްސައިލިއެވެ. މިއާ އެއްޗެއް ނުވެސް ބުނަނީސް އިޔަން ފެނުނީ އިށީންދެފައި ކޮފީ ތަށި ނަގައި ތުން ޖެހިތަނެވެ.
"މްމްމްމމމ...." ހުރިހާ އެއްޗެއްވެސް ވަރަށް މީރު." އިޔަން އޫ ނަގާފައި ފުރަތަމަ ކޮންމެ އެއްޗަކުން އެތިކޮޅެއް ރަހަ ބަލައިލިއެވެ. މިއާގެ ތުނި ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން އައީ އެވަގުތެވެ. ހިތަށް އަސަރު ކުރި ވަރުން ލޮލުގައި ކަރުނަވެސް ބޮނޑިވިއެވެ. ހިތަށް އެރިއެވެ. އިޔަން ހިތްހަމަޖެހިފައި އިންނަހާ ހިނދަކު އޭނާވެސް އިންނާނީ އުފަލުންނެވެ.
"މިއާ ސައި ނުބޮންތަ؟" އިޔަން އިރުކޮޅަކުން އިސް އުފުލައިލިއެވެ. "ނުކެރޭނެ." މިއާ ފާޑަކަށް އަނގަ ހަދައިލިއެވެ. "ދެން ކޮންމެ ދުވަހަކު އެހާ ލަސްވަންދެން ސައިބޯން ހުރީމަ ރަނގަޅެއް ނުވާނެ. އެޓްލީސްޓް ޓްރައި ކޮށްބަލަ. ގިނަ ދުވަސްވި ވަރަކަށް އުދަނގޫތައް ރަނގަޅުވަމުން އަންނާނީ." އިޔަން ހިތްވަރު ލައިދިނެވެ. މިއާ ދެފިކުރެއްގައި ހުރެފައިވެސް އެންމެ ފަހުން އިށީނެވެ.
ހިމޭން ކަމާއިއެކު ދެމީހުން ނާސްތާ ކުރަމުން ދިޔައިރު ދެމީހުންވެސް ފާއިތުވި ދުވަހުގެ ވާހަކައެއް ނުދައްކައެވެ. ދޭތެރެއަކުން މިއާ ކަޅިއެއް އެއްލާފައި އިޔަންގެ މޫނަށް ބަލައިލި ނަމަވެސް އިޔަން އިނީ އިސްޖަހައިގެންނެވެ. އެހެން އިނދެފައި ކުރިން ތެދުވީ މިއާ އެވެ. މިއާ ޖޫސް ހުސްކުރި ބިއްލޫރި ތަށި ހިފައިގެން ސިންކާއި ދިމާއަށް ގޮސް ހުއްޓުނު ވަގުތަކީ އިޔަންވެސް އިނދެފައި އިސް އުފުލައި އެދިމާއަށް ބަލައިލި ވަގުތެވެ. އެވަގުތު އިޔަންގެ ލޮލުގައި އަޅައިގަތް މަންޒަރަކުން ދެލޯ ބޮޑު ވާ ގޮތްވިއެވެ.
"އޯ މައި ގޯޑް." އިޔަންގެ އަޑު އިވިގެން މިއާ ސިއްސައިގެން ގޮއްސައި އެނބުރު ބަލައިލިއެވެ. "ކިހިނެތްވީ؟" މިއާ ވެސް ހުރީ ހާސްވެފައެވެ. "މިއާގެ ހަރުވާޅުގައި ބްލަޑް." އިޔަން ދިން ޖަވާބު އަހާފައި މިއާ އެއްފަހަރު ލައިގެން ހުރި ހަރުވާޅަށް އަނެއް ފަހަރު އިށީންދެފައި ދިޔަ ގޮނޑިއަށް ކަޅިއެއް އެއްލާފައި އަރި އަޅައިލައިގެން ވެއްޓިއްޖެއެވެ.
މިއާ ލޯ ހުޅުވައިލި އިރު އޮތީ ހޮސްޕިޓަލް ގައެވެ. ދާދި ކައިރީގައި އިޔަން އިޔަން އިނީ ފޯނެއްގައެވެ. އެވަގުތު މިއާ ބަލައިލިތަން ފެނިގެން އިޔަން ފޯން މެދު ކަނޑާލައިފައި ޖިންސްގެ އަރިމަތީ ޖީބަށް ލިއެވެ. "ކިހިނެތްވީ؟" މިއާ ކުރަން ބޭނުންވި ސުވާލު އޮތީ ހިތުގައެވެ. އެކަމަކު އެލޮލުން ފައުޅު ވަމުން ދިޔަ ބިރުވެރިކަން އިޔަންއަށް ނަގައިގަނެވުނެވެ. "އައެމް ސޮރީ މިއާ..." އިޔަން އިސްޖަހައިލިއެވެ. "އޯ ގޯޑް." މިއާއަށް އަނގަމަތީ އަތް އަޅައިލެވުނެވެ. އެވަގުތު ލޮލަށް ގިނަވެގަތް ކަރުނަތައް ހިފެހެއްޓުމެއްނެތި ކޯތާފަތް މައްޗަށް ފައިބަން ފެށިއެވެ. އޭނާ ދަރިއަކަށް އުންމީދު ނުކޮށް މާބަނޑު ވިއެއް ކަމަކު ފާއިތުވެ ދިޔަ ދުވަސް ތަކުގައި އެދަރިފުޅުގެ ހުވަފެންތައް ދެކުނެވެ. އެދަރިފުޅަށް އޭނާ އިންތިޒާރު ކުރިއެވެ. ގެންގުޅޭނެ ގޮތާއި ބަލައި ބޮޑު ކުރާނެ ގޮތް ހިޔާލު ކުރިއެވެ. އެކަމަކު މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އެހުރިހާ އުންމީދެއް ފެނަށް ވެގެން ދިޔައީއެވެ. ލިބުނު ހިތާމަވެރި ޚަބަރުން ހަޤީޤަތުގައިވެސް މިއާގެ ހިތް ކަތި ލެވިއްޖެއެވެ.
"ދެން ހުއްޓާލާ. މިއާ ތީ ހިތްވަރުގަދަ ކުއްޖެއްނު." އިޔަންގެ ހިތަށް އަސަރު ކޮށްގެން މިއާގެ ކަރުނަތައް ފުހެދޭން ފެށުމުން ހައްތަހާ ބޮޑަށް ރޮވުނެވެ. "މިއާ ޕްލީޒް. އަހަންނަށް ވަރަށް އުދަނގޫ ރޯއަޑު އަހަން." އިޔަން އަށް އުދަނގޫވެގެން އެނދުގެ މަގަތުގައި އިށީންދެފައި މިއާގެ ދެކޮނޑުގައި ހިފައި ގެނެސް މޭގައި ޖައްސައިލިއެވެ. އިރުކޮޅެއް ފަހުން ކޮންމެވެސް މީހަކު އެމަންޒަރު ބަލަން ހުރެފައި ދުއްވައިގަތްއަޑު ދެމީހުންނަށްވެސް އިވުނެވެ. ދެމީހުންމެ ސިހިފައި އެކަކު އަނެކަކާއި ދުރަށް ޖެހިލެވުނެވެ. އިޔަން ދޮރާއި ފުރަގަސްވާ ގޮތަށް އިނުމުން އަންހެންކުއްޖާ ފެނުނީ މިއާ އަށެވެ.
"އިޔަން! އެއީ ޒޯހާ. ޒޯހާ އެދިޔައީ މިތަން ބަލަން ހުރެފަ. އިޔަން އޭނަ ހުއްޓުވާ." މިއާ ދެލޯ ބޮޑުކޮށްލައިފައި ދެވަނަ ސިކުންތުގައި ބާރު ބާރަށް ވާހަކަ ދެއްކިއެވެ. އިޔަން ފަސްއެނބުރި ބަލައިލާފައި ތެދުވެގެން ދުއްވައިގަތުމުން މިއާ ހިތާއި ދިމާއިން މޭގައި އަތް ފިރުމާލައިފައި ހިތާއި ހިތުން ދުޢާކޮށްލީ އިޔަންއަށް އިޔަންގެ ޒޯހާ ހާސިލް ވުމަށް އެދިއެވެ.
މެންދުރު ނަވަލް އައީ މިއާއަށް ކެއުން ހިފައިގެންނެވެ. އިޔަންއަށް ޒޯހާ ފެނުނުތޯ އަހާ ހިތް މިއާ ވިއެވެ. އެކަމަކު އަނގަ ހުޅުވާލައިފައި ވެސް ފަސް ޖެހެވުނީއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އެދެމެދަށް ވެރިވި ދުރުމިން އެއީ މަންމަގެ އަމަލަކަށް ވީތީ އަމިއްލަ ނަފްސްވެސް ކުށްވެރި ކުރެވެނީއެވެ. "އިޔަން އާއި މެދު ތަ ތި ވިސްނަނީ؟" މިއާ އިސްޖަހައިގެން ކާން އިންދައި ނަވަލް ކުއްލިއަކަށް އަހައިލިއެވެ. "ކޮބާ އިޔަން؟" ނަވަލް ފެށުމުން މިއާއަށްވެސް ހިތްވަރު ލިބުނެވެ. "ވަރަށް ލޯބިވޭތަ އިޔަން ދެކެ؟" ނަވަލް ކޮށްލީ އަނެއްކާވެސް ސުވާލެކެވެ. "ތީ ކީއްވެ ކުރި ސުވާލެއް؟ އިޔަން އަހަރެންގެ ވާހަކަ ދެއްކީތަ؟" މިއާ ހައިރާންކަން ފައުޅު ކުރިއެވެ. "ނޫނޭ. އިޔަންއެއް ނުބުނޭ. އެކަމަކު އަހަންނަށް އެނގިއްޖެ މިއާ އިޔަންދެކެ ވަރަށް ލޯބިވާކަން. އެހެންނޫންނަމަ އޭނާއަށް ނުވެސް ފެންނަނީސް ޒޯހާގެ ވާހަކައެއް ނުބުނީހެއްނު. އައި މީން ގިނަ މީހުން ކަންތައް ކުރާނީ އެގޮތަށް. ސިއްރު ކޮށްލާނީ. މިއާ ފަހަރެއްގައިވެސް ހިތަކަށް ނާރާތަ އިޔަން ހާސިލް ވާނެ ނަމައޭ؟" ނަވަލްގެ ވާހަކަ ތަކުން މިއާ އަނެއްކާ އިސް ޖަހައިލިއެވެ.
"އަހަންނަށް އިނގޭ ކިތަންމެ ދުވަހަކު ގާތުގައި ގެންގުޅުނަސް އިޔަންގެ ހިތް ބަދަލެއް ނުވާނެކަން. އިޔަންއަށް އުފާވެރި ހަޔާތެއް ލިބޭނީ ހަމައެކަނި ޒޯހާގެ ފަރާތުން. އެހެންވެ ބުނީ." މިއާ ހާމަކުރީ ހިތުގައި އޮތް ގޮތަށެވެ.
ރޭގަނޑު އެގާރަ ޖަހަން ކައިރިވެފައި ހުއްޓާ މިއާއަށް ކެތްނުވެގެން އިޔަންގެ ފޯނަށް ގުޅަން ފެށިއެވެ. ދެތިން ފަހަރު ގުޅި ފަހުން ފޯން ނެގީ މައިކަލް އެވެ. މިއާ ރަކިވެފައި ވާހަކަވެސް ނުދެއްކުނެވެ. "އިޔަން މި އިނީ އަހަރެންނާ އެކު ގޭގައި." އެކޮޅުން މައިކަލް މިއާއަށް އިއްވައިލަން ވެގެން ބުނެލިއެވެ.
"މިއާ އެގުޅީ." މައިކަލް ފޯން ބާއްވާފައި ބުނެލިއެވެ. އިޔަން އިނީ މޭޒުގައި ދެއުޅަބޮށި ވިއްދައިލައިގެން ދެއަތްތިލަ ތެރޭ މޫނު ފޮރުވާލައިގެންނެވެ. ހޮސްޕިޓަލުން ނިކުތީއްސުރެ އިރު އޮއްސޭންދެން އޭނާ ކުރި ކަމަކީ އަތް ފުނާ އެޅުމެވެ. އެކަމަކު ޒޯހާއެއް ނުފެނެވެ. "އަހަންނަށް ޔަޤީން. ކޮންމެވެސް މީހަކު ޒޯހާއަށް އެހީވަނީ. އެހެންނޫންނަމަ ކިހިނެތް ޒޯހާ އެކަނި ފިލައިގެން އުޅެވޭނީ." އިޔަން ދެއަތް ތިރިކޮށްލާފައި ފެށިއެވެ. "އިޔަން ގޯސް އެއްޗެއް ހީ ނުކުރާތި. އެކަމަކު ތި ވިސްނުމަށް ދިޔައީމަ އަހަރެންގެ ހިތް ބުނަނީ ޒޯހާ އިޔަންއަށް ފެންނަން ބޭނުން ނުވަނީއޭ." މައިކަލް ހިޔާލު ފައުޅު ކުރިއެވެ. "ނުވާނެ އެހެނެއް. ޒޯހާ މަޖުބޫރީއެއްނެތި އަހަރެންނާއި ވަކިވެގެން ނޫޅޭނެ." އިޔަން އެވާހަކަ ގަބޫލެއް ނުކުރިއެވެ.
ހޮސްޕިޓަލުގައި އޮންނަތާ ދެ ދުވަސް ފަހުން މިއާ ގެއަށް އައިސް ވަންއިރު އިޔަން ފެންނާކަށް ނެތެވެ. ފާއިތުވެ ދިޔަ ދެ ދުވަހުވެސް ކަންތައް ވީ އެގޮތަށެވެ. އިޔަން ޒޯހާ ހޯދަމުން ހޮސްޕިޓަލުން ނިކުތީއްސުރެ އެންމެ ފަހަރަކުވެސް އެނބުރި ނުދެއެވެ. މިއާވެސް ކޮންމެހެން ޝަކުވާ ކުރާކަށް ބޭނުމެއް ނުވިއެވެ. އެކަމަކު އެތަނުގައި އޮތްވައި އޭނާއަށް ލިބުނު މައުލޫމާތު ތައް އިޔަން އާއި ހިއްސާ ކުރަން ކެތްމަދުވިއެވެ.
މިއާ އަތް ދަބަސް ސޯފާ މައްޗަށް ދޫކޮށްލައިފައި ފޮށި ބަހައްޓަން މައިކަލް ކައިރީ އިޝާރާތް ކުރީ ދޮރު ކައިރީގައެވެ. މައިކަލް އާއި ނަވަލް އޭނާއަށްޓަކައި ފުދޭވަރަށް އެހީވެއްޖެއެވެ. އިތުރަށް ކުޑަ ކަމެއްވެސް ޖައްސާކަށް މިއާ ދެން ބޭނުމެއް ނޫނެވެ. މިއާ ދެކޮޅަށް ނަޒަރު ހިންގަމުން ގޮސް އިޔަންގެ ކޮޓަރި ހުޅުވައިލި އިރު ފެންނާކަށް ނެތެވެ. މިއާ ގޮސް ފާޚާނާ ދޮރުގައި އަތްލަން އުޅެނިކޮށް އިޔަން އެތެރޭގައި ހުރެފައި ދޮރު ހުޅުވައިލުމުން ސިއްސައިގެން ދިޔައެވެ. "އައެމް ސޯ ސޮރީ އިޔަން." އިޔަން ނުވެސް ފެންނަނީސް މިއާ މޫނުގައި ދެއަތް އަޅާފައި އަނެއްފަރާތަށް އެބުރުނެވެ. "އިޓްސް އޯކޭ. އަހަރެން މިހުރީ ނޭކެޑް ކޮށެއް ނޫން." އިޔަން ޖަވާބު ދިނުމުން މިއާގެ މޫނު ރަތްވިއެވެ. "އިޔަން އަހަރެން މިއައީ ވާހަކައެއް ބުނަން؟" މިއާ އަދިވެސް ހުރީ ފުރަގަސްދީގެންނެވެ. އިރުކޮޅަކުން އިޔަން ގޮސް މިއާގެ ކުރިމަތީ ލޯގަނޑު ކައިރީ ހުއްޓުމުން މޫނުން އަތް ނަގާފައި ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.
"އިޔަން އަހަރެންނަށް އިނގޭ ޒޯހާ ވީތަން." މިއާ ބުނެލި ވާހަކައަށްފަހުވެސް އިޔަން މިފަހަރު ސިއްސައިގެން ނުދިޔައެވެ. "އިޔަންއަށް އެނގެނީތަ އޭނަ ވީތަން؟ ކީއްވެ ހައިރާން ނުވީ؟" މިއާ ލޯގަނޑުން ފެންނަމުން ދިޔަ އިޔަންގެ ސޫރައަށް ބަލަން ހުރެފައި ކައިރިއަށް ދިޔައެވެ. "އަހަރެން ހައިރާން ނުވީ މިއާ ތިގޮތަށް ކަންތައް ކުރާ ފުރަތަމަ ފަހަރު ނޫންވީމަ. ކޮންބޭނުމެއް އޮތީ އަހަރެން ކައިރީ ދޮގު ހެދުމުގެ. އަހަންނަށް އިނގޭ ޒޯހާ ކުއީންސްޓައުންގައި ހުރިނަމަ އަހަރެން ފެންނަ ހިސާބަށް ނައިސް ނުހުންނާނެ ކަން." އިޔަންގެ މޫނުން މިއާއަށް ނުރުހުން ފެނުނެވެ. "ނޫން. ނޫން އިޔަން. ބިލީވް މީ. އަހަރެން ވަރަށް ތެދު ޚަބަރެއް މިދެނީ. އަދި އަހަރެންނަށް ޔަޤީން އެވަގުތުވެސް ފެނުނީ ޒޯހާ ކަން. އިޔަން ޒޯހާ އުޅެނީ މިގޭގެ ތިރީން ފެންނަން އެއޮތް މޫދުގައި އަޅާފައި އޮތް ބޯޓެއްގައި. އަހަރެން މިހެން މިބުނަނީ މައުލޫމާތު ހޯދާފައި. އިޔަން އައި ފަހުން އަހަރެން ކައިރިއަށް ދިޔަ ނަރުސް ކުއްޖަކު ބުނީ ހޮސްޕިޓަލަށް އައި އަންހެން ކުއްޖަކު އަހަރެންނާއި ބެހޭގޮތުން ސުވާލު ކުރި ވާހަކަ. އަހަރެން އޭނަ ކައިރީ ވަރަށް އާދޭސް ކޮށްގެން ދިނީ ޒޯހާ އެކުގައި އައި ފަރާތުގެ މައުލޫމާތު. އެމީހަކީ މިތަނުގެ މީހެއް. އަދި ނަރުސް ކުއްޖާ ކުރީއްސުރެ ދަންނަ މީހެއް. " މިއާ ކިޔައިދިނެވެ.
އެކަމަކު އިޔަން އަދިވެސް ހުރީ ގަބޫލު ނުކުރަން ކަހަލައެވެ. "ޕްލީޒް އިޔަން އަހަރެންނަށް ޓަކައި. އެންމެ ފަހަރަކު މިވާހަކަ ގަބޫލު ކޮށްފަ ހިނގާ ބަލަން." މިއާގެ ވާހަކަ ހުރިގޮތުން އިޔަންއަށްވެސް ހައިރާންކަމެއް ލިބުނެވެ. އެދެމީހުން ގުޅުވަން މިއާ ޝައުޤުވެރި ވާން ފެށީ ކޮންއިރަކު ހެއްޔެވެ؟
ކުޑައިރު ކޮޅެއްގެ ތެރޭގައި އިޔަން ތައްޔާރު ވެލައިގެން ދެމީހުން ކާރުގައި އަތިރި މައްޗަށް ދާން ނައްޓައިލިއެވެ. ވަކި ހިސާބަކުން ކާރު ދޫކޮށްލައިފައި އިޔަން ދުރުމީ ނަގައިގެން ދޮންވެލިގަނޑުމަތީން ކުރިއަށް ހިނގައިގަތެވެ. އަތިރިމަތީގައި ދެޖިންސްގެ ޒުވާނުންނާއި ކުޑަ ކުދިންތައް އޮލަވެފައެވެ. މިއާ ހުރީ އުދަނގޫ ވެފައެވެ. ލޮލުގައި އޮތް އަވި އައިނާއެކު ބޮލުގައި އަޅާފައި އޮތް ސްކާފު ރަނގަޅު ކޮށްލަމުން އިޔަންގެ ފަހަތުން މިއާ ދިޔައެވެ. އެތަނުން ހުސްކޮށް ހުރި ދެ "ބީޗް ޗެއަރ" ގައި ދެމީހުން އިށީންދެފައި އިޔަން ދުރުމީ ނަގައިގެން ބޯޓަށް ބަލަން ފެށުމުން މިއާ އިނީ ހޯދި މައުލޫމާތުން ފައިދާ ކުރޭތޯ ދުޢާ ކޮށްލަ ކޮށްލައެވެ.
"ޒޯހާ. އެއީ ޒޯހާ." އިޔަން ދުރުމީ ލޮލުގައި ޖައްސައިގެން ބަލަން ހުރެފައި އިރުކޮޅަކުން ބާރު ބާރަށް ބުނެލިއެވެ. "ސީރިއަސްކޮށްތަ؟" މިއާގެ ހުރިހާ ދަތެއް އެއްފަހަރާ ފެނުނެވެ. ހީވީ އިޔަންއަށްވުރެވެސް ބޮޑަށް ޒޯހާ ފެނިގެން އުފާވީ މިއާ ހެންނެވެ. "މިއާ އަހަރެން އަންނާނަން ޒޯހާ ގޮވައިގެން. މިއާ މަޑު ކުރޭ." އިޔަން ދުރުމީ މިއާ އަތަށް ދީފައި ގޮސް ދުރުގައިވާ ފާލަން ކައިރީ އަޅާފައިވާ ލޯންޗް ތައް ކައިރިއަށް ދިޔައެވެ. އެތަނުގައި ހުރި މީހަކާއި ވާހަކަ ދައްކައިލުމުން ވަރަށް ފަސޭހައިން ދަތުރެއް ލިބޭ ގޮތްވިއެވެ. އިޔަން ލޯންޗްގައި އެ ބޯޓާއި ދިމާއަށް ނައްޓައިލި އިރު މިއާ އޮތީ ގޮނޑީގައި ހަށިގަނޑު ދަމާލައިގެން އެމަންޒަރު ބަލާށެވެ.
"ކޮން ދުމެއް އެއަރަނީ؟" މިއާއަށް ފާހަގަ ކުރެވުނީ ބޯޓުގެ އެއް ދިމާއަކުން ކަޅު ދުމެއް އަރާކަމެވެ. ބަލަން އިންދައި އިރުކޮޅަކުން ޒޯހާ އިންތަނުން ތެދުވެގެން ދުވެފައި ގޮސް އެހެން ދިމާއަކަށް ވަންތަން ފެނުނެވެ. ދެން ފެނުނީ ބޯޓުގައި އަނދައިގަތް އަލިފާނުގެ ހުޅުގަނޑެވެ. މިއާ ހަޅޭއްލަވައިގެންފައި އިޔަންއަށް ގުޅަން އުޅެ ފޯނެއް ނުނެގިއެވެ. ދާދި އަވަހަށް ހުޅުގަނޑު ބޯޓުގެ ބޮޑުބައެއްގައި ހިފިއެވެ. މިއާ އިޔަންއަށް ގޮވަމުން ދުވެފައި ގޮސް ފާލަމަށް އަރާފައި އިތުރު ލޯންޗެއް ހޯދައިގެން އެދިމާއަށް ދާން ނައްޓައިލިއެވެ. ކެޕްޓަން ލޯންޗް ދުއްވަމުން ދިޔައިރު މިއާ އިނީ އޭރުވެސް ދުރުމީން ބަލާށެވެ. އެވަގުތު އެތެރެއިން ކޮންމެވެސް އެއްޗެހި ތަކެއް ގޮވި އަޑާއި ބޯޓުގެ ބޮޑުބައެއް ކުދި ކުދިވެގެން މައްޗަށް އެރިތަން މިއާއަށް ފެނުނެވެ. އިޔަންގެ ލޯންޗް ދުއްވަން ހުރި މީހާ ވަކި ހިސާބަކުން ލޯންޗް މަޑު ކުރީ އަމިއްލައަށް ކަންނޭނގެއެވެ. ދެން ފެނުނީ އިޔަން އެހިސާބުން މޫދަށް ފުންމައިލާފައި ބޯޓާއި ދިމާއަށް ފަތައިގަތް ތަނެވެ.
"ޒޯހާ! އަހަރެން މިއައީ. ޒޯހާ ބަލާ. އާދޭ އަވަހަށް ދާން." އިޔަން ބޯޓުގެ ހަލާކު ނުވެ އޮތް ހިސާބަކުން އަރާފައި ހަޅޭއްލަވައިގަތެވެ. ހުޅުގަނޑުގެ ހޫނުން އޭނާގެ ހަށިގަނޑަށް ކެތް ނުވާ ހިސާބަށް ދިޔައިރުވެސް ކެތް ކުރިއެވެ. އިރުކޮޅަކުން ޒޯހާގެ ރުއިމުގެ އަޑު އައީ ކުރިމައްޗަށް ހުރި ދޮރެއްގެ ތެރެއިންނެވެ. އިޔަން އެދިމާއަށް ދާން ބަލައިލި އިރު ދޮރުގައިވެސް ހުރީ އަލިފާން ހިފައިފައެވެ. ވިސްނައިލާފައި އިޔަން ކުއްލިއަކަށް ފުންމައިގަނެގެން އެދޮރު ހުރަސް ކޮށް އެތެރެއަށް ވަނެވެ. ޒޯހާ އެތާގައި ހުރި ގޮނޑިއެއްގައި ދެފައި އަރުވައިގެން އިނދެފައި އިޔަން ފެނިގެން ފުންމައިގެން ތެދުވިއެވެ.
"އިޔަން!" ދެވަނަ ސިކުންތުގައި އޭނާ އަޑު ވީއްލައި ރޮއިގެންފައި އިޔަންގެ ކައިރިއަށް އައެވެ. "އަހަރެން ޒޯހާއަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނަން. އައި ޕްރޮމިސް." އިޔަން ޒޯހާ ގެނެސް މޭގައި ޖައްސައިލިއެވެ. މަތިން އަޑުފަތްގަނޑެއް އިވިގެން ދެމީހުންނަށް އެދިމާއަށް ބަލައިލެވުނީ އެކުއެކީގައެވެ. އެވަގުތު ސީލިންގްގައި ރޯވެގެން މަތީގައި ހުރި ހުރިހާ އެއްޗެއް ދެމީހުންގެ ބޮލަށް ފައިބައިގަތެވެ. ވެއްޓި ޖެހުނު ފަހުންވެސް ލޯ މެރޭންދެން އޭނާގެ އަތުތެރޭގައި އޮތް ޒޯހާގެ އަތްތިލަ އިޔަން އިހްސާސް ކުރިއެވެ. ދެން ވީ ގޮތެއް ނޭނގުނެވެ.
*****************
ކަރުނުން އިޔަންގެ ދެލޯ ފޯވެއްޖެއެވެ. ގޮނޑިން ތެދުވެގެން ގޮސް އެނދުގައި އޮތް މިއާގެ ކައިރީގައި އޭނާ މަޑުމަޑުން އޮށޯވެލިއެވެ. އިޔަން ހަނދާން އެބަހުއްޓެވެ. އެހާދިސާއަށްފަހު އޭނާ ލޯ ހުޅުވައިލީ ދިހަ އަހަރުގެ މާޒީ ހަނދާނުން ފުހެވުމަށް ފަހުގައެވެ. ދެރައީ އެހުރިހާ ކަމަކަށްފަހު އަދިވެސް ޒޯހާއަށް ވީ ގޮތެއް ނޭނގޭތީއެވެ. އަނެއްކާ އެހާދިސާ ގައި ޒޯހާ..... ނޫން ނޫން..." އިޔަން ކުއްލިއަކަށް ތެދުވިއެވެ. ކަރުނަތައް ފޭބުމުގެ ކުރިން ލޮލުގެ ކަން ސާފުކޮށްލައިފައި ދެކޮޅަށް ހިނގަނިކޮށް ލޯ ހުއްޓުނީ މިއާގެ އަތް ދަބަހަށެވެ. އިޔަން ހަނދާނަށް އައީ މިއާގެ ޑައިރީއެވެ. ދެން އޭނާއަށް ޖަވާބު ލިބެން އޮތީ މިއާގެ ފުށުންނެވެ. ނޫނީ އެޑައިރީވެސް ފުދޭނެއެވެ. އިޔަން އެހިޔާލުގައި ގޮސް އަތްދަބަސް ހާވައިލި ތަނުން ވަރަށް ފަސޭހައިން ޑައިރީ ފެނުނެވެ. އިޔަން ކެތްތެރި ކަމެއް ނެތި ގަނޑު އުކާލައިފައި އެދުވަހުގެ ތާރީހު ހޯދައިގެން ކިޔަން ފެށިއެވެ.
(ނުނިމޭ)